ހޮނު ގުގުރިއެއް ޖަހައި މ. މަޑުއްވަރީ ބައެއް ގޭގޭގައި ކަރަންޓުން ބޭނުން ކުރާ ތަކެއްޗާއި ސާމާނު ހަލާކުވެއްޖެ އެވެ.

ގުގުރި ޖެހި ހާދިސާގައި މީހަކަށް ގެއްލުމެއް ނުވެއެވެ.

މަޑުއްވަރީ ރަށު ކައުންސިލްގެ ރައީސް މުހައްމަދު ޝައުކަތު މިއަދު ވިދާޅުވީ މިދިއަ ހުކުރު ހެނދުނު 6:00 ޖެހި އިރު ޖެހި ބާރު ގަދަ ގުގުރިއާއެކު ގޭގެއިން ކަރަންޓް ކެނޑުމަށް ފަހު އަލުން ކަރަންޓް ދިން އިރު ބައެއް ގޭގޭގައި ބޭނުންކުރާ ޓީވީއާއި ކޮމްޕިއުޓަރާއި އެނޫން ވެސް ކަރަންޓުން ބޭނުން ކުރާ ގިނަ އަދަދެއްގެ ސާމާނު ހަލާކުވެފައިވާ ކަމަށެވެ.

ޝައުކަތު ވިދާޅުވި ގޮތުގައި ބާރު ގަދަ އެ ގުގުރީގެ ސަބަބުން މަޑުއްވަރީގެ 12 ގެއެއްގެ ތަކެއްޗަށް ގެއްލުންވި އެވެ. އަދި މުޅި ރަށުން ހަލާކުވި ތަކެތީގެ އަގު 170،000ރ. އަށް ވުރެ މަތިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މަޑުއްވަރީގައި 600 އަށް ވުރެ ގިނަ މީހުން އުޅެ އެވެ.

"މިރަށުގެ އޮފީސްތަކުގައި ހުރި ކޮމްޕިއުޓަރާއި ފެކްސް މެޝިން ފަދަ ތަކެތި ވެސް ވަނީ ހަލާކުވެފައި ކޭބަލްތައް ވެސް ވަނީ އަނދާފައި،" ސައުކަތު ވިދާޅުވި އެވެ.

ހޮނު ގުގުރީގައި ރަށުގެ ގޭގެގައި ހުރި ތަކެއްޗަށް ގެއްލުން ލިބުނު ނަމަވެސް އޭނާ ވިދާޅުވީ ރަށުގެ އެއްވެސް ތަނަކަށް ހޮނު އެޅިކަން މިހާތަނަށް އެނގިފައި ނުވާ ކަމަށެވެ.

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގާ އިއްޔެއާއި ރޭވެސް ގިނަ ރަށްތަކަށް ވިދާ ގުގުރައި ބޯކޮށް ވާރޭ ވެހުނެވެ. ރޭ ފަތިހު ބޯކޮށް ވާރޭ ވެހި ވެރިރަށް މާލޭގައި ފެން ބޮޑުވި އެވެ.