21 Nov 2011, 12:06
ށ. ފޯކައިދޫގައި ހަތަރު މަހުގެ ކުޑަ ކުއްޖަކު ނިދާފައި އޮއްވާ ދެ ގޮދަޑި ދޭތެރޭ ތާށިވެގެން މިއަދު ހެނދުނު މަރުވެއްޖެ އެވެ.
މަރުވެފައިވަނީ އެރަށު ރޯމް އުމުރުން ހަތަރު މަހުގެ އާނިޝް ބިން އަގީލެވެ.
ސަބް އިންސްޕެކްޓަ އޮފް ޕޮލިސް އަހުމަދު ޝިޔާމް ވިދާޅުވީ ފޯކައިދޫ، ތުއްތު ފިރިހެން ކުއްޖާގެ މައުލޫމާތު ފުރަތަމަ ލިބުނު އިރު އެ ކުއްޖާ މަރުވީ އެނދުން ވެއްޓިގެން ކަމަށް އެނގުނު ކަމަށެވެ. ނަމަވެސް ފުލުހުން އެ ގެ އަށް ގޮސް ބެލިބެލުމުން މިހާތަނަށް ބެލެވޭގޮތުގައި އެ ކުއްޖާ މަރުވީ ނިދާފައި އޮތް އެނދުގައި އަޅާފައި އޮތް ދެ ގޮދަޑި ދޭތެރޭގައި ތާށިވެ ނޭވާ ހާސްވެގެން ކަމަށެވެ. އެ ހާދިސާ ހިނގި ގޮތް އިތުރަށް ބަލަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފޯކައިދޫ ސިއްހީ މަރުކަޒްގެ އެޑްމިނިސްޓްރޭޓާ އޮފިސަރު ހަލީމަތު ޝަހުލާ ވިދާޅުވީ ތުއްތު ކުއްޖާ، މިއަދު ހެނދުނު ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް މަރުވެފައިވާކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށާއި އެއްވެސް ކަހަލަ ޒަހަމެއް ކުއްޖާގެ ހަށިގަނޑުން ފެނިފައި ނުވާ ކަމަށެވެ.
އެކުއްޖާގެ އާއިލާ އާއި ހަވާލާ ދެއްވާ ޝަހުލާ ވިދާޅުވީ ބޮޑު އެނދެއްގެ ދެ ގޮދަޑި ފައްތަރުވެފައިވާ ތަނުގައި ކުއްޖާ އެއްވެސް ހަރަކާތެއްނެތި ބޯ އަރިއަށް އޮތްކަން އެގުމުން ސިއްހީމަރުކަޒަށް ގެންދިޔައީ ކަމަށެވެ.
އެކުއްޖާ ޖަނާޒާގެކަންތަށް މިހާރުކުރިއަށް ދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.