ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތް މި މަހުގެ 17 ވަނަ ދުވަހަށް ކުރިމިނަލް ކޯޓުން ތާވަލްކޮށްފި އެވެ.

އެމަނިކުފާނު ވަކީލު އަބްދުﷲ ސިޔާޒު އެކަން މިއަދު "ސަން"އަށް ކަށަވަރުކޮށްދެއްވި އެވެ. ވަކީލުންގެ ޓީމުން ބުނީ އެ މައްސަލަ މި މަހުގެ 17 އަށް ތާވަލްކޮށް ޗިޓް ފޮނުވީ އިސްގާޒީ ސެކްޝަނުން މައްސަލަ ބައްލަވާ ގޮތަށް ކަމަށެވެ.

ރައީސް ޔާމީންގެ މައްސަލައިގައި ހުކުމް އިއްވުމުގެ އަޑުއެހުން މިދިޔަ އަންގާރަ ދުވަހު ބާއްވަން ތާވަލްކުރި ނަމަވެސް، އެ މައްސަލަ ބައްލަވަމުން ގެންދެވި އެ ކޯޓްގެ އިސް ގާޒީ އަހުމަދު ހައިލަމް ފަހު ވަގުތު ސަސްޕެންޑް ކުރުމުން އެ ޝަރީއަތުގެ މަޖިލިސް ކެންސަލްކުރި އެވެ. ހައިލަމް ސަސްޕެންޑު ކޮށްފައި ވަނީ 60 ދުވަހަށެވެ.

އޭނާ ސަސްޕެންޑު ކުރުމާ އެކު ކްރިމިނަލް ކޯޓުގެ ހިންގުން ގާޒީ އަލީ ރަޝީދާ ވަނީ ހަވާލުކޮށްފަ އެވެ. ޖޭއެސްސީއިން ގާޒީ އަލީ ރަޝީދު ކްރިމިނަލް ކޯޓަށް ބަދަލު ކުރީ މި އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގަ އެވެ. އޭގެ ކުރިން ހުންނެވީ ޑްރަގް ކޯޓުގެ ގާޒީ ކަމުގަ އެވެ.

ހައިލަމް ސަސްޕެންޑު ކުރުމުން ރައީސް ޔާމީންގެ ޝަރީއަތަށް ދެން ވާނޭ ގޮތެއް އަދި ނޭނގެ އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 152 ވަނަ މާއްދާގައިވާ ގޮތުން މައްސަލަ ބެލުމަށް ފަނޑިޔާރު ނުކުޅެދޭ ހާލަތުގައި އެ ކޯޓަކަށް ކަނޑައެޅިފައިވާ އެހެން ފަނޑިޔާރަކަށް މައްސަލަ ކުރިއަށް ގެންދެވިދާނެ އެވެ. ނުވަތަ މައްސަލައިގެ ޝަރީއަތް އަލުން ބޭއްވުމަށް ވެސް ކަނޑައެޅިދާނެ އެވެ. ގާޒީ ހައިލަމްގެ މައްސަލަ ބަލައި އޭނާ މަގާމުން ވަކިކޮށްފި ނަމަ އެހެން ގާޒީ އަކާ މައްސަލަ ހަވާލު ކުރެވޭނެ އެވެ. އެ ގާޒީއަކަށް މައްސަލަ އަލުން ފަށައިގެން ބެލުމުގެ އިހްތިޔާރުވެސް ލިބިގެންވެ އެވެ.

ލައިވްކޮށް ދުރަށް ދައްކައިގެން ކުރިއަށް ގެންދިޔަ ޝަރީއަތެއްގައި ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ހައިލަމްގެ މައްޗަށް ވަނީ ސީރިއަސް ތުހުމަތުތަކެއްވެސް ކުރެވިފައެވެ. އިއްޔެ ޖޭއެސްސީއިން ބުނެފައި ވަނީ މިއަހަރުގެ މޭ 19 ވަނަ ދުވަހު ކުރީގެ މެމްބަރު އަލްހާން ފަހުމީ ގާޒީ ހައިލަމްއަށް 200،000 ރުފިޔާ ދިން މައްސަލައެއް އެ ކޮމިޝަނުން ބަލަމުންދާ ކަމަށެވެ. އަލްހާން ފަހުމީ އެކަމާ ބެހޭގޮތުން ވިދާޅުވީ، އެއީ އޭނާ ގާޒީ ހައިލަމަށް ދެއްވި ލޯނެއް ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކޮށްފައި ވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ކިޔާ ފަޅު ރަށެއް ދޫކޮށް ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، އެ ފައިސާގެ އަސްލު އޮޅުވާލުމުންނެވެ.