ރާއްޖޭގައި ވިހާ ކުދިންނާއި މަރުވާ މީހުންގެ ރެކޯޑްތައް ފުރިހަމަ ކޮށްފައިވާ މިންވަރު ބަލައި ދެނެގަތުމުގެ ސާވޭއެއް ފަށައިފި އެވެ.

ހެލްތު މިނިސްޓްރީ އާއި ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓަރޭޝަން ގުޅިގެން ކުރާ ސާވޭ މިއަދު ފެށި އިރު، ސާވޭގެ މަސައްކަތް ތިން ހަފުތާއަށް މާލެ އާއި އަތޮޅުތަކުގައި ކުރިޔަށް ގެންދަން ވަނީ ހަމަޖައްސައިފަ އެވެ.

ޑަބްލިއުއެޗްއޯ އާއި ޔުނައިޓަޑް ނޭޝަންސް އެކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެނޑް ޕެސިފިކް (ޔޫއެންއެސްކެޕް) ގެ އެހީގައި ފެށި ސާވޭގައި، އުފަންވާ ކުދިންނާއި މަރުވާ މީހުންގެ މައުލޫމާތު ފުރިހަމަވެފައި ހުރި މިންވަރު ދެނެގަތުމަށް ރަށްރަށުގައި ގެންގުޅޭ ރިކޯޑްތަކާއި ގޭބީސީތަކުން ލިބޭ މައުލޫމާތާއި އަޅާބަލާނެ އެވެ. އަދި އެ ސާވޭގައި އުފަންވުން ރަޖިސްޓްރީ ކުރުމާއި ވިހާ މަރުވާގެ ރެކޯޑްތައް ފުރިހަމަ ނުކުރާ ސަބަބުތަކާބެހޭ މަޝްވަރާ ކުރުމުގެ ބައްދަލުވުންތަކެއް ވެސް ބާއްވާނެ އެވެ.

ސާވޭގައި މާލޭން މައުލޫމާތު ސާފު ކުރާނީ ކޮންމެވެސް އެއް އަވަށަކުންނެވެ. އަތޮޅުތަކުގައި ސާވޭ ކުރަނީ ގުރުއަތުން ނަގާ ރަށްތަކެއްގަ އެވެ.