އެއް ގައުމުން އަނެއް ގައުމަށް އިރުއިރުކޮޅާ ސަފީރުން ބަދަލުކުރާ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމެޓީއަށް ފޮރިން މިނިސްޓަރު އަހުމަދު ނަސީމް ހާޒިރު ކުރަން މިއަދު ނިންމައިފި އެވެ.

ނަސީމް މާދަމާ ކޮމެޓީއަށް ހާޒިރު ކުރަން ނިންމީ މިދިޔަ މަހުގެ ދެ ވަނަ ދުވަހު ބޭއްވި ގައުމީ ސަލާމަތުގެ ކޮމެޓީއަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި މަނަދޫ ދާއިރާގެ މެންބަރު މުހައްމަދު ތޯރިގު ހުށަހަޅުއްވައި ތާއީދު ލިބިފައިވާ މައްސަލައެއްގަ އެވެ. އެ ދުވަހު ތޯރިގު ވިދާޅުވެފައި ވަނީ ސަފީރުންނަށް ރުހުން ދޭން ނިންމާއިރު، "އިރުއިރުކޮޅާ ސަފީރުން އެއްގައުމުން އަނެއް ގައުމަށް ބަދަލުކުރާ" ސަބަބު ސަރުކާރުން ސާފުކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި އެ މައްސަލާގައި ޖަވާބުދާރީވާންޖެހޭ ފަރާތަކީ ފޮރިން މިނިސްޓަރު ނަސީމް ކަމަށެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮންނަ ގައުމީ ސަލާމަތުގެ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ކޮމެޓީގެ މުގައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވީ ނަސީމް ކޮމެޓީއަށް ހާޒިރު ކުރާނީ މާދަމާ މެންދުރު 11:15އަށް ކަމަށެވެ. އަދި ވިދާޅުވީ މީގެ ކުރިން ވެސް ނަސީމް ކޮމެޓީއަށް ހާޒިރު ކުރަން މަޝްވަރާ ކުރެވުނު ކަމަށާއި ނަމަވެސް އޭރު ހާޒިރުކޮށް ސުވާލު ނުކުރެވުނީ ސާކް ސަމީޓްގެ ކަންތައްތަކުގައި ނަސީމް އުޅުއްވާތީ ކަމަށެވެ.

ގައުމުތަކަށް ރާއްޖެއިން ކަނޑައަޅާ ސަފީރުންނަށް މަޖިލީހުގެ ރުހުން ހޯދަން ހުށަހަޅާއިރު އެ ބޭފުޅުންގެ ތައުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓްތައް ހުށަނާޅާ މައްސަލަ އެ ކޮމެޓީން މީގެ ކުރިން ވެސް ވަނީ ފެންމަތިކޮށްފަ އެވެ. އަދި އެ ބޭފުޅުންގެ ވަނަވަރާއި ތައުލީމީ ފެންވަރު ކޮމެޓީއަށް ހުށަނާޅާހާ ހިނދަކު އެ ބޭފުޅުންނަށް ރުހުން ނުދޭނެ ކަމަށް ކޮމެޓީގެ މެންބަރުން ވިދާޅުވަމުންދިޔަ އެވެ.

ފަސް ސަފީރަކަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާ ކުރަން ގައުމީ ސަލާމަތުގެ ކޮމެޓިއަށް ހުށަހަޅާފައިވާއިރު އޭގެ ތެރެއިން ތިން ބޭފުޅެއްގެ ތައުލީމީ ފެންވަރުގެ ވަނަވަރު ހުށަހަޅާފައެއް ނުވެ އެވެ. ކޮމެޓީން ވަނީ އެކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސަމާލު ކަމަށް ގެނެސްފަ އެވެ.

މަޖިލީހުގެ ރުހުން ދިނުމަށް ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ ފަސް ނަމުގެ ތެރޭގައި މަޖިލީހުން ރުހުން ނުލިބުމުން ޑިފެންސް މިނިސްޓަރުގެ މަގާމުން އިސްތިއުފާދެއްވި އަމީން ފައިސަލް ހިމެނެ އެވެ. އޭނާ ނަން ހުށަހަޅުއްވާފައި ވަނީ އިންޑިއާގެ ސަފީރަކަށެވެ. އަދި ބަންގްލަދޭޝްގައި ހުންނަވާ ސަފީރު އަހުމަދު ޒަރީރު އެމެރިކާގެ ސަފީރު ކަމަށް ހަމަޖެއްސެވުމަށާއި ސިންގަޕޫރުގައި ހުންނަވާ ސަފީރު މުހައްމަދު ހަލީލް ބަންގްލަދޭޝްގެ ސަފީރު ކަމަށް، ސިންގަޕޫރުގައި ހުންނަވާ ސަފީރުގެ ނާއިބު މުހައްމަދު އިބްރާހިމް ދީދީ (މޮޑީ) ސިންގަޕޫރުގެ ސަފީރު ކަމަށް ކަނޑައެޅުމަށް ވެސް ހުށަހަޅުއްވާފައިވެ އެވެ. މީގެ އިތުރުން ޔޫއޭއީގެ ސަފީރު ކަމަށް ށ. މާއުނގޫދޫ ކަރަންކާގޭ އަހުމަދު ރަޝީދު ހަމައްޖެސެވުމަށް ވެސް ރައީސް ނަޝީދު ވަނީ މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ.