10 Nov 2019, 19:53
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މަނީ ލޯންޑަރިން މައްސަލަ ބައްލަވަމުން ގެންދެވި ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ހައިލަމްއަށް އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެކަމަށް ސަރުކާރުން ބުނެފިއެވެ.
ރައީސް ޔާމީންގެ މަނީ ލޯންޑަރިން މައްސަލައިގެ ހުކުމް އިއްވަން މަދު ގަޑިއިރުކޮޅަކަށް ވެފައި ވަނިކޮށް މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ހައިލަމް ވަނީ ސަސްޕެންޑުކޮށްފަ އެވެ. އެކަމާ ގުޅިގެން އޭނާ ނެރުއްވި ބަޔާނެއްގައި ވަނީ ސަރުކާރުން އޭނާއަށް ނުޒޫފު ފޯރުވަން އުޅުނުކަމުގެ ތުހުމަތު ކުރައްވައިފަ އެވެ.
އެ ތުހުމަތުތައް ރައީސް އޮފީހުން މިއަދު ވަނީ ދޮގުކޮށްފަ އެވެ. ރައީސް އޮފީހުގެ ތަރުޖަމާނު އަހުމަދު ހޫދު މިރޭ "ސަން"އަށް ވިދާޅުވީ، ހައިލަމްއަށް ސަރުކާރުން އެއްވެސް ވަރަކަށް ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށެވެ.
ނުފޫޒު ފޯރުވިކަމުގެ ތުހުމަތުކޮށް، ހައިލަމް ނެރުނު ނޫސްބަޔާނުގައި އޭނާ ވިދާޅުވީ، ރައީސް ޔާމީނަށް ޖަލު ހުކުމެއް އިއްވާނެކަމުގެ ޔަގީންކަން ދިނުމަށް ސަރުކާރުގެ އިސް ބަޔަކު އެދުނު ކަމަށެވެ. އަދި އެ ޔަގީންކަން ނުދޭނަމަ، ކުރީގެ މަޖިލިސް މެމްބަރު އަލްހާން ފަހުމީގެ އަތުން ހައިލަމް ފައިސާ ނެގި މައްސަލަ ބަލައި ސަސްޕެންޑް ކުރާނެކަމުގެ އިންޒާ ދިންކަމަށް އޭނާ ވިދާޅުވިއެވެ.
މި އަހަރުގެ މެއި މަހު އަލްހާން އަތުން 200،000 ރުފިޔާ ހައިލަމް ނެގި މައްސަލައެއް ފުލުހުން ވަނީ ނޮވެމްބަރު ފަސްވަނަ ދުވަހު ޖޭއެސްސީއަށް ހުށަހަޅާފައެވެ. އެ މައްސަލަ ބެލުމަށް ޖޭއެސްސީން ހަމަ އެ ދުވަހު ނިންމި އިރު، އަލްހާމް ފަހުމީ ވިދާޅުވެފައިވަނީ ހައިލަމްއަކީ އޭނާގެ ގާތް ރަހުމަތްތެރިއއް ކަމަށާއި އެ ފައިސާއަކީ އޭނާ ހައިލަމްއަށް ދެއްވި ލޯނެއް ކަމަށެވެ.
ޖޭއެއްސީއިން ހައިލަމް ސަސްޕެންޑް ކުރަން ނިންމީ، ނަސްރުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި، ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް ފޮނުއްވި ކުރެހުމެއްގެ މައްސަލައިގައެވެ. އެ ކުރެހުމުން ދައްކުވައި ދެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗެއިނެއް ޖަހާފައި ހުރި މަންޒަރެވެ.
ހައިލަމް ސަސްޕެންޑު ކުރުމުން، ރައީސް ޔާމީންގެ ވަކީލުން ވިދާޅުވަމުން ދަނީ ޖޭއެސްސީގައި ތިބި ސިޔާސީ ބަޔަކު ދަނީ ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވަން މަސައްކަތްކުރަމުން ކަމަށެވެ.