06 Nov 2019, 16:35
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިފައިވާގޮތް ބަދަލުކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ޖޭއެސްސީގެ ފޯމޭޝަނަށް ބަދަލު ގެންނަން ޖެހޭ ކަމަށް ބުނެ މި ސަރުކާރު އައުމުގެ ކުރިންވެސް ގިނަ ވާހަކަތަކެއް ދެކެވުނު ނަމަވެސް މިހާރު އެވާހަކައެއް ނުދައްކަ އެވެ.
ސުޕްރީމް ކޯޓުން ގާނޫނާ ހިލާފަށް ކޮށްފައިވާ ކަންކަން ބަލައި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން އެކުލަވާލި ރިޕޯޓަށް މިއަދު ތަޅުމުގައި ބަހުސް ކުރައްވަމުން އަސްލަމް ވިދާޅުވީ ޖޭއެސްސީ އުފަންވެގެން އައިއިރުވެސް އެ ކޮމިޝަނުގެ ކޮމްޕޮސިޝަން ނޫން ކަމަށް ބުނެ އެވާހަކަ އޭނާ ދެެއްކި ކަމަށެވެ. އަދި އެކަމަށް އިސްލާހެއްވެސް ހުށަހެޅި ކަމަށް އަސްލަމް ވިދާޅުވި އެވެ.
"އެ ކޮމްޕޮސިޝަން ބަދަލުކުރަން ޖެހޭ. ޖުޑިޝަލް ސާވިސް ކޮމިޝަނަކީވެސް މުސްތަގިއްލުކޮށް އަމަލުކުރެވޭ ކޮމިޝަނެއް ކަމުގައި ވާންޖެހޭ ކަމަށް އަޅުގަނޑު ދެކެން." އަސްލަމް ވިދާޅުވި އެވެ.
ކޯޓުތަކަށާއި ހާއްސަކޮށް ސުޕްރީމް ކޯޓަށް އައްޔަން ކުރާ ފަނޑިޔާރުންގެ ނަޒާހާތްތެރިކަން ހުންނަންޖެހޭކަން އަސްލަމް ފާހަގަކުރެއްވި އެވެ. އަސްލަމް ވިދާޅުވާގޮތުން ފަނޑިޔާރުންނަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ނުފޫޒަށް ވިކުމެވެ. އެކި ދުވަސްވަރު އެކި މިންވަރަށް ސުޕްރީމް ކޯޓަށާއި އެހެން ކޯޓުތަކަށް ނުފޫޒު ފޯރުވުމުގެ މައްސަލައަކީ ކަންބޮޑުވާންޖެހޭ މައްސަލައެއް ކަމަށް އަސްލަމް ވިދާޅުވި އެވެ.
"އެ ނުފޫޒަށް ކިޔަމަންވާ ފަނޑިޔާރުން އެތާގައި ތިއްބެވުމަކީވެސް އެހާމެ ގޯސްކަމެއް. ސަރުކާރަށް ބޭނުންވާ ގޮތަކަށް ހުކުމް ނެރެނުދޭ ފަނޑިޔާރެއް ކަމުގައި ވަނީނަމަ އެވީ ގޯސް. ސަރުކާރުން ބޭނުންވާ ގޮތަށް ހުކުމް ނެރެދޭ ފަނޑިޔާރަކަށް ވިޔަސް އަނެއްކޮޅުން އެވީ ގޯސް." އަސްލަމް ވިދާޅުވި އެވެ.
ފަނޑިޔާރުގެ އިސްލާހު ކުރުމަށް ގާނޫނުއަސާސީއަށްވެސް ބަދަލު ގެންނަންޖެހޭ ކަމަށް ޖެހޭކަން އަސްލަމް ފާހަގަ ކުރި އެވެ. އެކަމަކު އެއީ ކޮން ބަދަލުތަކެއް ކަމެއް ވިދާޅެއް ނުވެ އެވެ.
އަސްލަމް މިވާހަކަތައް މަޖިލީހުގެ ތަޅުމުގައި ދައްކާފައިމިވަނީ ގިނަ އަދަދެއްގެ ފަނޑިޔާރުންގެ މައްސަލަތަކެއް ޖޭއެސްސީއިން ބަލަމުންދާ ދަނޑިވަޅެއްގަ އެވެ. އޭގެ ތެރޭގައި އުއްތަމަ ފަނޑިޔާރު ހިމެނޭ ގޮތަށް ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިރުންގެ މައްސަލަވެސް ހިމެނެ އެވެ.
ޖޭއެސްސީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ރައްޔިތުންގެ މަޖިލީހުން ޖޭއެސްސީއަށް ކަނޑައަޅާ މެމްބަރަކާއި ބަންޑާރަނައިބާއި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެމްބަރަކާއި މެޖިސްޓްރޭޓް ކޯޓްތަކުން ކަނޑައަޅާ ގާޒީއަކާއި ސުޕީރިއާ ކޯޓު ތަކުގެ ގާޒީއެއް އަދި ހައިކޯޓާއި ސުޕްރީމް ކޯޓުގެ ގާޒީއެއްވެސް ހިމެނެ އެވެ. އޭގެ އިތުރުން ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ ވަކީލަކާއި ސިވިލް ސާވިސް ކޮމިޝަނުގެ ރައީސްގެ އިތުރުން އާންމުން ފަރާތުން އިންތިހާބު ކުރާ މެމްބަރެއްވެސް ޖޭއެސްސީގައި ހުރެ އެވެ.