ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބައެއް ހިދުމަތްތަކަށް މިހާރު ބުރޫ އަރަމުންދަނީ ޑިސްޓްރިބިއުޓަޑް ޑިނަޔަލް އޮފް ސާވިސް (ޑީޑޮސް) ހަމަލާތަކެއްގެ ސަބަބުން ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލްއިން ކުރި ޓުވީޓެއްގައި ބުނީ ޑީޑޮސް ހަމަލާތަކެއްގެ ސަބަބުން އެ ބޭންކުގެ ވެބްސައިޓް، ޔޫއެސް ޑޮލަރު ޕޯޓަލް، ޕޭމަންޓް ގޭޓްވޭ އަދި މޮބައިލް ބޭންކިންގެ އިތުރުން އިންޓަނެޓް ބޭންކިންގެ ހިދުމަތްތަކަށް ބުރޫ އަރާފައިވާ ކަމަށެވެ. ބީއެމްއެލްގެ އެޕްގެ ހިދުމަތް ވެސް ދޭތެރެ ދޭތެރެއިން އަންނަނީ ކެނޑެމުން އެވެ.

އެކަމުގެ ސަބަބުން ހިދުމަތް ހޯދުމުގައި ދަތިތަކެއް ކުރިމަތިވާ ކަސްޓަމަރުންގެ ފަރާތުން ބީއެމްއެލްއިން ވަނީ މައާފަށް އެދިފަ އެވެ.

އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ބީއެމްއެލްއިން ބުނެ އެވެ. ނަމަވެސް ހައްލުވާނެ ވަކި ގަޑިއެއް ނުވަތަ ތާރީޚެއް ބީއެމްއެލްއިން ބުނެފައި ނުވެ އެވެ.

ޑީޑޮސް ހަމަލާތަކުގެ ސަބަބުން ބީއެމްއެލްގެ އިތުރުން ރާއްޖެއާއި ދުނިޔޭގެ އެހެން ޤައުމުތަކުގެ ވެސް މުވާސަލާތީ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކަށް އެކި ފަހަރު މަތިން ވަނީ މައްސަލަތަކާ ކުރިމަތިވެފަ އެވެ.