10 Nov 2019, 09:56
މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ "ބައިސްކޯފު ޕްރެސެންޓްސް ދިވެހި ފިލްމް އެވޯޑްސް 9"ގެ ނޮމިނޭޝަންތައް ރޭ ވަނީ އިއުލާނު ކޮށްފަ އެވެ.
ނޮމިނޭޝަންތަކަށް ބަލާ އިރު އެންމެ ވާދަވެރިވާނެ ކަމަށް ބެލެވޭ ތިން އެވޯޑަކީ އެންމެ މޮޅު ފިލްމުގެ އެވޯޑާއި އެންމެ މޮޅު އެކްޓަރު (އަންހެން) އަދި (ފިރިހެން)ގެ އެވޯޑެވެ.
އެންމެ މޮޅު އަންހެން ބަތަލާގެ ރޭހުގެ އެންމެ ކުރީގައި އުޅެނީ މިވަގުތު ފިލްމު އިންޑަސްޓްރީގައި ރަނިކަން ކުރަމުން އަންނަ ކާމިޔާބު ބަތަލާ މަރިޔަމް އައްޒަ އެވެ. އޭނާ ވަނީ އެންމެ މޮޅު އަންހެން ބަތަލާގެ ކެޓަގަރީ އިން ދެ ފިލްމަކުން ނޮމިނޭޓްވެފަ އެވެ.
އެގޮތުން އައްޒަ ވާދަކުރާ ދެ ފިލްމަކީ ހައްދު އަދި މީ ލޯތްބަކީ އިންނެވެ. އައްޒަ އާއެކު މި އެވޯޑަށް ވާދަކުރަނީ އައްޒަގެ ދައްތަ އާއިޝަތު ރިޝްމީއާ މަރިޔަމް މަޖުދާ އަދި ނުޒުހަތު ޝުއައިބު އެވެ. ރިޝްމީ މި އެވޯޑަށް ނޮމިނޭޓްވީ ފިލްމު ވިޝްކާ އިންނެވެ. މަޖުދާ ނޮމިނޭޓްވީ ވަކިން ލޯބިން ފިލްމުންނެވެ. އަދި ނުޒޫ ނޮމިނޭޓްވީ އޭނާ ކުޅުނު ފުރަތަމަ ފިލްމު މަލިކާ އިންނެވެ.
ފިލްމު އެވޯޑްސްގައި މިއީ މިފަހަރު އެންމެ ވާދަވެރިވާނެ ކަމަށް ބެލެވޭ އެއް ކެޓަގަރީ އެވެ.
އެންމެ މޮޅު ބަތަލުގެ ކެޓަގަރީގައި ވާދަކުރާ ތަރިންނަކީ ފިލްމު ވަކިން ލޯބިން ޖުމައްޔިލް ނިމާލް، މުހައްމަދު މުންތަސިރު (އިލް ނޮއިސް)، ދެވަންސޫރަ ފިލްމުން ޔޫސުފް ޝަފީއު، ރަވީ ފާރޫގު (ވިޝްކާ) އަދި ފިލްމު މަލިކާ އިން އިސްމާއިލް ޒާހިރު އެވެ.
އަންނަ ހަފްތާގައި ބޭއްވުމަށް ހަމަޖެހިފައިވާ އެވޯޑް ހަފްލާ ވީޓީވީ އިން ލައިވް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ދިވެހި ފިލްމް އެވޯޑްސްގައި މި އަހަރު ބައިވެރިކުރުމަށް ހަމަޖައްސާފައި ވަނީ 2017 ވަނަ އަހަރާއި މިދިޔަ އަހަރުގެ ފިލްމުތަކެވެ.