ފުލުހުންގެ ބެލުމުގެ ދަށުން ފޭދު ފިނޮޅުގައި ބައިތިއްބައިގެން މުޖުތަމައުގައި ހިނގާ ކުށްތަކުން ދުރުކޮށް އަލުން މުޖުތަމައުއަށް ނެރެން އެހީވެދޭ ކުދިންނަށް ފޭދު ފިނޮޅުގައި ހިންހި ކޯސްތައް ނިމި ކުދިންނަށް ސެޓްފިކެޓް ދީފިއެވެ.

ފުލުހުން ފޭދު ފިނޮޅުގައި ގާއިމްކޮށްފައިވާ ކަރެކްޝަނަލް ޓްރެއިނިން ސެންޓަ ފޯ ޗިލްޑްރަންސް ގައި ކޯސް ފުރިހަމަ ކުރި ކުދިންނަށް ރޭ ސެޓްފިކެޓް ދެއްވީ ހޯމް މިނިސްޓަރު ހަސަން އަފީފެވެ.

ކުދިންނާ މުހާތަބުކޮށް މިނިސްޓަރު ވިދާޅުވީ ލިބުނު ތައުލީމާއި ތަރުބިއްޔަތުގެ އިތުރުން ކުރިޔަށް ހުރި ފުރުސަތު ތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި، ރަނގަޅު ރައްޔިތަކަށްވެ ގައުމަށް ހިދުމަތް ކޮށްދިނުމަށާއި މުސްތަގްބަލުގައި ގައުމުގެ ރަގަޅު ޒުވާނުންތަކަކަށް ވުމަށެވެ.

އަށާރަ އަހަރުން ދަށުގެ 19 ކުދިން ތިބި ސެންޓަރުގައި ހިންގި ކޯސްތައް ފުރިހަމަ ކޮށްގެން 11 ކުއްޖަކު ސެޓްފިކްޓް ހޯދި އެވެ. މީގެ ތެރެއިން 11 ކުއްޖަކަށް އިތުރު ތައުލީމާއި ހުނަރު ދަސްކުރަން މަގު ފަހިކޮށްދިނުމުގެ ސްކޮލާޝިޕެއް ރޭ އެވޯޑް ކުރި އެވެ.

ސެޓްފިކެޓް ލެވެލް އާއި ޑިޕްލިމާ ފެންވަރުގެ ސްކޮލާޝިޕްތަކެއްވަނީ ދީފައި ވަނީ ފޯކަސް އާއި ސެންޓާ ފޯ ކެރިއާ އެންޑް ޓެކްނިކަލް އެޑިއުކޭޝަން (ސީސީޓީއީ) އާއި ސެންޓާ ފޯ އިންފޯމޭޝަން އެންޑް ޓެކްނޮލޮޖީ މެނޭޖްމެންޓް (ސީއައިޓީއެމް) ގެ ފަރާތުންނެވެ.

ރޭގެ ހަފްލާގައި މިނިސްޓާ ހަސަން އަފީފް ގެ އިތުރުން ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ފަސީހް އާއި ސެންޓަރުގެ ކުދިންނާއި އެކުދިންގެ ބެލެނިވެރިން ބައިވެރިވިއެވެ.