07 Nov 2019, 00:21
އިންޑިއާގެ ބެންގަލޫރުން ރާއްޖެ އައި ދެ މީހެއްގެ އަތުން ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފިއެވެ.
އެ މީހުން ރާއްޖެ އައިސްފައިވަނީ ނޮވެމްބަރު ދެވަނަ ދުވަހުގެ ހަވީރު ކަމަށް ކަސްޓަމްސްއިން ބުނެއެވެ. އަދި މަސްތުވާތަކެތި ފެނިފައިވަނީ އުމުރުން 23 އަހަރާއި 24 އަހަރުގެ އިންޑިއާ ދެ ފިރިހެނުންގެ ލަގެޖުން ކަމަށްވެސް ކަސްޓަމްސްއިން ބުނެއެވެ.
އެތަކެތި ފެނުނީ އެ ދެމީހުންގެ ލަގެޖު އެކްސްރޭ ކުރި އިރު، ފޮށި ތެރޭގައި އެއްޗެއް ފޮރުވާފައި ހުރިކަން ފާހަގަވެގެން ކަސްޓަމްސްއިން ބެލުމުންނެވެ. އެތަކެތި ފުރަތަމަ މަރުހަލާގައި ވެސް މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހަޝިޝް އޮއިލްއަށް ޕޮސިޓިވް ވެފައިވާކަން ކަސްޓަމްސް އިން ބުންޏެވެ.
އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި 2.146 ހުރި އިރު އެތަކެތީގެ މަގުމަތީގެ އަގުގެ ގޮތުގައި 572،980 ރުފިޔާއަށް އަރާކަމަށް ކަސްޓަމްސްއިން ބުނެއެވެ.
އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނައިރު މަސްތުވާތަކެއްޗާއިއެކު ދެ މީހުންވެސް މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.