07 Nov 2019, 22:27
ހައިކޯޓުގެ ފަނޑިޔާރުންކަމަށް ސިވިލްކޯޓުގައި މަސައްކަތްކުރައްވަމުން ގެންދެވި ދެ ގާޒީން ކަމުގައިވާ ހާތިފް ހިލްމީ އަދި ހުސައިން މަޒީދު މިރޭ އައްޔަނުކޮށްފިއެވެ.
ޖޭއެސްސީގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި، ފަނޑިޔާރު ހާތިފް ހިލްމީ އަދި ފަނޑިޔާރު ހުސައިން މަޒީދަށް ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީއެވެ.
އާ ދެ ފަނޑިޔާރުންނަށް ފަނޑިޔާރުކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ޖޭއެސްސީގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ.
ހާތިފްއާއި މަޒީދު ހައިކޯޓަށް އައްޔަނުކުރުމަށް ޖޭއެސްސީން ނިންމީ އިއްޔެއެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ، ފަނޑިޔާރު ހާތިފް ހިލްމީ އަދި ފަނޑިޔާރު ހުސައިން މަޒީދު ކުރައްވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫށާ
މިރޭގެ ރަސްމިއްޔާތުގައި ޖޭއެސްސީއަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައި ހުންނަވާ މެމްބަރު ހިސާން ހުސައިން ވިދާޅުވީ ޖުޑިޝަލް ސާވިސް ކޮމިޝަނުން ފަނޑިޔާރުން އައްޔަނުކުރުމަށް ގެންގުޅޭ ކްރައިޓީރިއާއަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.
އެގޮތުން ފަނޑިޔާރުން އައްޔަނުކުރުމަކީ "ކޮމިޝަނުގެ މެމްބަރުން ސިއްރު ވޯޓަކުން، ސިއްރު ސިއްރުން ކުރާ ކަމެއް ގޮތުގައި އޮތް އޮތުން" ބަދަލުކޮށްފައިވާކަމަށް ހިސާން ވިދާޅުވިއެވެ.
"ފަނޑިޔާރުކަމަށް އެއްވެސް ބޭފުޅަކު ކުރިމަތިލައްވައިފިނަމަ އަޅުގަނޑުމެން ކުރަންޖެހޭ ދިރާސާތައް ކޮށް، އެ މަސައްކަތްކުރަނީ ހާމަކަމާއެކު، ދެފުއް ފެންނަ ގޮތަކަށް. މާކްސް ދިނުމުގައިވެސް، އިންޓަވިއުކުރުމުގެ ޕްރޮސެސްގައިވެސް،" ހިސާން ވިދާޅުވިއެވެ.
މީގެ އިތުރުން ކިތަންމެ ތަޖުރިބާކާރު އަދި ގާބިލު ބޭފުޅަކު ފަނޑިޔާރުކަމަށް ކުރިމަތިލިޔަސް އެ ބޭފުޅެއްގެ ނަޒާހާތްތެރިކަމާ މެދު ސުވާލު އުފެދޭ ކަމެއް ކޮމިޝަނަށް އެނގިއްޖެނަމަ އެކަމާ މެދު ކޮމިޝަނުން މަޝްވަރާކޮށް، އެ ކަމަކަށް ރިއާއަތްކުރާ ކަމަށްވެސް ހިސާން ވިދާޅުވިއެވެ.
އާ ދެ ފަނޑިޔާރުންނާއެކު ހައި ކޯޓުގެ ބެންޗުގައި މިހާރު 11 ފަނޑިޔާރުން ތިއްބަވާނެއެވެ.
ހައިކޯޓު އެކުލެވިގެންވާ ގޮތަށް ބަދަލު ގެނެސް، ކޯޓުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފައިވަނީ 18 ޖޫން 2017 ގައެވެ. އެ އިސްލާހުން ފަނޑިޔާރުންގެ އަދަދު އިތުރުކުރީ ރާއްޖޭގެ އުތުރުގައާއި ދެކުނުގައި އުފެއްދި ހައިކޯޓުގެ ދެ ގޮފިން ކޮންމެ ގޮތްޕަކަށް ތިން ފަނޑިޔާރުން ހަމަކުރުމަށެވެ.