ނުރައްކާތެރި އަސީލު މައްޗަށް ކުރާ ބަދު އަހުލާގީ އަމަލު ހިންގުމުގެ ތުހުމަތުގެ ދައުވާގެ ޝަރީއަތުގައި ހެކިބަސް ދިން ފުލުހުން، އަސީލާއި އަންހެން ކުއްޖާ ބަދު އަހުލާގީ އަމަލު ހިންގާފައިވާ މަންޒަރު ހިމެނޭ ސީޑީތަކެއް ހުރި ކަމަށް ބުނެފި އެވެ.

ހ. އަގި އަސީލް އިސްމާއީލަކީ ކަތިވަޅިއަކުން މީހަކަށް ހަމަލާދިން ކަން ޝަރީއަތަށް ސާބިތުވެ ހަތް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާ މީހެކެވެ. ބަދު އަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި އޭނާއާއެކު ދެން ދައުވާ ކުރަނީ މާލޭ ދަފްތަރު 1480 މަރިޔަމް ސަނާގެ މައްޗަށެވެ.

އަސީލުއާއި ސަނާގެ މައްޗަށް ކުރަނީ ބަދުއަހުލާގީ އަމަލު ހިންގުމާއި ރާއްޖޭގައި އޮރިޔާންކާޑް އުފެއްދުމާއި ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ.

މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ހެކި ބަސް ދިން ތިން ފުލުހުން ބުނީ އޭޕްރީލް 2011،31 ދުވަހު ސަނާ ދިރިއުޅޭ ކޮޓަރި އަށް ވަދެ ފުލުހުން ފާސް ކުރިއިރު އަސީލު އާއި ސަނާ ބަދުއަޚުލާގީ އަމަލު ހިންގާ މަންޒަރު ދައްކުވައިދޭ ސީޑީތަކެއް ފުލުހުންނަށް ފެނިފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވީ އިތުރު ފުލުހެއްގެ ހެކިބަސް ނަގަން ޖެހިފައިވާތީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އެ ފުލުސްމީހާގެ ހެކިބަސް ނެގުން އޮންނާނެ ކަމަށެވެ.

ބަދުއަޚުލާގީ އަމަލު ހިންގި މައްސަލައިގެ ދައުވާ އެދެ މީހުންގެ މައްޗަށް ކުރަނީ ޝަރީއަތް ކުރުމާބެހޭ ގަވައިދު ދަށުންނެވެ. އޮރިޔާން ކާޑު އުފެއްދުމާއި ގެންގުޅުމުގެ ދައުވާ ކޮށްފައިވަނީ ރާއްޖެއަށް ގެނައުން މަނާތަކެތީގެ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ (ނ) އާއި ހަވާލާދީ އެގާނޫނުގެ 13 ވަނަ މާއްދާގެ (ރ) ގެދަށުންނެވެ.

ގެނައުން މަނާތަކެތީގެ ގާނޫނުގެ ހަތަރުވަނަ މާއްދާގައި ބުނެފައިވަނީ އޮރިޔާން ކާޑް ރާއްޖެއަށް ގެނައުމާއި، ރާއްޖެގައި އުފެއްދުމާއި، ގެންގުޅުމާއި، ދިނުމާއި، ވިއްކުމާއި، ފެތުރުމަކީ މަނާކަމެއް ކަމަށެވެ.
ހަމަ އެގާނޫނުގެ 13 ވަނަ މާއްދާގައި ވަނީ އޮރިޔާން ކާޑް ރާއްޖެއަށް ގެނެސްފި ނުވަތަ ދިވެހިރާއްޖޭގައި އުފައްދައިފި ނުވަތަ މިފަދަ އެއްޗެއް އަތުގައި ބަހައްޓައި، ގެންގުޅެ، ދީ، ވިއްކައިފި ނުވަތަ ފަތުރައިފި މީހެއްގެ އަދަބަކީ ތިން އަހަރާއި އަށް އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން، ނުވަތަ އަރުވާލުން، ނުވަތަ ގޭބަންދު ކުރުމެވެ.