21 Nov 2011, 14:07
އަންނަ މަހުގެ ދެ ވަނަ ދުވަހު އިންޑިއާގެ ދިއްލީގައި ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ސީޝެލްސްގެ ގައުމީ ޓީމާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމު، މާލޭގައި ކުޅޭ ދެ މެޗްގެ ޓިކެޓް ވިއްކަން ފަށައިފި އެވެ.
އެފްއޭއެމް އިން މައުލޫމާތު ދޭގޮތުގައި، ސީޝެލްސްއާ ދެކޮޅަށް ރާއްޖޭގެ ޤައުމީ ޓީމް ކުޅޭ ފުރަތަމަ މެޗް އޮތީ މާދަމާ ރޭ 9:00 ޖަހާއިރު ގަލޮޅު ދަނޑުގަ އެވެ. އަދި ދެ ވަނަ މެޗް އޮތީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 9:00 ޖަހާއިރު އެވެ.
މި ދެމެޗްގެ ޓިކެޓް ގަލޮޅު ދަނޑުގެ ޓިކެޓް ކައުންޓަރުން ވިއްކަން ފަށާފައިވާ އިރު، ސިޑިބަރީ ޓިކެޓު ވިއްކަނީ ދެ މެޗަށް 30ރ. އަށެވެ. އަދި ގޮނޑިބަރީގެ ޓިކެޓު ވިއްކަނީ ދެ މެޗަށް 70ރ. އަށެވެ.
މާދަމާ ރޭ އަމިއްލަ ފަސްގަޑުގައި ސީޝެލްސްއާ ދެކޮޅަށް ދިވެހި ޓީމް ނުކުންނަ އިރު، ހުސްވި އޮގަސްޓް މަހު ބޭއްވި އަށް ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެ ވަނީ ސީޝެލްސްއަތުން 5-1 އިން ބަލިވެވަ އެވެ.