21 Nov 2011, 14:20
ނޮދަން ހެލްތު ސާވިސަސް ކޯޕަރޭޝަންގެ ދަށުން ހިންގަމުން އަންނަ ރ. ހުޅުދުއްފާރު ސިއްހީމަރުކަޒުގައި 24 ގަޑިއިރު ހިދުމަތް ދޭން ފަށައިފި އެވެ.
ނޮދަން ހެލްތު ސާވިސް ކޯޕަރޭޝަނުން ބުނި ގޮތުގައި 24 ގަޑިއިރު ހިދުމަތްދޭ ތަނަކަށް ހުޅުދުއްފާރު ސިއްހީމަރުކަޒު ބަދަލުކުރީ އެ މަރުކަޒަށް ޑޮކްޓަރަކާއި ނަރުހުންނާއި ކްލިނިކަލް އެސިސްޓެންޓުންނާއި ރިސެޕްޝަނިސްޓުން އިތުރުކޮށްފަ އެވެ.
ރޭ އޮތް ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ނޮދަން ހެލްތު ސާވިސަސް ކޯޕަރޭޝަންގެ ޑިރެކްޓަރު ޑރ. އަހުމަދު އަޝްރަފު ވިދާޅުވި ކަމަށް އެ ކޯޕަރޭޝަނުން ބުނީ، ހުޅުދުއްފާރު ސިއްހީ މަރުކަޒުގެ ހިދުމަތް 24 ގަޑިއިރު ލިބެން ހުރުމަކީ އެ ރަށުގެ ރައްޔިތުންގެ އިތުރުން އެރަށާއި ކައިރީގައިވާ އެހެން ރަށްރަށުގެ ރައްޔިތުން އެދޭ ކަމެއް ކަމަށެވެ. އަދި ނޮދަން ހެލްތު ސާވިސް ކޯޕަރޭޝަންގެ ދަށުން ހިންގަމުން އަންނަ ސިއްހީމަރުކަޒުތަކުގެ ހިދުމަތް ރަނގަޅުކުރުމަށް އިތުރު މަސައްކަތްތައް ކުރިއަށް ރާވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތޭރަސަތޭކަ ފަންސާސް އަށް މީހުންގެ އާބާދީއެއް އޮންނަ ހުޅުދުއްފާރުގެ ސިއްހީ މަރުކަޒުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުވުމަކީ އެ މަރުކަޒުގެ ހިދުމަތް ހޯދާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމެއް ކަމަށް ނޮދަން ހެލްތު ސާވިސް ކޯޕަރޭޝަނުން ފާހަގަކުރެ އެވެ.
ނޮދަން ހެލްތު ސާވިސް ކޯޕަރޭޝަންގެ ދަށުން ސިއްހީ މަރުކަޒުތަކާއި ރ. ރީޖަނަލް ހޮސްޕިޓަލް ހިންގަން ފެށިފަހުން އެތަންތަނުގެ ހިދުމަތުގެ ފެންވަރު ދަށް ވަމުންދާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ޝަކުވާކުރަމުންނެވެ.