19 Jun 2010, 07:43
10:00
ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގައި ރޭ ކުޅުނު އެމެރިކާ އާއި ސްލޮވީނިއާ އަދި އިނގިރޭސިވިލާތާއި އަލްޖީރިއާ މެޗު ވެސް އެއްވަރުވެގެން ނިމިއްޖެ އެވެ.
އިންގްލެންޑްގެ އެވަޓަންއަށް ކުޅެމުން އަންނަ އެމެރިކާގެ ހަލުވި ފޯވަޑް ލަންޑަން ޑޮނަވަން ފައިނަލް މެޗެއްގެ ގޮތުގައި ސިފަކުރި ގްރޫޕް ސީގެ ތިން ވަނަ މެޗްގައި ސްލޮވޭނިޔާ ދެ ލަނޑު ޖަހައި ކުރި ހޯދައިފައި ވަނިކޮށް އެމެރިކާއިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަކޮށްފަ އެވެ.
ސްލޮވޭނިޔާ އިން ޖެހި ދެ ލަނޑުވެސް ޖަހައިފައި ވަނީ މެޗްގެ ފުރަތަމަ ހާފްގަ އެވެ. އެމެރިކާއިން ދެ ލަނޑު ވެސް ޖަހާފައި ވަނީ ފަހު ހާފްގަ އެވެ. ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ސްލޮވޭނިޔޭގެ ހަތަރު ކުޅުންތެރިޔަކަށާއި އެމެރިކާގެ ކުޅުންތެރިއަކަށް ރީދޫ ކާޑު ދައްކައިފައިވެ އެވެ.
ރޭ ކުޅުނު ގްރޫޕް ސީގެ ދެވަނަ މެޗުގައި އިންގްލެންޑާއި އަލްޖީރިއާ މެޗް ލަނޑެއް ނުޖެހި ދެޓީމު އެއްވަރުވުމުން މި ގްރޫޕްގެ ހުރިހާ ޓީމަކަށް ވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ވަނީ ހުޅުވިފަ އެވެ.
މެޗްގެ ފުރަތަމަ ހާފްގައި ގިނަ ބަޔަކު ހީކުރި ގޮތާ ޚިލާފަށް މޮޅު ކުޅުމެއް ދައްކައި ގިނަ ހަމަލާތަކެއް އުފައްދާފައި ވަނީ އަލްޖީރިޔާއިންނެވެ. މަޝްހޫރު މޮޅު ކުޅުންތެރިން ތިބި ނަމަވެސް އިންގްލެންޑް ޓީމަށް އެ ކުޅުންތެރިންގެ ބޭނުން ހިފޭ ގޮތެއް ވަނީ ނުވެފަ އެވެ.
ރޭގެ މެޗުތަކަށްފަހު ގްރޫޕްގެ އެއްވަނައިގައި ހަތަރު ޕޮއިންޓާއެކު އުޅެނީ ސްލޮވޭނިޔާ އެވެ. އެމެރިކާ އަދި އިންގްލެންޑް ޕޮއިންޓްގެ ގޮތުން އެއްވަރު ނަމަވެސް ގޯލްގެ ތަފާތުން ދެވަނަ ލިބެނީ އެމެރިކާއަށެވެ. ދެ ޕޮއިންޓާއެކު އިންގްލެން ތިންވަނަ ހިއްސާކުރާއިރު އެއް ޕޮއިންޓް ލިބިފައިވާ އަލްޖީރިޔާ އަށް ވެސް ދެވަނަ ބުރަށް ދެވުމުގެ އުއްމީދު އަދި އެބައޮތެވެ.
ދުނިޔޭގެ ފުޓްބޯޅައިގައި ގަދަ ބާރެއްގެ ގޮތުގައި ބެލެވޭ ޖަރމަނީ ރޭގެ މެޗުން ބަލިވުމުން ގްރޫޕްގެ އެންމެ ފަހު މެޗާ ހަމައަށް އިންތިޒާރުކުރަން ވަނީ ޖެހިފަ އެވެ. ސާބިޔާ އާއި ބައްދަލުކުރި މިމެޗް އެކެއް ސުމަކުން ޖާމަނީ ބަލިވިއިރު މެޗުގެ ކުރީކޮޅު ޓީމުގެ މުހިއްމު ކުޅުންތެރިއަކަށް ވަނީ ރަތް ކާޑު ދައްކާފައެވެ. ފަހުހާފްގައި ޖާމަނީއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ސާބިޔާގެ ގޯލްކީޕަރުގެ ހުށިޔާރުކަމުން އެ ޕެނަލްޓީ ވަނީ ދިފާއުކޮށްފައެވެ. މިހާރު ޕޮއިންޓް ޓޭބަލް ގައި މިހާރު ޖާމަނީ އެއްވަނައިގައި އޮތް ނަމަވެސް ގާނާ އާއި ބައްދަލުކުރާ މެޗަކީ ޖާމަނީ އަށް ފަސޭހަ މެޗަކަށް ނުވާނެއެވެ. މިމެޗް ފޯރިގަދަ ވާނެ ކަމަށް ބެލެވެނީ ޕޮއިންޓްގެ ގޮތުން ގާނާ އާއި ސާބިޔާ އަށް ވެސް ޖާމަނީ އާއި އެއްވަރަށް ޕޮއިންޓް ލިބިފައިވާތީ އެވެ.