ބ. އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ އައިދޫގައި ދަނޑުވެރިކަން ރަސްމީކޮށް ފަށައިފިއެވެ.

އިއްޔެ އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ދަނޑުވެރިކަން ރަސްމީކޮށް ފައްޓަވައިދެއްވީ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދެވެ.

އެރަށުގައި ދަނޑުވެރިކަން ކުރުމުގައި އެންމެ އިސްކޮށް އުޅުއްވާ އަބްދުލްމަތީން "ސަން"އަށް ވިދާޅުވީ އެ ރަށުގައި ގިނައިން ހައްދާނީ ހަނީމެލަން ކަމަށެވެ. އޭގެ އިތުރުން ކިއުކަމްބާ އާ ލެޓިއުސްވެސްް ހައްދަން މަސައްކަތް ކުރަމުންދާކަމަށް މަތީން ވިދާޅުވިއެވެ.

ގާމަތީ ރަށް، އައިދޫއަކި މީގެ ކުރިން އަރާ ފޭބުމުގައި ވަރަށް އުނދަގޫ ރަށަކަށް ވާތީ އެރަށަށް އާންމުކޮށް މީހުން ގޮސް ނޫޅެއެވެ. ނަމަވެސް އެ ރަށަށް ލަފާ ފައިބާ ހެދުމަށް ފަސޭހަކުރުމަށް ފާލަމެއްވެސް މިހާރު ވަނީ އަޅައިފައެވެ. އެ ރަށުގެ ބޮޑު މިނުގަިއ 3.4 ހެކްޓަރު ހުރެއެވެ.

އެ ރަށުގައި ދަނޑުވެރިކަން ކުރަން މަސައްކަތްތައް ފަށާފައިވަނީ 2017 ވަނަ އަހަރުއެވެ.

"މިރަށުގައި މި ބޭނުންކުރަނީ އޮޓޯޕޮޓް ކިޔާ އެޑްވާންސް ސިސްޓަމެއް. އޭގެން ފެން ފޯރުކޮށްދޭނީ ސީދާ ގަހަށް ބޭނުންވާ ވަރަށް. މި މަސައްކަތްކުރަނީ މެލޭޝިއާގެ ތަޖުރިބާހުރި ކުންފުނި އިރިޓެކްއާ ގުޅިގެން،" މަތީން ވިދާޅުވިއެވެ.

އައިދޫގައި ދަނޑުވެރިކަމުގެ މަސައްކަތުގައި 80 ޕަސެންޓް ހިއްސާ ކުރަނީ ބ. މާޅޮހުގައި ދިރިއުޅޭ ރައްޔިތުންކަމަށް މަތީން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަމާޒަކީ އެރަށުގައި ހައްދާ ތަކެތި ރިސޯޓުތަކަށާއި ގެސްޓްހައުސްތަކަށް ވިއްކުން ކަމަށެވެ.