10 Nov 2019, 11:48
ފަރަށް އަރާ އުޅަނދުފަހަރު ފުންކުރުމުގައި އަމަލީ ގޮތުން މަސައްކަތް ކޮށްދޭނެ ދައުލަތުގެ އިދާރާއެއް އުފައްދަން ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ.
މެމްބަރު ނާޒިމް މިދިޔަ ހަފްތާގައި މަޖިލީހަށް ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ މަސްދޯނިފަހަރާއި މީހުންނާއި މުދާ އުފުލާ އުޅަނދުފަހަރާއި، ޓޫރިސްޓުން އުފުލާ އުޅަނދުފަހަރާއި، އޮޔާދާ އުޅަނދުފަހަރާއި، ބޭރު ދަތުރުކުރާ އުޅަނދުފަހަރު، ފަރަށް އެރުމުން، އެ އުޅަނދު ފުންކުރުމުގައި އަމަލީ ގޮތުން މަސައްކަތް ކޮށްދޭނެ ދައުލަތުގެ އިދާރާއެއް ނެތުމުން އުޅަނދުގެ ވެރިފަރާތަށް ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހޭ ކަމަށެވެ.
އެގޮތުން އުޅަނދު ފުންކޮށްދޭނެ ފަރާތެއް ވޭތޯ ބަލައި، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދައި އެކަން ކުރުމަށް ބޭނުންވާ ތަކެއްވާއި ވަސީލަތް އެއްތަން ކޮށް، އެފަރާތަށް ވަގުތުން އަގު އަދާކުރުމުގައި ދިމާވާ ދަތިތައް ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.
ހަމައެއާ އެކު އުޅަނދެއް ފަރަށް އެރުމުން، ދިމާވި ގެއްލުމުގެ ޝިކާރައަކަށްވެ، އެހާތަނަށް ލިބެމުން ދިޔަ އާމްދަނީ ހުއްޓުމަކަށް އައިސް، އެ އާމްދަނީއަށް ބަރޯސާވާ އެތައް އާއިލާއަކުން ކުރަމުން އަންނަ ކަންކަމަށް ކުއްލި ހުއްޓުމެއް އަންނަ ކަމަށް ވެސް ގަރާރުގައި ވެއެވެ.

ދަނގެތި ދާއިރާގެ މެމްބަރު ކާނަލް މުހައްމަދު ނާޒިމް
"ފަރަށް އަރާ އުޅަނދެއް ހަލާކުވުމުން، އެ ހަލާކުވެގެން ދަނީ ހަމައެކަނި އުޅަނދެއް ނޫނެވެ. އެ އުޅަނދުގެ މައްޗަށް ބިނާވެފައިވާ އެތައް ދިރިއުޅުމެކެވެ. އެތައް ބައެއްގެ އާމްދަނީގެ ވަސީލަތެވެ." ގަރާރުގައިވެ އެވެ.
ހަމަ އެއާ އެކު އުޅަނދެއް ފަރަށް އަރައިގެން ތިމާވެއްޓަށް ގެއްލުމެއް ލިބިއްޖެ ނަމަ އެކަމަށް އިތުރު ޒިންމާއެއް އުފުލަން ޖެހޭ ކަމަށާއި އުޅަނދު ފުންކޮށްދޭނެ ފަރާތެއް ނުވެ އުޅަނދު ފުން ނުކުރެވި އޮންނަން ޖެހުމުން އިތުރު ގެއްލުންތަކެއް އުފުލަން ޖެހޭކަން މެމްބަރުގެ ގަރާރުގައި ވަނީ ފާހަގަކޮށްފަ އެވެ.
އިންޝުއަރެންސް އޮތް ނަމަވެސް، ގިނަ ފަހަރަށް ކަމެއް ދިމާވާއިރު، ކޮންމެސް ސަބަބަކާ ހުރެ އިންޝުއަރެންސް ފައިސާ ނުލިބޭ ކަމަށާއި އެ ފައިސާ ހޯދަން ކޯޓު މަރުހަލާއަށް ގޮސް އެތައް އަހަރެއް ހޭދަވާ ކަމަށް ގަރާރުގައިވެ އެވެ.
"އިންޝުއަރެންސް ނެތް ނަމަ އަދި މާ ގޯހެވެ. އެއްވެސް ޒަމާނަކުން އެއްވެސް ބަދަލެއް ލިބިދާނެކަމުގެ އުންމީދެއް ކުރުމުގެ ފުރުސަތެއް ވެސް ނޯންނާނެއެވެ."
ގަރާރުގައި ނާޒިމް ވިދާޅުވެފައި ވަނީ ނޫސްތަކަށް ބަލާއިރު ފާއިތުވި 12 ވަރަކަށް މަސް ދުވަހުގެ ތެރޭގައި 10 ވަރަކަށް އުޅަނދަށް މި މައްސަލަ ދިމާވެފައިވާ ކަމަށެވެ.
އުޅަނދެއް ފަރަށް އެރުމުން ފުލުހުންނާއި ސިފައިން ވެސް އިސްކަން ދެނީ މީހުން ސަލާމަތް ކުރުމަށް ކަމަށާއި އުޅަނދާއި މުދާ ސަލާމަތް ކުރަން މަސައްކަތް ކޮށްދެނީ އެކަން ކުރާނެ ވަސީލަތާއި ގޮތްތައް ހަމަޖައްސައިދިނުމުން ކަމަށެވެ.
ފަރަށް އަރާ ދޯންޏެއް ފުންކުރުމަކީ ހަރަދުބޮޑު މަސައްކަތަކަށް ވާއިރު، އެ މަސައްކަތް ކުރުމަކީ ދައުލަތުގެ އިދާރާއެއް މެދުވެރިވެގެން ނުވަތަ ކުންފުންޏެއް މެދުވެރިކޮށްގެން ވެސް ކުރެވޭނެ ކަމެއްގެ ގޮތުގައި އޮތުމަކީ މުހިންމު ކަމެއްގެ ގޮތުގައި ފެންނަ ކަމަށް ނާޒިމް ވިދާޅުވެފައިވެ އެވެ.
އެހެންކަމުން ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ފަރަށް އަރާ އުޅަނދުފަހަރު ފުން ކުރުމުގެ އަމަލީ މަސައްކަތް ކުރާނެ ދައުލަތުގެ އިދާރާއެއް ހަމަޖެހި، އެ އިދާރާ އިން އެކަމުގެ އުސޫލުތަކާއި ނިޒާމުތައް ގާއިމު ކުރުމުގެ ބޭނުންތެރިކަމާއި މުހިންމުކަން ގަބޫލުކޮށް އެކަން ސަރުކާރުގެ ސަމާލު ކަމަށް ގެނެސް، މައްސަލައަށް ހައްލެއް ހޯދައިދިނުމަށް އެދި ސަރުކާރަށް ވަނީ ގޮވާލައިފަ އެވެ.