21 Nov 2011, 14:30
ސަރުކާރާއި އެމްޑީޕީން މެޖޯރިޓީ ކޮންޓްރޯލް ކުރަންބޭނުންވާ ގައުމީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ) އަށް އަލުން މެންބަރުން އައްޔަން ކުރުންމުން މިނިވަން މެންބަރުންގެ ބުރަވާ ކޮޅަކަށް ކޮމެޓީގެ މެޖޯރިޓީ ބަދަލުވުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.
ގައުމީ ސަލާމަތުގެ ހިދުމަތްތަކާ ބެހޭ ކޮމެޓީގައި ހިމެނޭ 13 ގޮނޑީގެ ތެރެއިން ފަސް ގޮނޑި އެމްޑީޕީއަށް، އަދި މަޖިލީހުގައި ހިމެނޭ އިދިކޮޅު ޕާޓީތަކަށް (ޑީއާރްޕީ ދެ ގޮނޑި، ގައުމީ ޕާޓީ، ޖުމްހޫރީ ޕާޓީ، ޕީއޭއިން ކުރެ ކޮންމެ ޕާޓީއަކަށް އެއް ގޮނޑި) ޖުމްލަ ފަސް ގޮނޑި ލިބުމުން، ބާކީވާ ތިން ގޮނޑި ފުރާނީ މިނިވަން މެންބަރުންނެވެ. އެ މެންބަރުން ހޮވާނީ މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ފާސްކޮށްގެންނެވެ.
ރާއްޖޭގެ ސަލާމަތީ ހިދުމަތްތައް އިންތިޒާމްކޮށް ހިނގާ ނުހިގާގޮތް ބަލައި، ފާރަވެރިވުމަށް ގާނޫނު އަސާސީގެ 241 ވަނަ މާއްދާއިން ބާރު ލިބިގެން އުފައްދާފައިވާ ކޮމެޓީގައި ޕީޕީއެމްގެ މެންބަރަކު އަދި ނުހިމެނެއެވެ. އެ ކޮމެޓީގައި ޕީޕީއެމްގެ މެންބަރުން ނުހިމެނެނީ މަޖިލީހުގައި ތަމްސީލު ކުރުމުގެ ފުރުސަތު އެ ޕާޓީއަށް ލިބިފައިނުވާތީ އެވެ. ވުމާއެކު ޕީޕީއެމްގެ މެންބަރުން މަޖިލީހުގައި ތަމްސީލު ކުރަނީ އަމިއްލަ މެންބަރުންގެ ގޮތުގަ އެވެ. ނަމަވެސް 241 ކޮމެޓީއަށް ހޮވާ އަމިއްލަ ތިން މެންބަރުންގެ ގޮތުގައި އެ ޕާޓީގެ މެންބަރުން ހިމެނުމަކީ އެކަށީގެންވާ ކަމެކެވެ.
އެމްޑީޕީއަށް 241 ކޮމެޓީގެ ފަސް ގޮނޑި ދޭން މިއަދު ނިންމުމުން ގައުމީ ޕާޓީގެ ރިޔާޒް ރަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ރިޔާސަތުގައި އިންނެވި އަބްދުﷲ ޝާހިދަށް ފާޑުވިދާޅުވެފަ އެވެ.
ކޮމިޓީއަށް މެންބަރުން ބަހާފައިވާ ގޮތަށް ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ތިއްބެވި 61 މެންބަރުންގެ ތެރެއިން 57 މެންބަރުން އެ ކޮމިޓީ އަށް ތާއީދު ކުރައްވައި ވޯޓް ދެއްވި އެވެ.
ކޮމިޓީ އެކުލަވާލާފައި ވަނީ ގާނޫނު އަސާސީއާ ވެސް ހިލާފަށްކަން ފާހަގަ ކުރައްވައި މިއަދުގެ ޖަލްސާގެ ތެރެއިން ނިޒާމީ މައްސަލަ ނަންގަވައި، ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވީ، ގާނޫނު އަސާސީގެ 241 ވަނަ މާއްދާގައި މަޖިލީހުގެ ކޮމިޓީތައް އެކުލެވިގެން ވާނީ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މައްޗަށް ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން ވަކި ޕާޓީއަކަށް ފަސް ގޮނޑި ދިނުމަށް ފަހު އެހެން ޕާޓީތަކަށް އެއް ގޮނޑި ނުވަތަ ދެ ގޮނޑި ދޭ އުސޫލަށް ކޮމިޓީތައް އެކުލަވައި ނުލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނިޒާމީ މައްސަލަ ނަންގަވައިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވެސް ވަނީ ފާޑު ވިދާޅުވެފަ އެވެ. ގާސިމް ވިދާޅުވީ، މަޖިލީހުގެ އެންމެ ކޮމިޓީއަކުން ޖުމްހޫރީ ޕާޓީއަށް ފުރުސަތު ދީފައިއޮތުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އެ މައްސަލައިގައި މަޖިލީހުގެ ރައީސް އަބުދުﷲ ޝާޙިދު ވިދާޅުވީ، ކޮމިޓީ އެކުލަވާލާފައި ވަނީ މެންބަރުންނާ މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީއަށް މަޖިލީހުގެ އެހެން ކޮމިޓީއަކުން ފުރުސަތު ދެއްވުމާ މެދު ގާސިމާ މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.