ފުވައްމުލަކުގައި ޑައިވިންއަށް ގޮސްއުޅުނު ޓޫރިސްޓަކު މިއަދު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ، އެ މީހާ މަރުވެގެން ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔަ ކަމުގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 10:00 އެހާކަންހާއިރު ކަމަށެވެ. އަދި އެ މީހާއަކީ ޗައިނާއަށް ނިސްބަތްވާ 25 އަހަރުގެ ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި އޭނާ މަރުވީ ޑައިވީނަށް ގޮސް އުޅުމަށް ފަހު ދޯންޏަށް އެރިފަހުން އެވެ. ފުވައްމުލަކަކީ މިފަހަކަށް އައިސް ޑައިވް ކުރާ ޓޫރިސްޓުންގެ މެދުގައި މަގުބޫލުވަމުން އަންނަ މަންޒިލެކެވެ. އެގޮތުން ފުވައްމުލަކު ކައިރިން ފެހުރިއްސާ އާއި މަޑި ފެންނަލެއް ގިނަ އެވެ.

ޑައިވީނަށް ގޮސް އުޅުނު ފަތުރުވެރިޔާ މަރުވި މައްސަލަ ފުލުހުން އަންނަނީ މިހާރު އިތުރަށް ތަހުގީގު ކުރަމުން އެވެ.

އިއްޔެ ދ. ކުޑަހުވަދޫ ކަޑިންމައިން ޑީންގީއެއް ބަންޑުން ޖަހާލައި ސުވިޑަންގެ ޓޫރިސްޓަކު ވެސް ވަނީ މަރުވެފަ އެވެ.

މިފަހަކަށް އައިސް، ޗައިނާ ޓޫރިސްޓުން ގެބިގެން މަރުވުން ވަނީ އާންމު ކަމަކަށްވެފަ އެވެ. އެކަމާ ގުޅިގެން ޓޫރިސްޓުންގެ ސަލާމަތްތެރިކަމަށް އިތުރު ފިޔަވަޅު އެޅުމަށް މިނިސްޓްރީއިން އަންނަނީ މަސައްކަތް ކުރަމުން އެވެ.