21 Nov 2011, 15:42
ސަރުކާރަށް ތަކެތި ގަތުމާއި ހިދުމަތް ހޯދުމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ބޭރު ކޮށްލައިފި އެވެ.
އެ ބިލް ފާސްކުރަން ފެނޭތޯ ވޯޓަށް އެއްސެވުމުން ބިލު ފާސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ ޖަލްސާގައި ތިއްބެވި 61 މެންބަރުންގެ ތެރެއިން 21 މެންބަރުންނެވެ. ބިލު ފާސްކުރަން ބޭނުން ވަނީ 31 ވޯޓެވެ. އެހެންކަމުން އެ ބިލު އަލުން އިސްލާހު ކުރުމަށް ކޮމިޓީ އަށް ފޮނުވަން ފެނޭތޯ ރިޔާސަތުން ވޯޓަށް އެއްސެވި އެވެ. އެ ވަގުތު ޖަލްސާގައި ތިއްބެވި، 61 މެންބަރުންގެ ތެރެއިން ބިލު ކޮމިޓީއަށް ފޮނުވަން ވޯޓު ދެއްވީ 27 މެންބަރުންނެވެ. ކޮމިޓީ އަށް ބިލު ފޮނުވަން ނުފެންނަ ކަމަށް 33 މެންބަރުން ވޯޓު ދެއްވި އެވެ. ކޮމިޓީ އަށް ބިލު ފޮނުވަން ފާސްކުރުމަށް 31 މެންބަރުންގެ ވޯޓު ބޭނުންވާތީ އެ ބިލު ބާތިލްވީ ކަމަށް ރިޔާސަތުން މަޖިލީހުގެ ރައީސް އަބުދުﷲ ޝާޙިދު އިއުލާން ކުރެއްވި އެވެ.
ބިލު ފެއިލްކޮށްލި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބިލަށް ވާހަކަ ދެއްކެވި ހުރިހާ މެންބަރުން ބިލުގެ މުހިއްމު ކަމާއި ބިލަކީ މިހާރުން މިހާރަށް ވެސް ފާސްކުރަން ޖެހޭ ބިލެއް ކަމަށް ވިދާޅުވި އެވެ. ހާއްސަކޮށް ސަރުކާރަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރުން ވިދާޅުވީ މިހާރު ސަރުކާރުގެ ތެރޭގައި ކޮރަޕްޝަންގެ އަމަލުތައް އިންތިހާއަށް މައްޗަށްގޮސްފައި ވާތީ އެކަން ހުއްޓުވުމަށް މި ބިލަކީ ވަރަށް މުހިއްމު ބިލެއް ކަމަށެވެ. އަދި ސަރުކާރާއި އެމްޑީޕީގެ ބައެއް އިސްފަރާތްތަކުން ކޮރަޕްޝަންގެ އަމަލުތައް ވަރަށް ފުޅާ ދާއިރާއެއްގައި ހިންގާ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.
މި ބިލުގައި ދައުލަތުން ތަކެތި ގަތުމުގަ އާއި ދައުލަތަށް ބޭނުންވާ ޕްރޮޖެކްޓްތައް ހަވާލު ކުރުމަށް އުސޫލުތަކެއް ވަނީ ކަނޑައަޅައިފަ އެވެ. އަދި ދައުލަތުގެ މުއައްސަސާތަކުން ތަކެތި ގަނެ ބޭނުންކުރާ ގޮތް މޮނީޓަ ކުރުމަށް ވެސް ވަނީ ހިމަނައިފަ އެވެ. އޭގެ އިތުރުން ޓެންޑާ އިވެލުވޭޝަން ބޯޑަށް މި ބިލުން އިތުރު ބާރުތަކެއްދީ، އެ ބޯޑަށް މެންބަރުން އައްޔަން ކުރުމުގައި މަޖިލީހުގެ ރޯލު އޮތުމަށް ވެސް ބިލުގައި ވަނީ ހިމަނައިފަ އެވެ.