ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހާފައިވާތަން ކުރަހާފައިވާ ފޮޓޯއަކުން ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިޔުމަކީ އިންސާނީ ކަރާމަތަށް އަރައިގަތުމުގެ އަމަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއިން ބުނެފި އެވެ.

ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިޔަން ހައިލަމް ބޭނުން ކުރި ފޮޓޯގައި ރައީސް ސޯލިހާއި، ރައީސް ނަޝީދުގެ ކަރުގައި ޗޭނު ޖަހާފައި ހުރުމުން، އެ މައްސަލަ ހޫނުވިއެވެ. އަދި ޖުޑިޝަލް ސާވިސް ކޮމިޝަނުން ވަނީ އެކަމާ ގުޅިގެން ހައިލަމްގެ ސުލޫކީ މައްސަލަ ބަލަން ނިންމައި އޭނާ ސަސްޕެންޑުވެސްކޮށްފައެވެ.

ހައިލަމް ބޭނުން ކުރި ފޮޓޯއާ ގުޅިގެން މިއަދު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއިން އިނގިރޭސީ ބަހުން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައި ވަނީ ގާނޫނު އަސާސީއިންނާއި އެންޓި ޓޯޗާ ގާނޫނުން ދިވެހި ކޮންމެ ރައްޔިތެއްގެ އިންސާނީ ކަރާމަތު ރައްކާތެރިކުރުމުގެ ހައްގު ފޯރުކޮށްދޭ ކަމެވެ. އެހެންކަމުން، އެފަދަ އަމަލުތަކަށް ދައުލަތުގެ މަގާމެއްގައި ހުރި މީހަކު އަރައިގަނެގެން ނުވާނެ ކަމަށް އެ ކޮމިޓީއިން ބުންޏެވެ.

އަދި ހައިލަމްގެ އެ އަމަލަކީ، އިންސާނީ ކަރާމާތަށް އަރައިގަތުމުގެ އަމަލެއްގެ އިތުރުން، ޔޫއެން ކޮންވެންޝަން އެގެއިންސްޓް ޓޯޗާ އެންޑް އިންހިއުމަން ޑިގްރޭޑިން ޓްރީޓްމަންޓް އެންޑް ޕަނިޝްމަންޓުގެ އާޓިކަލް ތިނަކާ ހިލާފު ކަމެއް ކަމަށްވެސް ކޮމިޓީއިން ބުންޏެވެ.

ގާޒީ ހައިލަމް އަކީ ރައީސް ޔާމީންގެ މަނީ ލޯންޑަރިންގެ މައްސަލަ ބަލަމުން ދިޔަ ގާޒީ އެވެ. އޭނާ ސަސްޕެންޑު ކުރީ އެ މައްސަލައިގައި ހުކުމް އިއްވަން މަދު ގަޑިއިރުތަކަކަށް ވެފައި ވަނިކޮށެވެ.

އެކަމާ ގުޅިގެން ރައީސް ޔާމީންގެ ވަކީލުން ބުނީ، ޖޭއެސްސީއިން ހައިލަމް ސަސްޕެެންޑު ކުރުމަކީ ކޯޓަށް ނުފޫޒު ފޯރުވުން ކަމަށެވެ. އަދި އެ ކަންބޮޑުވުންތައް ބޭރުގެ މީޑިއާތަކާވެސް ހިއްސާކުރި އެވެ.