ރާއްޖެއަށް އިމްޕޯޓުކުރާ މުދަލުގެ ފްރައިޓް ކޮންޓްރޯލް ކުރުމަށާއި ގައުމީ ސަލާމަތާއި ރައްކާތެރިކަމަށް ދިވެހި ޝިޕިން ލައިނެއް އުފެއްދުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

މެރިޓައިމް އިންޑަސްޓްރީގެ ފަރާތުން ފާޅުކުރައްވާފައިވާ ކަންބޮޑުވުންތަކާ ގުޅޭގޮތުން ގަރާރު ހުށަހެޅުއްވީ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ އެވެ.

މެމްބަރު ރާއީ ހުށަހެޅުއްވި ގަރާރުގައި ވިދާޅުވެފައި ވަނީ މެރިޓައިމް އިންޑަސްޓްރީއަށް ނިސްބަތްވާ ގިނަ ފަރާތްތަކަކުން، އެ އިންޑަސްޓްރީގައި މަސައްކަތް ކުރުމުގައި ގިނަ ދަތިތަކެއް ކުރިމަތިވަމުންދާކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށެވެ.

އެގޮތުން ދިވެހި ސީމަނުންގެ ފޮތަކީ އިންޓަނޭޝަނަލް ލޭބާ އޮގަނައިޒޭޝަން، އައިއެލްއޯގެ 1958 ވަނަ ކޮންވެންޝަންގެ ދަށުން ދޫކުރަމުން އަންނަ ފޮތެއް ނަމަވެސް އައިއެލްއޯގެ މިންގަނޑުތަކަށް އެ ފޮތް ނުފެތޭ ކަމަށާއި، އެފޮތުގެ ވެރިފަރާތަކީ ސީމަނެއް ކަން ދެނެގަންނާނެ އެއްވެސް ސަލާމަތީ ފީޗާއެއް ނުހުންނަ ކަމަށާއި އެކަމަކީ ބޯޑަރު ކޮންޓްރޯލް ކުރާ ފަރާތްތަކަށް 11 ސެޕްޓެމްބަރު 2000 އިން ފެށިގެނއ ސީރިއަސް ސެކިއުރިޓީ މައްސަލައަކަށް ވެފައިވާ ކަމަކަށް ވާއިރު، އެކަމުގެ ސަބަބުން ސީމަނުންނަށް ބައެއް ގައުމުތަކަށް ނުފޭބި، ޖޫރިމަނާތައް ކުރިމަތިވެ އެ ފަރާތްތަކަށް ވަޒީފާ ހޯދަން ގިނަ ދަތިތަކެއް ކުރިމަތިވަމުންދާ ކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށް ގަރާރުގައިވެއެވެ.

މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގައި 654 ކަނޑު އުޅަނދު ރަޖިސްޓްރީކޮށްފައިވާއިރު މެރިން އެކްސިޑެންޓުތައް ގިނަވަމުން އަންނަ ކަން ގަރާރުގައި ފާހަގަކޮށްފައިވެއެވެ. ހަމައެއާއެކު އުޅަނދު ފަހަރުތަކުގެ ސަލާމަތީ ސާވޭ ކުރުމުގައި ހަރަކާތްތެރި ވަނީ ޓްރާންސްޕޯޓު އޮތޯރިޓީގެ މުވައްޒަފުންގެ އިތުރުން އެ އޮތޯރިޓީން ހުއްދަ ދީފައިވާ ކައުންސިލްތަކުގެ މުވައްޒަފުން ކަމުގައި ވާއިރު އެފަރާތްތަކަކީ ކަމާބެހޭ ފަންނީ އިލްމު ހުރި ބައެއް ކަމުގައި ނުބެލޭނެ ކަމަށެވެ.

އެހެންކަމުން ރާއްޖޭގެ މެރިޓައިމް އިންޑަސްޓްރީ ކުރިއެރުވުމަށްޓަކައި ޓްރާންސްޕޯޓް އޮތޯރިޓީ ރީސްޓްރަކްޗާކޮށް، ރަނގަޅު ފެންވަރުގެ ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދެވޭފަދަ ތަނަކަށް އެ އޮތޯރިޓީ ހެދުން މުހިންމު ކަމަށް ވެސް ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

މެމްބަރު ރާއީ ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ 1990 ގެ އަހަރުތަކުގައި ރާއްޖޭގައި 1000 އަށް ވުރެ ގިނަ ސީމަނުން ތިބި ކަމަށާއި އަދި އާމްދަނީގެ ގޮތުގައި 12 މިލިއަން ޑޮލަރު ރާއްޖެއަށް ލިބެމުން ދިޔަކަން އެނގޭ ކަމަށެވެ. ނަމަވެސް ސީމަނުން ނެތެމުން ގޮސް މިހާރު އެ އަދަދު 300 އަށް ދަށްވެފައިވާ ކަމަށެވެ.

ހަމަ އެއާއެކު ސީމަނުންނަށް ޖަހާ ޔެލޯ ފީވާ ވެކްސިން ކޮންމެ 10 އަހަރުން އެއް ފަހަރު ޖަހަން ޖެހުމާއި، ސީމޭން މެޑިކަލް އަށް ބޭނުންވާ ބައެއް ޓެސްޓުތައް ގިނަ ފަހަރަށް ރާއްޖެއިން ހެދެން ނެތުމާއި ސަރުކާރުން ގަބޫލުކުރާ އަދި އައިއެލްއޯގެ މިންގަނޑަށް ފެތޭ ސީމަނުންގެ މެޑިކަލް އެގްޒަމިނޭޝަން ހަދާ ޑޮކްޓަރުންގެ ލިސްޓެއް ޓްރާނސްޕޯޓު އޮތޯރިޓީގެ ވެބްސައިޓުގައި ފެންނަން ނެތުމުގެ ސަބަބުން ސީމަނުން މެޑިކަލް ހަދަން ރާއްޖެއިން ބޭރަށް ދާން ޖެހޭކަން ވެސް ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން މެރިޓައިމް އިންޑަސްޓްރީއަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ކުރެވިދާނެ ކަންތައްތަކެއް ގަރާރުގައި ވަނީ ހިމަނައިފައެވެ. އޭގެ ތެރޭގައި އެކުވެރި ގައުމުތަކުގެ އެހީގައި ނުވަތަ ސަރުކާރުގެ ލޯން ސްކީމުގެ ދަށުން، މެރިޓައިމް އިންޑަސްޓްރީއަށް ދެ ޖިންސުގެ ދިވެހި ޒުވާނުން ތަމްރީނުކޮށް، ފަންނުގެ ތަޖުރިބާ ހޯދޭނެ ޕްރޮގްރާމްތައް ފަހިކުރުން ހިމެނެއެވެ.

މެރިޓައިމް އިންޑަސްޓްރީއަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ގަރާރުގައި ހިމަނާފައިވާ ކަންކަން:

  1. ރާއްޖޭގައި ހިންގާ ލޮޖިސްޓިކްސް އަދި ޝިޕިން ކުންފުނިތަކުގައި އިސް މަގާމުތަކުގައި ގިނަ އަދަދަކަށް ދިވެހިން ގެންގުޅުމަށް ލާޒިމް ކުރުން

  2. އިމްޕޯޓުކުރާ މުދަލުގެ ފްރައިޓް ކޮންޓްރޯލް ކުރުމަށާއި ގައުމީ ސަލާމަތާއި ރައްކާތެރިކަމަށް ދިވެހި ޝިޕިން ލައިނެއް އުފެއްދުން
  3. ރާއްޖޭގައި ޝިޕިންގ ލޯ ނުވަތަ މެރިޓައިމް ޝިޕިންގ ގާނޫނެއް އެކުލަވާލުން
  4. ބައިނަލްއަގުވާމީ ފެންވަރަށް ރާއްޖޭގައި ސުޕަ ޔޮޓް ފަހަރުގައި މަސައްކަތް ކުރާނެ އޯލެވެލް އަދި އޭލެވެލް ފެންވަރުގެ ދެ ޖިންސުގެ ޒުވާނުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ގައުމީ ލެވެލްގައި ފެށުން
  5. މިކަމަށް ބޭނުންވާ އެހީތެރިކަން އެކުވެރި ގައުމުތަކުން ހޯދުން
  6. މި ޕްރޮގްރާމް ހިންގަން ބައިންލއަގުވާމީ ގޮތުން ކުރިއަރާފައިވާ ޔޮޓް ޓްރެއިނިން ސްކޫލްތަކާއި ކްރޫ ރެކްރޫޓިން ކުންފުނިތަކާ ގުޅުން ގާއިމުކުރުން
  7. މީހުން ތަމްރީނު ކުރުމަށް ލޯން ސްކީމެއް ތައާރަފްކުރުން
  8. ސުޕަ ޔޮޓް ފަހަރުން ވަޒީފާ ހޯދުމަށް ޔޮޓް ޝޯ ތަކުގައި ބައިވެރިވުމަށާއި އެކުވެރި ގައުމުތަކުން އެހީތެރިކަން ހޯދުމަށާއި ޔޮޓް ރެކްރޫޓިން ކުންފުނިތައް ހޯދުން
  9. ސީމަން މެޑިކަލަށް ބޭނުންވާ ޓެސްޓްތައް ހެދޭނެ ގޮތް ހޮސްޕިޓަލް އަދި ކްލިނިކް ތަކުގައި ގާއިމުކުރުން
  10. ރާއްޖޭގައި ހައިޑޯގްރަފީ ސާވޭކޮށް ރާއްޖޭގެ ޗާޓުތައް އަޕްޑޭޓް ކުރުން