އެއްގަމު އުޅަނދު ފަހަރު ދުއްވުމުގެ ލައިސަންސް ފުވައްމުލަކު އަތޮޅު ކައުންސިލް އިދާރާ އިން ހަދައިދޭން ފެށުމާއެކު ލައިސަންސް ކާޑް ހެދުމަށް 250 އަށް ވުރެ ގިނަ މީހުން ކިޔޫގައި ޖެހިއްޖެ އެވެ.

އަތޮޅު ކައުންސިލްގެ ނައިބް ރައީސް އަލީ ފަޒާލް މިއަދު ވިދާޅުވީ ހިދުމަތް ފެށުމާއެކު ލައިންސަންސް ހައްދަން ކުރިން ހުށަހަޅާފައިވާ ފަރާތްތަކަށް، އެދިފައިވާ ތަރުތީބުން ކާޑު ހަދައިދޭން ފަށާފައިވާ ކަމަށެވެ. އޭނާ އަދި ވިދާޅުވީ ލައިސަންސް ނެގުމަށް ހަދަންޖެހޭ ތިއަރީ ޓެސްޓާއި ޕްރެކްޓިކަލް ޓެސްޓުން ފާސްވެ، ލައިސަންސް ހަދަން ދައްކަން ޖެހޭ ފީ ދައްކާތާ ދެ ދުވަސް ތެރޭގައި ފުވައް މުލަކުން ކާޑު ހައްދައިދޭނެ ކަމަށެވެ.

ފުވައްމުލަކުން ލައިސަންސް ކާޑު ހަދައިދޭން ފެށުމާއެކު މާލޭން ކާޑު ހަދައިގެން ގެންދެވެން ވަގުތީ ގޮތުން ކުރިން ދޫކުރި ލިއުން ދޫކުރުން ވެސް ފުވައްމުލަކުގައި ވަނީ ހުއްޓާލާފަ އެވެ.

"ފުވައްމުލަކު ރައްޔިތުންނަށް ހިދުމަތް މިދެނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ސާވާގެ ތެރެއިން މިހާރު މާލެއާ އެއްއުސޫލުން މާލޭގެ ކާޑުހަދާ ފެންވަރަށް އޭ ޒޯން ކާޑް ހަދައިދިނުމުގެ ހިދުމަތް މިހާރު ކައުންސިލްގެ އިދާރާއިން ލިބޭނެ؛" ފަޒާލް ވިދާޅުވިއެވެ.

ކައުންސިލްގެނައިބް ރައީސް ވިދާޅުވީ ހިދުމަތްތަށް ދެއްވުމަށް ބޭނުންވާ ސާމާނާއި އެމީހުންގެ ތަމްރީނަށް ތިން ލައްކައަށްވުރެ ގިނަ ރުފިޔާ އަތޮޅު ކައުންސިލް ބަޖެޓުން ހަރަދުކޮށްފައިވާ ކަމަށެވެ. ޓްރާންސްޕޯޓް އޮތޯރިޓީންދޭ ހުރިހާ ހިދުމަތްތަކެއް މިދިޔަ މަހުގެ 27 ވަނަ ދުވަހުން ފެށިގެން ފުވައްމުލަކު އަތޮޅު ކައުންސިލް އިދާރާ އިން އަންނަނީ ދެމުންނެވެ.

ފުވައްމުލަކުގައި ރަސްމީކޮށް ލައިސަންސްކާޑް ހައިދިނުމުގެ ހިދުމަތް އިއްޔެ ރަސްމީކޮށް ފައްޓަވައި ދެއްވެވީ ޓުރާންސްޕޯޓް މިނިސްޓަރ އާދިލް ސަލީމެވެ. ނަމަވެސް މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން އެ އިދާރާއިން ލައިސަންސް ކާޑު ހަދައިދޭން ވަނީ ފަށައިފަ އެވެ.