06 Nov 2019, 12:32
މި ހަފްތާގެ ހުކުރު ދުވަހު އެކުގައި ޑައިވިނަށް ދިއުމުގެ ދައުވަތު ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްވައިފި އެވެ.
މޫސުމަށް އަންނަ ބަދަލުތަކުން ދުނިޔެ ސަލާމަތް ކުރުމަށް އޮތް ފުރުސަތު ހަނިވަމުންދާތީ އެކަންބޮޑުވުން ފާޅުކޮށް ދުނިޔޭގެ ސަމާލުކަމަށް އެކަން ގެނައުމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް މަޖިލީހަށް ހުށަހަޅުއްވާފައިވާ ގަރާރުގެ ބަހުސް މަރުހަލާގައި ޝިޔާމް ވާހަކަފުޅު ދައްކަވާ ނިންމާލެއްވުމުން ރައީސް ނަޝީދު ވިދާޅުވީ ޝިޔާމްއާ އެކު ޑައިވިނަށް ދާން "ވަރަށް ބޮޑަށް އެދެން" ކަމަށެވެ.
"އަޅުގަނޑު ދަންނަވާނަން އިބްރާހިމް މޫސާގެ ފައްޔާޒު އިބްރާހިމް އަރިހުގައި އަޅުގަނޑުމެން ދެމީހުންނަށް އެކަން ކޮށްދިނުމަށް. އިއްޒަތްތެރި މެމްބަރު އެގޮތަށް ތައްޔާރަށް ހުންނެވި ކަމަށް ވަނީވިއްޔާ، ދެން ކަނޑު އަޑީގައި އަޅުގަނޑުމެންނަށް މިކަމާ މަޝްވަރާ ހިންގިދާނެ،" ބޮޑު ހިޔާނާތް ތަހުގީގު ކުރަން މަޖިލީހުގެ ކޮމިޓީއެއް ނުހަދާތީ ޝިޔާމް ފާޑުވިދާޅުވުމުން އެކަމަށް އިޝާރާތް ކުރައްވައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.
ބަހުސް މަރުހަލާގައި ޝިޔާމް ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އޭނާގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވާފަ އެވެ. ވިދާޅުވީ އޭނާއަކީ މީގެ އަހަރުތަކެއް ކުރިން މޫދުގައި ވަރަށް ގިނަ ވަގުތު ހޭދަކުރި މީހެއް ކަމަށެވެ.
"ޑައިވިން އިންސްޓްރަކްޓަރަކަށް ދިވެހިރާއްޖޭގެ ރިސޯޓެއްގައި މަސައްކަތް ކުރި މީހެއް. އަޅުގަނޑު ޑައިވިނަށް ދާއިރު ދަނީ އިތުރު ބޮޑުސިއްގާ ގޯންޏެއް ކަހަލަ ކޮތަޅެއް [ސުތުލި ގޯނި] ހިފައިގެން. ކުނިހޮވަން. އަޅުގަނޑަށް ފާހަގަ ކުރެވުނު އަޅުގަނޑުމެން އެއްގަޑިއިރުގެ ޑައިވިނެއްކޮށް ނިންމާ އަރާއިރުގައި ކޮންމެ ފަހަރަކު އަރަން ޖެހެނީ ޕްލާސްޓިކާއި ވަކިން ހާއްސަކޮށް ކުޑަކުދިން ޖަހާ ނެޕީ ހޮވައިގެން." ޝިޔާމް ވިދާޅުވި އެވެ.
އޭރުގައިވެސް ޑައިވިނަށް ގޮސް ގިނަ އަދަދެއްގެ ކުނި ނަގާކަން ފާހަގަކޮށް ޝިޔާމް ވިދާޅުވީ ހުއްޓާނުލައި މޫސުމަށް އަންނަ ބަދަލުގެ ވާހަކަ ދެއްކި ނަމަވެސް ހާލަތު ބަދަލު ނުވާ ކަމަށެވެ. އަދި ކުރިއަށްވުރެ މިހަރު ކަޑުގެ އަޑިން ފަރުތައް މަތިން ނަގާ ކުނި ގިނަ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކަށް ދިވެހިން ހޭލުންތެރިވާން ޖެހޭ ކަމަށެވެ. ދިވެހިން ދިވެހިންގެ ފަރުތަކަށް ނުބެލި ވަރަކަށް އެހެން މީހަކު ނުބަލާނެ ކަމަށް ވިދާޅުވި އެވެ.
މޫސުމަށް އަންނަ ބަދަލުތަކުން ގައުމު ސަލާމަތް ކުރުމަށް ރާއްޖޭން ބޭރުން ގިނަ އަދަދަކަށް ފަންޑުވެސް ހޯދަމުންދާކަން ޝިޔާމް ފާހަގަކުރި އެވެ. އެހެންނަމަވެސް އެ ފަންޑަށްވާގޮތް ނޭންގޭ ކަމަށާއި މާބޮޑު މަސައްކަތެއް ކުރާތަން ނުފެންނަ ކަމަށް ވިދާޅުވި އެވެ.
"ދިވެހިރާއްޖެ މޫސުމަށް އަންނަ ބަދަލުތަކުން ސަލާމަތް ކުރުމަށް ކިހާފައިސާއެއް ކަމެއް ނޭންގެ މި އަހަރުތެރޭގައިވެސް ހޯދީ. އެހެންނަމަވެސް މީގަ އަޅުގަނޑުމެން ހިތާމަ ކުރަން ޖެހެނީ. ދެރަވާ ކަމަކީ. މީގެ އެއްވެސް ރާހަތެއް ދިވެހި މި ފަންގަނޑަށް. މި ދިވެހި އެންވާރަމެންޓަކަށް ނުކުރާކަން." ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވި ގޮތުން ސީރިއަސް ގޮތެއްގައި މޫސުމަށް އަންނަ ބަދަލުތަކަށް ދިވެހިން ވިސްނަން އެބަޖެހެ އެވެ.