19:00


ހައިރާން ކުރުވަނިވި ނަތީޖާއަކުން ޖާމަނީ ބަލިކޮށް ސާރބިއާ މުބާރާތުގެ ދެވަނަ ބުރުގެ އުއްމީދު އާކޮށްފި އެވެ. މިމެޗު ސާރބިއާ ކާމިޔާބިކޮށްފައި ވަނީ އެކެއް ސުމަކުންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައި ވަނީ މިއަދުގެ މެޗުގައި މޮޅުކުޅުމެއް ދެއްކި ޖޮވަންވިޗެވެ. ނަތީޖާ ހަމަހަމަ ކުރުމަށް ޖާމަނީއަށް މިމެޗުގައި ފުރުސަތު ލިބިގެން ދިޔަ އެވެ. މީގެ ތެރެއިން މެޗްގެ 60 ވަނަ މިނެޓްގައި ޖާމަނީއަށް ލިބުނު ޕެނަލްޓީ ސާރބިއާގެ ކީޕަރު ސްޓޮކޮވިޗް ވަނީ ދިފާޢޫކޮށްފަ އެވެ. މިޕެނަލްޓީ ޖަހާފައި ވަނީ ބެއާން މިއުނިކުގެ ލޫކަސް ޕެޑަލްސްކީ އެވެ. މިއީ މިފަހަރުގެ ވޯލްޑްކަޕް މެޗެއްގައި އެންމެ ގިނަ ކާޑު ފެނިގެން ދިޔަ މެޗެވެ.


މިމެޗްގައި ޖާމަނީއަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ހަލުވި ބެއާން މިއުނިކުގެ ހަލުވި ފޯވަޑް މިރޮސްލާވް ކްލޯޒާއަށް ދެ ރީދޫ ކާޑާއެކު ރަތްކާޑް ދައްކާ ދަނޑުން ފޮނުވާލުމެވެ. މިއާއެކު އޭނާ ވޯލްޑަކަޕްގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއަށް ވުމަށް ކުރަމުން އައި އުއްމީދު ގެއްލިގެން ދިއުމުގެ ފުރުސަތު ބޮޑެވެ. ބްރެޒިލްގެ ރޮނާލްޑޯ ހަދާފައިވާ މިރެކޯޑް މުގުރާލަން ކްލޯޒާ މިފަހަރުގެ ވޯލްޑްކަޕްގައި ޖަހަން ޖެހެނީ ހަތަރު ގޯލެވެ.


މިހާރު ކުޅެމުން ދަނީ އެމެރިކާ އާއި ސްލޮވޭނިޔާ ބައްދަލުކުރާ ގްރޫޕް ސީގެ ތިންވަނަ މެޗެވެ. މިމެޗް އެމެރިކާގެ ހަލުވި ފޯވަޑް އިންގްލެންޑްގެ އެވަޓަންއަށް ކުޅެމުން އަންނަ ލަންޑަން ޑޮނަވަން ސިފަކުރަނީ ފައިނަލް މެޗެއްގެ ގޮތުގަ އެވެ. އެއީ މިމެޗުން މޮޅުވެގެން ނޫނީ އެމެރިކާއަށް މިމުބާރާތުގައި އިތުރަށް ކުރިއަށް ދެވެން ނެތުމުންނެވެ.


މިރޭ މާލޭ ގަޑިން 11.30 ގައި ގްރޫޕް ސީގައި އިންގްލެންޑާ އަލްޖީރިޔާ ބައްދަލުކުރާ މެޗަކީ ވެސް ވަރަށް ފޯރިގަދަވެގެން ދާނެ މެޗެކެވެ. މިރޭގެ މިމެޗުން މޮޅުވެގެން ނޫނީ އިންގްލެންޑަށް ކުރިއަށް ދެވެން ނެތްއިރު އެމެރިކާ އާއި ބައްދަލުކުރި މެޗުން އިންގްލެންޑް ކޮޅަށް ވަތް ގޯލުން ކޯޗަށާ އިންގްލެންޑް ޓީމަށް އިގިރޭސި މީޑިޔާއިން ވަނީ ތަފާތު ފާޑޫކިޔުންތައް އަމާޒުވެފަ އެވެ. އިގިރޭސި ކޯޗް ކަޕެއްލޯއަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ މެންޗެސްޓަރ ސިޓީގެ ޑިފެންސިވް މިޑްފީލްޑަރ ގެރެތް ބެރީ ފިޓްކޮށް ހުރުމެވެ. މިރޭގެ މެޗުގައި އޭނާގެ މޮޅުކުޅުން ފެނިގެން ދާނެ ކަމަށް ބެލެވެ އެވެ.