06 Nov 2019, 20:01
ސަސްޕެންޑްކޮށްފައިވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމްއަށް ދެ ލައްކަ ރުފިޔާ ދީފައިވާނެ ކަމަށާއި އެއޯ ލޯނެއް ކަމަށް ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
މިއަހަރުގެ މޭ 19 ވަނަ ދުވަހު އަލްހާން ފަހުމީ، ގާޒީ ހައިލަމްއަށް 200،000 ރުފިޔާގެ ޓްރާންސެކްޝަނެއް ހިންގާފައިވާ ކަމަށް ބުނެ ފުލުހުން ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ސަމާލުކަމަށް އެކަން ގެނެސްފައިވާ ކަމަށެވެ. އެހެންކަމުން އެއީ ފަނޑިޔާރުގެ ސުލޫކާ ގުޅޭ ސީރިއަސް މައްސަލައަކަށް ވާތީ އެ މައްސަލަ ބަލަން ނިންމާފައިވާ ކަމަށްވެސް ޖޭއެސްސީއިން މިއަދު ވަނީ ބުނެފައެވެ.
އެކަމާއި ގުޅިގެން "ސަން"އިން އަލްހާން ފަހުމީއަށް ގުޅުމުން އޭނާ ވިދާޅުވީ، ގާޒީ ހައިލަމްއަކީ ކުޑައިރުން ފެށިގެންވެސް އޭނާގެ އެކުވެރިއެއް ކަމަށާއި އެގޮތުން ގާޒީ ހައިލަމްއަށް ދެ ލައްކަ ރުފިޔާ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ޓްރާންސްފާ ކޮށްފައިވާނެ ކަމަށެވެ.
"އެކަމާއި ގުޅިގެން ފުލުހުންވެސް ވަނީ ހައިލަމް އަރިހުން މައުލޫމާތު ސާފުކުރައްވާފައި. އަދި ހައިލަމް ވަނީ ވިދާޅުވެފައި އެއީ އަޅުގަނޑު އަތުން ބޮރޯ ކުރި ލޯނެއްގެ ލާރިއޭ،" ނިމިދިޔަ މަޖިލިސް އިންތިހާބުގައި ހެންވޭރު އުތުރު ދާއިރާއަށް ވާދަކޮށް ނާކާމިޔާބުވެވަޑައިގެންނެވި އަލްހާން ވިދާޅުވިއެވެ.
ގާޒީ ހައިލަމްއަށް ދެލައްކަ ރުފިޔާ ދީފައިވަނީ އެއްވެސް ނުފޫޒެއް ފޯރުވުމަށް ނޫންކަން ފާހަގަކޮށް އަލްހާން ވިދާޅުވީ، އޭނާގެ އެއްވެސް މައްސަލައެއް އަދި އޭނާގެ މަސްލަހަތު އޮންނަ މައްސަލައެއްވެސް ގާޒީ ހައިލަމް ބައްލަވަމުން ނުގެންދާ ކަމަށެވެ. އެހެންކަމުން، ފަހުން ދައްކާ ގޮތައް ލޯނެއްގެ ގޮތުގައި ގާޒީ ހައިލަމަށް ދެ ލައްކަ ރުފިޔާ ނުދެވޭންވީ އެއްވެސް ސަބަބެއް ވިސްނިވަޑައިނުގަންނަވާކަމަށް އަލްހާން ވިދާޅުވިއެވެ.
ގާޒީ ހައިލަމްގެ އެކައުންޓަށް ދެ ލައްކަ ރުފިޔާ ފޮނުވާފައިވަނީ އިއްޔެ ނޫންކަން ފާހަގަކޮށް އަލްހާން ވިދާޅުވީ، އެކަމާއި ގުޅިގެން ކަމާ ގުޅޭ މުއައްސަސާތަކުން މީގެ ކުރިން މައުލޫމާތު ސާފުކޮށްފައިވާ ކަމަށެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް އޮތް ދުވަހު އެ މައްސަލަ ނަގައިގެން އުޅެނީ ނުފޫޒު ފޯރުވުމަށް ކަމަށްވެސް އަލްހާން ވިދާޅުވި އެވެ.
ގާޒީ ހައިލަމް ސަސްޕެންޑްކުރަން ޖޭއެސްސީއިން އިއްޔެ ނިންމާފައި ވަނީ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކަރުގައި ޗޭނު ޖަހައިގެން ދަމާތަން ފެންނަ ކާޓޫނެއް ވައިބާ ގުރޫޕަކަށް ފޮނުވައި ނަސްރުގެ ދުވަހުގެ ތަހުނިޔާ ކީ މައްސަލައިގައެވެ. މީގެ އިތުރުން، ހައިލަމް ހަވާލުވެފައިވާ ބައެއް މައްސަލަތައް ލަސްވާ މައްސަލަވެސް ޖޭއެސްސީއިން އަންނަނީ ބަލަމުންނެވެ.