21 Nov 2011, 12:23
ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދުގެ ދެވަނަ ފުރުސަތު ޕްރޮގްރާމްގެ ދަށުން ޖަލުގައި ހުކުމް ތަންފީޒު ކުރާ ކުށްވެރިން މުޖުތަމައަށް ދޫކުރާ މައްސަލަ ތަހުގީގު ކުރުމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ހިންގާ ތަހުގީގަށް ކަމާ ބެހޭ ސަރުކާރުގެ އިދާރާތަކުން އެއްބާރުލުން ނުދޭ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
އެޗްއާރުސީއެމް ކުރާ މަސައްކަތްތަކުގެ މައުލޫމާތު މީޑިޔާއަށް ހިއްސާ ކުރުމަށް އެ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ މެންބަރު އަހްމަދު އަބްދުލްކަރީމް ވިދާޅުވީ ދެ ވަނަ ފުރުސަތުގެ ދަށުން ކުށްވެރިންތަކެއް މުޖުތަމައަށް ދޫކުރަނީ ވަކި ހާއްސަ އުސޫލެއްގެ ދަށުން ކަމަށް ސަރުކާރުން ބުނި ނަމަވެސް އެ ފުރުސަތުގެ ދަށުން މުޖުތަމައަށް ނުރައްކާވާ ފަދަ ކުށްތަކަށް އަރައިގެންފައިވާ މީހުން ވެސް ދޫކުރާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެގޮތުން އެ ޕްރޮގްރާމް ކުރިއަށްދާ ގޮތް ބެލުމަށް ފަށާފައިވާ ތަހުގީގަށް ޑީޕީއާރްއެސް އިން އާއި ހޯމް މިނިސްޓްރީން ވެސް އެކަށީގެންވާ އެއްބާރުލުމެއް ނުދޭ ކަމަށެވެ.
"ދެވަނަ ފުރުސަތުގެ މީހުން މި ދޫކުރެވެނީ އަޅުގަނޑުމެންނަށް އެނގިފައި ވަނީ އަދި މީޑިޔާގައި ވެސް އެބޭފުޅުން ވިދާޅުވެފައި ވަނީ ހަމައެކަނި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ކަމަށް. މުޖުތަމައަށް ނުރައްކާތެރި ބޮޑެތި ކުށްވެރިން ނުތިބޭނެ ކަމަށް. އެހެންނަމަވެސް ބައެއް ފަރާތްތަކުން އަޅުގަނޑުމެންނަށް ނުރަސްމީކޮށް ލިބޭ މައުލޫމާތުތަކަށް ބަލާއިރު ވައްކަމާއި ފޭރުމާއި މާރާމާރީ އެކި ކުށްކުށުގެ މީހުން ވެސް މީގެ ތެރޭއިން ލާފައި ނުކުންނަ ކަމަށް" އެޗްއާރްސީއެމްގެ ފަސް މެންބަރުން ބައިވެރިވި އެ ޖަލްސާގައި އަހުމަދު ވިދާޅުވި އެވެ. "މައުލޫމާތު ލިބޭތީ އެކަން ދަނީ ކޮންގޮތަކަށްތޯ ބެލުމަށްޓަކައި މި ކަމުގެ މައުލޫމާތު ހޯދުމަށް ކަމާ ބެހޭ ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަތާ ވަރަށް ގިނަ ދުވަސްވެއްޖެ. އެކަށީގެންވާ އެއްބާރުލުމެއް އެފަރާތްތަކަކުން ނުދޭ. ހޯމް މިނިސްޓްރީ އާއި ޑީޕީއާރްއެސްއާއި އަދި ދެވަނަ ފުރުސަތު އޮފީހުން ހޯދަން ޖެހޭ މައުލޫމާތުތަކެއް އެބަހުރި،"
އަހުމަދު ވިދާޅުވީ އެކި ނަންނަމުގައި ކުށްވެރިން ދޫކުރުމަކީ އެ ކޮމިޝަނުން ދެކޮޅުހަދާ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ ހުކުމް ތަންފީޒު ކުރާ މީހުންނަކީ ޖަލުގައި ތިބެގެން މުޖުތަމައަށް އަހުލުވެރިވެ އިސްލާހު ވެގެން ނުކުންނަން ޖެހޭ ބައެއް ކަމަށެވެ.
ދެވަނަ ފުރުސަތު ޕްރޮގްރާމުން ދޫކުރަނީ ކޮން ކުށްތަކެއްގެ ހުކުމް ތަންފީޒު ކުރާ މީހުންތޯ އާއި ހުކުމުގެ މުއްދަތާއި ހުކުމުގައި ބާކީ އޮތްވަރާއި ދޫކުރާ މީހުން މޮނިޓާ ކުރަން ގެންގުޅޭ ގޮތްތަކާއި އަލުން ޖަލަށް ގެންދާ އުސޫލުތަކުގެ މައުލޫމާތު ހޯދަން ޖެހިފައިވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހާ ގިނަ ބަޔަކު އެއްފަހަރާ ނެރުނީމާ މުޖުމަތަމައު ހަލަބޮލިވެ، އިތުރު ކުށްތަކަށް އަރައިގަތުމުގެ ކަންތައްތައް ހިނގާ. އެކަން ކަށަވަރުކޮށްފައި ނޫނީ އެއްޗެއް ނުބުނެވޭނެ. އެކަން ބެލުމުގެ މަސައްކަތް އެދުވަހުން ފެށިގެން މިއަދާ ހަމައަށް ކުރިއަށް މިދަނީ. އެހެންނަމަވެސް އަޅުގަނޑުމެންނަށް އެކަށީގެންވާ އެއްބާރުލުމެއް ނުލިބޭތީ ލަސްވަނީ،" އަހުމަދު ވިދާޅުވި އެވެ.
ކޮމިޝަންގެ ތަހުގީގަށް ހޯދަން ބޭނުންވާ މައުލޫމާތު ނުލިބިއްޖެ ނަމަ އެ މައުލޫމާތު ހޯދުމަށް އެ ކޮމިޝަނަށް ގާނޫނުން ލިބިފައިވާ ބާރުގެ ބޭނުންކުރާނެ ކަމަށް ވެސް އަހުމަދު ވިދާޅުވި އެވެ.
"ތަހުގީގަށް ބޭނުންވާ މައުލޫމާތެއް ލިޔެގެން ނުލިބިއްޖެ ނަމަ އެތަނަށް ގޮސްގެން ވެސް މައުލޫމާތުތައް ގެނެވޭ. އަދި ކޯޓުއަމުރެއް ނެރެގެންވެސް ގެނެވޭ. އަދި ނުދީފި ނަމަ ދައުވާ ވެސް ކުރެވޭ. އެ ހުރިހާ މަރުހަލާތަކެއް ކުރިއަށް ގެންދާނަން. އެކަން ކުރަމުން މި ގެންދަނީ،" އަހުމަދު ވިދާޅުވި އެވެ.
މިނިވަން ދުވަހާއި ދިމާކޮށް އިއުލާންކުރި ދެވަނަ ފުރުސަތުގެ ދަށުން 400 ގައިދީއަކު ދޫކޮށްލަން ނިންމާފައިވާ އިރު އޭގެތެރެއިން ގިނަ ބަޔަކު ވަނީ ދޫކޮށްފަ އެވެ. އެމީހުން ދޫކުރަމުން އަންނަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ.