ދުނިޔޭގެ ގައުމުތަކުގެ ތެރެއިން ޓެކްސް ދައްކަން އެންމެ ފަސޭހަ ގައުމަކީ ރާއްޖެ ކަމަށް ޓެކްސްއާ ބެހޭ ސާވޭއަކުން އަނެއްކާ ވެސް ހާމަ ވެއްޖެ އެވެ.

ޕްރައިސް ވޯޓާ ހައުސް ކޫޕާސް (ޕީޑަބްލިއުސީ) އިން ކޮށްފައިވާ ސާވޭ އިން ދައްކާ ގޮތުގައި ރާއްޖޭގައި ޓެކްސް ދައްކަން އެންމެ ފަސޭހަ ގައުމުތަކުގެ ލިސްޓްގައި ރާއްޖެއާ ޖެހިގެން ދެން އޮތީ ގަތަރާއި ހޮންކޮން އަދި ސިންގަޕޫރެވެ.

ސާވޭގެ ނަތީޖާގައިވާ ގޮތުން ރާއްޖޭގައި ޓެކްސް ދައްކަން ޖެހޭ ނިސްބަތަކީ 9.3 ޕަސެންޓެވެ. އަދި އަހަރަކު ދައްކަން ޖެހެނީ އެންމެ ޓެކްސް އެކެވެ.

ޓެކްސް ދައްކަން އެންމެ ފަސޭހަ ގަމުތަކުގެ ލިސްޓުގައި ދުނިޔޭގެ ބޮޑެތި ގައުމުތައް ކަމަށްވާ އިނގިރޭސިވިލާތާއި އެމެރިކާ އުޅެނީ ވަރަށް ފަހަތުގަ އެވެ. އެގޮތުން އިނގިރޭސިވިލާތް ލިސްޓްގެ 18 ވަނައިގައި އޮތް އިރު އެމެރިކާ އޮތީ 69 ވަނައިގަ އެވެ. އަދި ޖަޕާން އޮތީ ލިސްޓްގެ 119 ވަނައިގަ އެވެ.

ސާވޭގެ ނަތީޖާ ދައްކާ ގޮތުން ޓެކްސް ދައްކަން އެންމެ އުނދަގޫ ގައުމަކީ 183 ވަނައިގައިވާ ވެނެޒުއޭލާ އެވެ.
އެ ސާވޭގައި ރާއްޖޭގައި ދައްކަން ޖެހެނީ އެންމެ ޓެކްސްއެއް ކަމަށް އޮތް ނަމަވެސް ރާއްޖޭގައި މިހާރު ތިން ޓެކްސްއެއް އަންނަނީ ނަގަމުންނެވެ. އެއީ ގޫޑްސް އެންޑް ސާވިސަސް ޓެކްސް (ޖީއެސްޓީ) އާއި ޓޫރިޒަމް ގޫޑްސް އެންޑް ސާވިސަސް ޓެކްސް (ޓީޖީއެސްޓީ) އެވެ. އަދި ބިޒްނަަސް ޕްރޮފިޓް ޓެކްސް އެވެ.

ޓެކްސް ދައްކަން އެންމެ ފަސޭހަ ގައުމުތަކުގެ ސާވޭކޮށްފައި ވަނީ ޕްރައިސް ވޯޓާ ހައުސް ކޫޕާސް ނަމަކަށް ކިޔާ އިނގިރޭސިވިލާތުގެ އެކައުންޓެންސީ ފާމަކުންނެވެ. އެއީ އެކައުންޓިން ހިދުމަތްދޭ ކުންފުނިތަކުގެ ތެރެއިން ދުނިޔޭގައި އެންމެ ބޮޑު އާމްދަނީއެއް ހޯދާ ކަމަށް ފާހަގަކުރެވިފައިވާ ކުންފުންޏެވެ. އެ ކުންފުނީގެ ގޮފިތައް ދުނިޔޭގެ 154 ގައުމެއްގައި ހުންނަ އިރު 175000 މުވައްޒަފުން އެކުންފުނީގައި މަސައްކަތް ކުރެ އެވެ.