ވެރިރަށް މާލެއަށް ރޭ ފަތިހު ބޯކޮށް ވާރޭ ވެހި ގިނަ ސަރަހައްދުތަކެއްގައި ފެން ބޮޑުވެ، އާންމުންނަށް ދަތިވެ، އުނދަގޫތަކާ ކުރިމަތިވެއްޖެ އެވެ.

މާލޭގެ އައިޖީއެމްއެޗް ކައިރި އާއި އަމީނީ މަގާއި އެ މަގާ ގުޅިފައިވާ ކައިރި ހުރިހާ ސަރަހައްދެއްގައި ފޫޓަކަށް ފެން ބޮޑުވެފައިވާއިރު އެނޫން ވެސް ގިނަ ސަރަހައްދުތަކެއްގައި ވެސް ކަށިމައްޗާ ހަމައަށް ވަނީ ފެން ބޮޑުވެފަ އެވެ. އޭގެ ތެރޭގައި ފަހަކަށް އައިސް ފެން ބޮޑު ނުވާ މަޖީދީ މަގު ވެސް ހިމެނެ އެވެ. މަޖީދީ މަގުގެ ބައެއް ސަރަހައްދުތަކުގައި ކަށިމައްޗާ ހަމައަށް ފެން ބޮޑުވެ ބައެއް ފިހާރަތަކަށް ވެސް ފެންގަނޑު ދެމިގެންފައި ވެއެވެ.

"ކޮންމެވެސް ވަރަކަށް ބައެއްތަކެއްޗަށް ވަނީ ގެއްލުންވެފައި. އެހެން ބައެއް ފިހާރަތަކަށް ވެސް ފެން ވަދެފައި އެބަހުރި،" ފިހާރައަކުން ބުންޏެވެ.

އެންމެ ބޮޑަށް ފެންގަނޑު ހެދިފައިވާ އަމީނީ މަގާއި އެ ސަރަހައްދާ ގުޅިފައިވާ ބައެއް ގޭގެ މީހުން ބުނީ ގަޑިއެއްހާއިރު ތެރޭގައި ބޯކޮށް ވެހުނު ވާރޭގައި ގޭތެރެއަށް ފެން ވަދެ ތަކެއްޗަށް ގެއްލުންވެފައިވާ ކަމަށެވެ. ބައެއް ގޭގެއިން ބުނީ ފަތި ފެންގަނޑު ދެމިގަތުމާއެކު އެންމެ އުޅުނީ ފެނުން ސަލާމާތްވާން ކަމަށެވެ.

"ގެއްލުންތައް ލިބިފައި އެބަހުރި ފުލުހުން ވެސް އައި ބަލައިފި، އެކަމަކު އެއަށް ވުރެ މުހިންމީ ފެން ހިއްކުން ވަރަށް ބޮޑަށް އުނދަގޫވެފައި މިއޮތީ،" ގެއަކުން ބުންޏެވެ.

ފެން ބޮޑުވުމުގެ ސަބަބުން ހިނގާބިނގާވެ އުޅުމަށް ވެސް ވަނީ ވަރަށް ބޮޑު ދަތިތަކާ ކުރިމަތިވެފައެވެ. ހެނދުނު އިރު އަރައިގެން އައިރު އޮފީސްތަކަށް މީހުން ދިއުމުގައި ވެސް މިއަދު ވަރަށް ގިން ބަޔަކަށް ވަނީ ދަތިތައް ކުރިމަތިވެފައެވެ. ބައެއް މީހުން އޮފީހަށް ދިޔައީ ކަށިމައްޗާ ހަމައަށް ހެދުން އަރުވައި އަތުން ބޫޓާއި ފައިވާން ހިފައިގެނެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު އަބްދުﷲ އަލީ ވިދާޅުވީ ބޯކޮށް ވާރޭ ވެހި ފެން ބޮޑުވާން ފެށުމާއެކު ފަތިހު 4:00 ޖެހިއިރު ސިފައިން ނުކުމެ ފެން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ބައެއް ގޭގެއަށް ވެސް ރޭ ފެންވަދެފައިވާތީ އެ މައުމައުލޫމާތުތައް ބަލައި ސާފު ކުރަމުން އަންނަ ކަމަށެވެ.

"ފެން ވަދެފައި ހުރި ގޭގެ އެބަހުރި، ގެއްލުންތަކުގެ މައުލޫމާތު މިދަނީ ސާފު ކުރަމުން،" އަބްދުﷲ އަލީ ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ފަތިހުން ފެށިގެން ފެންގަނޑު ހިންދާލުމަށް މެދުނު ކެނޑި ޕަންޕް ޖައްސައިގެން މަސައްކަތް ކުރަމުންދާ ކަމަށާއި މިހާރު ވެސް ހަތަރު ޕަންޕަކުން ފެންގަނޑު ހިއްކަމުން އެބަގެންދާ ކަމަށެވެ. ބައެއް ސަރަހައްދުތަކުން މިހާރު ވަނީ ފެން ހިނދިފަ އެވެ.

"އަޅުގަނޑުމެން މިބަލަނީ ވަރަށް އަވަހަށް މި ކަމުން ސަލަމާތް ވެވޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

މީޓިއރޮލޮޖިކަލް ސެންޓަރުން ބުނީ ރޭ މެން ދަމުން 3:00ން ފެށިގެން ފަތިހު 5:00 އަށް ބޯކޮށް ވާރޭ ވެހިފައިވާއިރު ހުޅުލެ އަށް 92 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށެވެ.