ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއްގައި ސިޔާސީ ޕާޓީތަކާއި ދައުލަތުގެ ތިން ބާރުގެ ޒިންމާ އާއި ދައުރާ ބެހޭ ގޮތުން އިންޓަނޭޝަނަލް ފައުންޑޭޝަން ފޮ އިލެކްޓޯރަލް ސިސްޓަމްސް ]އައި އެފް އީ އެސް[ގެ ޔޫރަޕް އަދި އޭޝިޔާ ސަރަހައްދުގެ ރީޖަނަލް ޑައިރެކްޓަރު އިލެކްޓޯރަލް ލީގަލް ރިފޯމް އެންޑް ޑިސްޕިއުޓް ރިޒޮލިއުޝަން އެކްސްޕަޓް މރ. ޗެޑް ވިކެރީ ރޭ ރާއްޖޭގައި ތަގުރީރު ކުރައްވައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން އިންތިޒާމުކޮށް، އާންމުކޮށް ހުޅުވާލައިގެން ގައުމީ ޔުނިވަސިޓީގެ އޮޑިޓޯރިއަމްގައި ރޭ ބޭއްވި އެ ތަގުރީރުގައި މރ. ޗެޑް ވަނީ ގިނަ ޕާޓީ އެކުލެވޭ ބަރުލަމާނީ ނިޒާމާއި ރިޔާސީ ނިޒާމާ ދެމެދު ހުންނާނެ މައިގަނޑު ތަފާތުތަކާއި ގިނަ ޕާޓީ އެކުލެވޭ ޑިމޮކްރަސީއެއްގައި ދައުލަތުގެ ތިން ބާރުގެ ޒިންމާއާއި ދައުރު އަދި ސިޔާސީ ޕާޓީތަކާއި މިނިވަން މުއައްސަސާތަކާއި މީޑިޔާގެ ދައުރާ މެދު ވާހަކަ ދެއްކަވައިފަ އެވެ.

ތަޤުރީރު އަޑުއައްސަވަން ވަޑައިގެން ތިއްބެވި ބޭފުޅުންނަށް ސުވާލާ ޖަވާބުގެ ސެޝަނެއް ވެސް އޮތެވެ. މރ. ޗެޑްގެ ތަގުރީރު އަޑުއައްސަވަން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުނާއި ކޯޓުތަކުގެ ފަނޑިޔާރުނާއި ސަރުކާރުގެ ވަޒީރުނާއި ސިޔާސީ ޕާޓީތަކުގެ ވެރިނާއި މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި އެންޖީއޯތަކުގެ އިސްފަރާތްތަކާއި އާއްމުން ތަގުރީރު އަޑުއަހަން ދިޔަ އެވެ.

މި މަހު 15 އިން 22 އަށް މރ. ޗެޑް ވިކެރީ ރާއްޖެ އަށް ކުރެއްވި މި ދަތުރުފުޅުގައި އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ގެނައުމަށް ޓަކައި އިންތިޚާބުތަކާ ގުޅޭ ޤާނޫނުތަކުގައި ހުރި މައްސަލަތައް ދެނެގަތުމަށް ޓަކައި ސިޔާސީ ޕާޓީތަކުގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާއި އެޓާނީޖެނެރަލް އަދި ސޮލިސިޓާ ޖެނެރަލްއާ ވެސް އޭނާ ބައްދަލު ކުރެއްވި ކަމަށް އިލެކްޝަންސް އިން ބުންޏެވެ.