07 Nov 2019, 14:40
އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ޑރ އަފްރާޝީމް އަލީގެ މަރުގެ ތަހުގީގު ގެއްލުވާލާފައިވާ މީހުންނާއި މަރާލާފަައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ތަހުގީގުކޮށް ނިންމައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތަހުގީގު ރިޕޯޓު ފޮނުވާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
ގެއްލުވާލާފައިވާ މީހުންނާއި މަރާލާފަައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނެފަވަނީ އެ މައްސަލައިގެ ތަހުގީގު ރިޕޯޓު ފައިނަލްކޮށް މިހާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެ ރިޕޯޓު ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެ ރިޕޯޓުގެ މައުލޫމާތު އާންމު ކުރާނެ ވަކިއިރެއް އެ ކޮމިޝަނަކުން ނުބުނެ އެވެ.
މީގެ މަހެއްހާ ދުވަސް ކުރިން އެ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވީ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު އަފްރާޝީމް އަލީ މަރާލި މީހުންނާއި އެކަން ރޭވި މީހުން ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ހާމަ ކުރާނެ ކަމަށެވެ. ނަމަވެސް އަދި މިހާތައް އެ މީހުންގެ ނަންތައް ހާމަކޮށްފައެއް ނުވެ އެވެ.
އަފްރާޝީމްގެ މަރަށް އިންސާފު ހޯދައިދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ. މީގެ ކުރިން މަރު ކޮމިޝަނުން ބުނެފައި ވަނީ އަފްރާޝީމް މަރާލުމުގެ ފަހަތުގައި ތިބި މީހުން މިހާރު ހޯދިފައިވާ ކަމަށެވެ. އަދި އަފްރާޝީމް އާއި އާއިލާއަށް އިންސާފު ހޯދައިދެވޭނެ ކަމުގެ ޔަގީންކަން ވެސް ކޮމިޝަނުން ވަނީ ދީފައެވެ.
އަދި އެ މަރުގެ ވަރަށް ތަފްސީލް ރިޕޯޓެއް ކޮމިޝަނުން ހިއްސާކޮށްފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ވިދާޅުވެފައެވެ.
ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އޭނާ ދިރުއުޅުއްވި ހ. ފުންވިލުގެއަށް ވަދެވަޑައިގަންނަވަނިކޮށެވެ. ޑރ. އަފްރާޝީމްގެ ބޮލާއި ހަށިގަނޑުގެ އެކި ތަންތަނަށް ކަތިވަޅިން ބޮޑެތި ހަމަލާތަކެއް ވަނީ ދީފައެވެ.
އަފްރާޝީމްގެ މަރާލިކަމަށް ހ. ލޮބީ ހުސައިން ހުމާމްގެ މައްޗަށް ސާބިތުވެ، އޭނާ މެރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އަދި އެ ހުކުމް ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓައިފަ އެވެ.