ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން އަދި މެތަމެޓިކްސް (ސްޓެމް)އާ ގުޅޭގޮތުން ބާއްވާ، "ސްޓެމް ފެސްޓިވަލް 2019"ގެ މީޑިއާ ޕާޓްނަރަކަށް ސަން އޮންލައިން ހަަމަޖައްސައިފި އެވެ.

އަންހެނުން ޓެކްނޮލޮޖީ ދާއިރާއަށް އަހުލުވެރިކޮށް ބާރުވެރިކުރުމަށް މަސައްކަތްކުރާ ރާއްޖޭގެ ޖަމިއްޔާ "ވިމެން އިން ޓެކް މޯލްޑިވްސްް"އިން ކުރިއަށް ގެންދާ އެ ފެސްޓިވަލް ބޭއްވުމަށް ނިންމާފައިވަނީ މި ހަފްތާ ބަންދުގެ ތެރޭ ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.

ސަން އޮންލައިންގެ އިދާރާގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި މީޑިއާ ޕާޓްނާރު އެއްބަސްވުމުގައި ސަން މީޑިއާ ގްރޫޕުގެ ފަރާތުން ސޮއިކުރެއްވީ މާކެޓިން މެނޭޖަރު އަހުމަދު މުސްލިމްއެވެ. އަދި ވިމެން އިން ޓެކް މޯލްޑިވްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެންޖީއޯގެ ރައީސާ ހަފްސަތު އަލީމެވެ.

ސްޓެމް ފެސްޓްއަކީ ކޮމިއުނިކޭޝަން މިނިސްޓްރީން އެންޑޯސްކޮށްފައިވާ އިވެންޓެކެވެ. އެ ފެސްޓިވަލްގައި ސްޓެމް އޭރިއާޔާ ގުޅުންހުރި 25 އަށްވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އޭގެ ތެރޭގައި ސަރުކާރުގެ އިދާރާތަކާއި، ކޯޕޮރޭޝަންތަކާއި، ޔުނިވަރސިޓީ، އަދި ގިނަ ސްޓާޓްއަޕްތަކެއް ހިމެނެއެވެ.

އެ ފެސްޓިވަލްގައި ދައްކާލެވޭ އުފެއްދުންތަކާއި ސާވިސްތަކުގެ ހިމެނޭ ބައެއް ދާއިރާތަކަކީ އިދާރާތަކުންދޭ ޑިޖިޓަލް ސަރވިސަސްއާއި، ގޭމް ޑިވެލޮޕްމަންޓާއި، މެރިން ސައިންސްއާއި، ޑިޖިޓަލް ސެކިޔުރިޓީ، އަދި ޚިދުމަތްދިނުން ފަސޭހަކުރުމަށްޓަކައި ތައްޔާރުކޮށްފައިވާ ގިނަ އެޕްލިކޭޝަންތަކެއް ހިމެނޭނެއެވެ. އެގްޒިބިޓަރުންގެ ގޮތުގައި ބައިވެރިވާ ބައެއް ފަރާތްތަކަކީ މީރާ، އެމްއެންޔޫގެ ފެކަލްޓީ އޮފް ސައިންސް، އިންޖިނިއަރިންގް އެންޑް ޓެކްނޮލޮޖީ، މޯލްޑިވްސް ޕޮލިޓެކްނިކް، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް އަދި ސްޓާޓްއަޕްތަކާއި އެންޖީއޯތައް ހިމެނެއެވެ.

ސްޓެމް ފެސްޓިވަލްގެ ޑިޖިޓަލް ޕާޓްނަރަކީ އުރީދޫއެވެ. އަދި ލޮޖިސްޓިކް ޕާރޓްނަރަކީ ދި އޭޝިޔާ ފޯވާޑިން ޕްރައިވެޓް ލިމިޓެޑް އެވެ. އެ ފެސްޓިވަލްގެ ޕްރިންޓް ޕާޓްނަރަކީ ސްކެޗް ޕްރައިވެޓް ލިމިޓެޑްއެވެ.

އެކްޒިބިޓަރސްގެ ގޮތުގައި ބައިވެރިވާ ފަރާތްތަކުގެ އިތުރު މަޢުލޫމާތު ވިމެން އިން ޓެކް މޯލްޑިވްސްގެޓްވިޓަރއަދިފޭސްބުކްޕޭޖުން ލިބޭނެއެވެ.