ފެކަލްޓީ އޮފް ހެލްތު ސައެންސަސްގެ ޑީންކަމުގެ މަގާމް ހުންނެވި ޝާހީން އިސްމާއީލަށް އެ މަގާމު ދެއްވާފައިވާނީ އިއުލާނު ކުރުމަކާ ނުލައި ކަމަށް ބުނެ އެކަން ބަލައި ދިނުމަށް އެދި ޑީއާރްޕީން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީއަށް) ހުށައަޅައިފި އެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވީ ޑީއާރްޕީން ހުށައެޅި މައްސަލައިގެ ސިޓީ މިއަދު އެ ކޮމިޝަނަށް ލިބިފައިވާ ކަމަށާއި، އެ މައްސަލަ ބަލަމުންދާތީވެ އިތުރު މައުލޫމާތު ދެވެން ނެތް ކަމަށެވެ.

ޑީއާރްޕީން ވަނީ އޭސީސީއަށް ފޮނުވި ސިޓީގެ ކޮޕީއެއް ސަން އޮންލައިނާ ވެސް ހިއްސާ ކޮށްފަ އެވެ.

އެ ސިޓީގައި ބުނެފައިވަނީ ރައީސުލް ޖުމްހޫރިއްޔާގެ ހާއްސަ އެޑްވައިޒަރު އިބްރާހިމް އިސްމާއިލް (އިބްރާ)ގެ ކޮއްކޮ ޝާހީންނަށް ޑީންކަން ދެއްވާފައި ވަނީ ބޭބެ، އިބުރާ ހިންގަވާ މަންދުލާނިން ކޮލެޖްގައި ޞިއްހީ ކޯސްތައް ހިންގަން މަގުފަހިވާ ގޮތަށް އެކަން ކުރުމަށް ކަމަށެވެ.

ޝާހީން އެ ފެކަލްޓީގެ ޑީންކަމުގެ ހުންނަވައިގެން ހެލްތު ސައެންސަސް އިން ހިންގާ ބައެއް ކޯސްތަކަށް ދަތިކުރަމުން ގެންދާ ކަމަށާއި އެކަން ކުރައްވަނީ ޝާހިންގެ މަސްލަހަތާއި ގުޅިފައިވާ މަންދުކޮލެޖަށް އިތުރު ފުރުސަތުތަކެއް ހޯދައި ދިނުމަށްކަމަށް ކަމަށްވާތީ އެ މައްސަލަ ބަލައިދިނުމަށް އެދޭ ކަމަށް ވެސް ސިޓީގައި ވެއެވެ.

ޑީއާރްޕީން ފެންމަތިކުރި މި މައްސަލައާ ގުޅޭ ގޮތުން ޝާހީންގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ. ޝާހީން މިވަގުތު ހުންނެވީ ޗުއްޓީގަ އެވެ.