ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދުގެ ނަން އިއްވައި ޖަލްސާ އިން ނުކުންނެވުމަށް އެންގުމުން ވެސް އޭނާ ޖަލްސާ ދޫކުރައްވައި ނުނިކުންނެވުމުން އޭނާ ނުކުންނަވަންދެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ މެދުކަނޑާލައިފި އެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ރިޔާޒު ރަޝީދުގެ ނަން އިއްވެވީ، ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ އަލުން އެކުލަވާލާފައިވާ ގޮތާ މެދު ހިތްހަމަ ޖެހިވަޑައިނުގަންނަވައިގެން ރިޔާޒު ނިޒާމީ މައްސަލަ ނަންގަވައި އަޑުގަދަ ކުރައްވަން ފެއްޓެވުމުން އިންޒާރު ދެއްވުމަށް ފަހުގަ އެވެ.

ޝާހިދު މިއަދު އިއުލާން ކުރެއްވި ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގައި އެމްޑީޕީ އަށް ފަސް ގޮނޑި ލިބިފަ އެވެ. އަދި އިދިކޮޅު ޑީއާރުޕީ އަށް ލިބިފައި ވަނީ ދެ ގޮނޑި އެވެ. މީގެ އިތުރުން ރިޔާޒު ތަމްސީލްކުރައްވާ ގައުމީ ޕާޓީ އާއި ޕީއޭ އާއި ޖުމްހޫރީ ޕާޓީން ކުރެ ކޮންމެ ޕާޓީ އަކަށް ގޮނޑިއެއް ލިބިފައިވާ އިރު ކޮމިޓީގައި ދެން ތިއްބެވީ އަމިއްލަ ތިން މެމްބަރުންނެވެ.

ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ މިހާރު އެކުލެވިފައިވާ ގޮތް ރިޔާސަތުން އިއްލާން ކުރެއްވުމުން ނިޒާމީ މައްސަލަ ނަންގަވައި ރިޔާޒު ވިދާޅުވީ، ގާނޫނު އަސާސީގެ 201 ވަނަ މާއްދާގައި މަޖިލީހުގެ ކޮމިޓީތައް އެކުލެވިގެން ވާނީ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މައްޗަށް ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން ވަކި ޕާޓީއަކަށް ފަސް ގޮނޑި ދިނުމަށް ފަހު އެހެން ޕާޓީތަކަށް އެއް ގޮނޑި ނުވަތަ ދެގޮނޑި ދޭ އުސޫލަށް ކޮމިޓީތައް އެކުލަވައި ނުލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިނލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވެސް 241 ކޮމިޓީ އެކުލެވިފައިވާ ގޮތަށް ވަނީ ފާޑު ވިދާޅުވެފަ އެވެ.

ރިޔާޒު ނެންގެވި ނިޒާމީ މައްސަލައަށް ޖަވާބު ދެއްވަމުން މަޖިލީހުގެ ރައީސް އަބުދުﷲ ޝާޙިދު ވިދާޅުވީ، 241 ލޮމިޓީ އެކުލަވާލާފައި އޮންނާނީ ގައުމީ ޕާޓީއަށާއި ޖުމްހޫރީ ޕާޓީއަށް ތަމްސީލް ވެވޭ ގޮތަށް ކަމަށެވެ. އަދި އެކަން ކުރެއްވީ މަޖިލީހުގެ އުސޫލުތަކާ އެއްގޮތަށް ރިޔާޒު ރަޝީދާ މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
ރިޔާޒުގެ ނަން އިއްވުމުން ވެސް ޖަލްސާ އިން ނުނިކުންނެވުމުން، ނަން އިއްވާ މެންބަރުން ޖަލްސާ އިން ނެރުމަށް އޮންނަ އުސޫލުން ކަންތައް ގެންދެވުމަށް އަމީން އާއްމަށް ދެންނެވުމަށް ފަހު 9:16ގައި ޝާހިދު ޖަލްސާ މެދު ކަނޑުއްވާލެއްވީ 9:30ގައި ޖަލްސާ އަލުން ކުރިއަށް ގެންދެވުމަށެވެ. ނަމަވެސް ރިޔާޒު ޖަލްސާ އިން ނުނިކުންނަވައި އިންނެވުމުން ސިފައިން ވަދެގެން ރިޔާޒު ޖަލްސާކުރާ މާލަމުން ނެރުމުގެ މަސައްކަތް ކުރިއަށްދާތީ އަދި ވެސް ޖަލްސާ ވަނީ ނުފެށި އެވެ.