މެންބަރުންގެ ގޮތުން "މަސްފަލަ"ވެ، 38000 ހަމަ ކުރެވި، ޑީއާރްޕީއަށް ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ވެސް ލިބުނެވެ. ލޯކަލް ކައުންސިލްގެ އިންތިހާބު ބޮޑު އަޣުލަބިއްއްޔަތަކުން ގެންދިޔަ އެވެ. އޭގެ ފަހުން ޑީއާރްޕީތެރެއިން އެހެން ޕާޓީއެއް އުފެދި މަޖިލީހުގެ މެޖޯރިޓީ ގެއްލި ޕާޓީއަށް ހީނަރުކަން އައެވެ. ޑީއާރްޕީގެ ލީޑާޝިޕުން އެކަން ގަބޫލު ނުކުރިޔަސް މިއަދުގެ ހަގީގަތަކީ އެއީ ކަމަށް ބުނާ މީހުން ގިނަވާނެ އެވެ.

މައިދާން ބަދަލުވަމުންދާ ގޮތުގެ ކުޑަ މަންޒަރެއް ކުރަހައިލުމަށް ހަމައެކަނި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ތިން ބައި އިލެކްޝަނަށް ބަލައިލަމާ ހެއްޔެވެ؟

ފ. އަތޮޅު ކައުންސިލު ބިލަތްދޫ ދާއިރާއަކަށް ޑީއާރްޕީއަކުން ކުރިމައްޗެއް ނުލަ އެވެ. އދ. ހިމަންދޫ ކައުންސިލުން ހުސްވި ގޮނޑިއަކަށް ޑީއާރްޕީއަކުން ކެންޑިޑޭޓަކު ނުނުރެ އެވެ ކީއްވެގެން ހެއްޔެވެ؟

ބައިބޯ ފުވައްމުލަކު މެދު ދާއިރާގެ އިންތިހާބަށް ކެންޑިޑޭޓަކު ނެރެގެން ހަމަ ޑީއާރްޕީއަށް އެއްކުރެވުނީ ދެއަކުރު އަދަދެކެވެ. އެންމެ 19 ވޯޓީ 38000 މެންބަރުންގެ ޕާޓީ ލަދު ގަންނަވައިލި އަދަދެކެވެ.

ފުވައްމުލަކު ބައި އިލެކްޝަންގެ ނަތީޖާ ނުކުތް ގޮތުން ކުރިން ވެސް ލަފާ ކުރަމުން އައި ގޮތަށް ސިޔާސީ މައިދާނުގައި ޑީއާރްޕީ ކަނަކަށް ޖެހި، ކުޑަވަމުންދާ ކަމަށް ބުނެވިދާނެ މަންޒަރު ފެނެ އެވެ.

ސިޔާސީ ޕާޓީއެއްގެ ބަރުދަން ވަރުން އަޅުވައިލެވޭ ކައްޓާއަކީ ޕާޓީތަކުގެ ބެލެނިވެރިޔާ، އިލެކްޝަންސް ކޮމިޝަނުން ބުނާ އަދަދު ނޫންކަން ކުރިން ބޭއްވި އިންތިހާބުތައް ވަނީ ސާބިތުކޮށްދީފަ އެވެ. ހޮނިހިރު ދުވަހު ބޭއްވި ފުވައްމުލަކު މެދުދާއިރާގެ އިންތިހާބުގައި ވެސް ތަކުރާރުވެގެން ދިޔައީ އެ ތަޖުރިބާ އެވެ. ގަދަފަދަ އެމްޑީޕީ އާއި އިދިކޮޅު މެންބަރުން ގިނަ ޑީއާރްޕީ ބަލި ކުރުމަށް ފަހު މެދު ދާއިރާގެ ގޮނޑީގައި އިށީނީ އަމިއްލަ ގޮތުން ކުރިމަތިލި ކެންޑިޑޭޓެކެވެ. އޭނާއަކީ ޕީޕީއެމްގެ މެންބަރެކެވެ.

ފުވައްމުލަކު މެދު ދާއިރާގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ޕީޕީއެމްއަށް ނިސްބަތްވާ ކެނޑިޑޭޓަށް އިންތިހާބުގެ 52 ޕަސެންޓް ލިބުނު އިރު ވެރިކަން ކުރާ އެމްޑީޕީގެ މެމްބަރަށް 46 ޕަސެންޓްވަނީ ލިބެ އެވެ. އަދި ޑީއާރްޕީގެ ކޭޑިޑޭޓަށް ލިބުނީ ބާތިލަށް ލިބުނު 40 ވޯޓަށްވުރެ މަދު އަދަދަދެކެވެ. މާނައަކީ އިންތިހާބުގައި ވޯޓްލީ މީހުންގެ އެންމެ 1 ޕަސަންޓެއް ލިބުމެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މެދު ދާއިރާގެ ބައި އިލެކްޝަނަށް ކާމިޔާބުކުރަން ޑީއާރްޕީ އާއި އެމްޑީގެ އިސް ބޭފުޅުން ފުވައްމުލަކުގައި ނުފޮރޮޅާ އެންމެ ގާކޮޅެއް ވެސް ނެތެވެ. އެ ޕާޓީތަކުން ލައްކައިން ހަރަދު ކުރި އެވެ.

ވޯޓު ނެގުމުގެ ހަފުތާއެއް ކުރިން ޑީއާރްޕީން ފުވައްމުލަކުގައި ކޭމްޕް ޖަހައި ދޮރުން ދޮރަށް ކެންޕެއިން ކުރުމުގައި އެޕާޓީގެ ކެނޑިޑޭޓަށް ތާއީދު ހޯދަން ގޭގެއަށް ޒިޔާރަތްކުރި ކަމަށް ބުނަނީ އާންމުންނެއް ނޫނެވެ. އެހެން ބުނީ ޑީއާރްޕީންނެވެ. އެހެން ނަމަވެސް "މަސްފަލަ" ކަމަށް ބުނާ ޑީއާރްޕީއަށް ފުވައްމުލަކު ބިންމަތީގައި "ހުކުރު" ހަމަނުކުރެވުމަކީ ސިޔާސީ މައިދާނުގައި ޑީއާރްޕީ ގާތްގަނޑަކަށް "ބަލިވެއްޖެ" ކަން ދައްކައިދޭ އިންޑިކޭޝަނެކެވެ.

ވެރިކަން ކުރާ އެމްޑީޕީ ފުވައްމުލަކުގައި އެއާޕޯޓަކާއި ކްރިކެޓް ސްޓޭޑިއަމަކާއި އެނޫން ވެސް ތަރައްގީ އެރަށަށް ޖަމާކޮށްގެން ވެސް މެދު ދާއިރާގެ ގޮނޑި ކާމިޔާބެއް ނުވި އެވެ. އެކަމަކު 700 އަށް ވުރެ ގިނަ ވޯޓު ހޯދި އެވެ. އެމްޑީޕީއަށް އެ އިންތިހާބު ކާމިޔާ ނުވި ނަމަވެސް އެމްޑީޕީއާ ސަރުކާރުގެ މަސައްކަތުގެ ރޭޓަށް ބަލާއިރު އެޕާޓީއަށް ގެއްލޭނެ އެއްޗެއް ނެތެވެ.

ދެން އޮތީ ޑީއާރްޕީ އެވެ. އެޕާޓީ ދިޔައީ ފުވައްމުލަކަށް މޫލާފައިވާ ގައުމީ ޕާޓީގެ "ގަދަ އަޑު" ވެސް ހިފައިގެނެވެ. އެހެންނަމަވެސް ޑީއާރްޕީއަށް އެ އިންތިހާބުގައި 19 ވޯޓް ލިބުމުން ދައްކައިދެނީ ޕާޓީއަށް އެއްޗެއް ގެއްލިޖެ ކަމެވެ. އަދި ގެއްލެމުންދާ ކަމެވެ.

"ފުވައްމުލަކުން އެއޮތީ ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ މުސްތަގުބަލުގެ ޗާޓް ކުރަހާލަދީފައި އެއްވަނާގައި އެއޮތީ ޕީޕީއެމް، ދެވަނާގައި އެއޮތީ އެމްޑީޕީ، އަދި ވަރަށް ބޮޑު ލަދަކާ އެކު ތިންވަނާގައި އެއޮތީ ޑީއާރްޕީ،" ޕީޕީއެމްގެ ވަގުތީ ނައިބު ރައީސް ފޮނަދޫ ދާއިރާގެ އަބުދުއް ރަހީމް އަބްދުﷲ ވިދާޅުވި އެވެ.

ޑީއާރްޕީގެ ޒުވާނުންގެ ގޮފީގެ ނައިބު ރައީސާ އަދި ތުލުސްދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ޑީއާރްޕީއަށް އެ އިންތިހާބު ކާމިޔާބު ކުރުމުގެ އެންމެ ބޮޑު ގޮންޖެހުމަކަށްވީ އެ ޕާޓީން ވާދަކުރި ކެނޑިޑޭޓަކީ "ރިލެޔަބަލް" ކެނޑިޑޭޓަކަށް ނުވުމުން ކަމަށެވެ.

"އަޅުގަނޑުމެން ފުވައްމުލަކުގައި ޑޯޓްޑޯ ހެދިން އަޅުގަނޑުމެންނަށް ސަޕޯޓް އެބައޮތް، އަދި ޕީޕީއެމަށް ވެސް ސަޕޯޓް އެބައޮތް އަޅުގަނޑުމެން އެންމެ ފަހު ވަގުތު ކާމިޔާބު ނުވާނެކަން އެގުމުން ބެލީ އިދިކޮޅު ނުވަތަ މިނިވަން މީހަކަށް ފުރުސަތު ދިނުމަށް. ސަބަބަކީ އަޅުގަނޑުމެން ކެނޑިޑޭޓަކީ ރިލަޔަލްބަލް ކެނޑިޑެޓެއް ނޫން" ރޮޒެއިނާ ވިދާޅުވިއެވެ.

އިންތިހާބަށް ފަހު ރޮޒެއިނާ އެހެން ވިދާޅުވިނަމަވެސް ބައި އިލެކްޝަނަށް ކެމްޕޭން ކުރި އިރު ވިދާޅުވީ މުޅިން ތަފާތު ވާހަކަފުޅެކެވެ. އޭރު ވިދާޅުވީ ޑީއާރްޕީގެ ކެނޑިޑޭޓަށް ވަރަށް ބޮޑު ތާއީދެއް އޮތް ކަމަށާއި، ޕާޓީ ޓިކެޓް ދީފައިވާ މުހައްމަދު އަލީ (ފޮންޓާނާ) އަކީ އެރަށުގައި ވަރަށް މަޝްހޫރު ޒުވާން ބޭފުޅެއް ކަމަށެވެ. އަދި އޭނާ ހޮވުމުގައި ގައުމީ ޕާޓީއާއި ޑީއާރްޕީ އެކުވެގެން މަސައްކަތް ކުރާކަމަށެވެ.

ރޮޒައިނާގެ ވާހަކައިން ޑީއާރްޕީން ފަހު ވަގުތުގައި ޕީޕީއެމްގެ މެންބަރު، އަމިއްލަ ކެންޑިޑޭޓަށް ދޫކޮށްލީއޭ ބުނާ މާނައެއް ދޭހަވެ އެވެ. އެހެން ނަމަވެސް ޑީއާރްޕީން ވަކިވެގެން ގޮސް ވާދަވެރި ކަމާއެކު ޕީޕީއެމް ހަދައިގެން އުޅެނިކޮށް ޑީއާރްޕީން މެދު ދާއިރާއަށް މީހަކު ކުރިމަތިލައްވައި، ޑޯޓު ޑޯ ކެމްޕެއިން ކޮށް ޕާޓީން ބޮޑު ހަރަދެއްކޮށްގެން ވާދަކުރުމުގެ މާނައަކީ ކޮބައިތޯ ސުވާލު އުފެދެ އެވެ. ރެލަޔަބަލް ނޫން ކެންޑިޑޭޓަކަށް ޓިކެޓް ދެއްވީ ކީއްވެގެން ހެއްޔެވެ؟ ޑީއާރްޕީގެ ތެރޭގައި އުފެދުނު "ތަޅާފޮޅުމެއް"ގެ ތެރެއިން އުފަންވި ޕީޕީއެމަށް ޑީއާރްޕީން ދުލެއް ދީފާނެ ހެއްޔެވެ؟

"ފުވައްމުލަކުގެ ވޯޓްގެ މައްސަލައިގައި ޑީއާރްޕީ އާއި ޕީޕީއެމާއި ދެމެދު މަޝްވަރާއެއް ނުކުރޭ" ޕީޕީއެމްގެ ކައުންސިލް މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވި އެވެ. "ހިޔަޅު މޭބިސްކަދުރު ބިންނަށް އުޅެފައި މޭބިސްކަދުރު ނުބިދެވުމުން އެކަމާ މަލާމަތްކުރަން ފެށީމަ ބުނި ކަހަލަ ބުނުމެއް އެއީ،"

މެދު ދާއިރާގެ އިންތިހާބަށް ފަހު، ޑީއާރްޕީގެ "ސައިޒް ކުޑަވެއްޖެ" ކަން ނުވަތަ ޑީއާރްޕީ ކުޑަވަމުންދާކަން އަންގައިދޭ ބަޔާނެއް އެމްޑީޕީން ވެސް ވަނީ އާންމުކޮށްފަ އެވެ. އެމްޑީޕީން ބުނެފައި ވަނީ މެދު ދާއިރާގެ ބައި އިލެކްޝަނުން އެމްޑީޕީއާ ވާދަކުރެވޭވަރުގެ އިދިކޮޅު ޕާޓީއެއް ނެތްކަން އެނގިއްޖެ ކަމަށެވެ. އެއީ 2013 ގެ އަމާޒަށް އެމްޑީޕީ ކުރާ ދަތުރުގައި ސިޔާސީ ގޮތުން ހާސިލްވި ކުރިއެރުންތަކެއް ކަމަށެވެ. އެ ބައި އިލެކްޝަންގައި ވާދަކުރި ޑީއާރްޕީ، ބޮޑު ތަފާތަކުން ބަލިވުމުމުން އެ އިންތާހާބުގައި އެމްޑީޕީއަށް ނަތީޖާ ނެރެވިފައިވާ ކަމަށް ވެސް ބުނެ އެވެ.

ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ރައީސް ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ފުވައްމުލަކުގެ ވޯޓްގެ ނަތީޖާއަކީ "ޑީއާރްޕީ ބަލިވުމެއް" ނޫން ކަމަށެވެ. އަދި ވިދާޅުވީ މީގެކުރިން ވެސް ސަރުކާރު ހިންގާ އެމްޑީޕީއަށް ކަމިޔާބުވެދާނެހެން ހީވާ ދަނޑިވަޅުތައް އައުމުން އިދިކޮޅު ފަރާތްތަކަށް ޑީއާރްޕީން ދޫދީފައި ހުންނާނެ ކަމަށެވެ.

"ފުވައްމުލަކުގައި ވެސް ޕާޓީން އެންމެ ފަހު މިނެޓާ ހަމައަށް މަސައްކަތްކުރި. ނަމަވެސް އެމްޑީޕީއަށް ގޮނޑި ހިގައިދާނެކަމަށް ބަލައި އެންމެ ފަހުވަގުތު ޕާޓީގެ ސްޓޭންޑް ބަދަލު ކުރީ،" ޑރ. މައުސޫމް ވިދާޅުވި އެވެ.

މަޖިލިހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ވިދާޅުވީ މިހާރު އިދިކޮޅު ޕާޓީއެއް އޮތްކަމަށް ގަބޫލް ނުކުރަށްވާ ކަމަށެވެ. އިދިކޮޅު ޕާޓީއެއްގެ ސިފަތައް ޑިއާރްޕީން ގެއްލި އެޕާޓީ އަކީ އިދިކޮޅު ޕާޓީއެއްތޯ ސުވާލު އުފެދިފައިވާ ކަމަށެވެ.

އަލަށް އުފެދުނު ޕީޕީއެމްގެ ފުރަތަމަ މަރުހަލާގައި ޑީއާރްޕީގެ ފާޑު ކިޔުން އަމާޒުވެ ސަރުކާރުގެ "ހުކުރު ހަމަނުވުން" އަމާޒުވި ނަމަވެސް ބައި އިލެކްޝަންގައި ފުވައްމުލަކުން ނުކުތް ނަތީޖާގެ ސަބަބުން ސިޔާސީ ޗާޓުގައި ތަފާތު މަންޒަރެއް ކުރެހެމުންދާ ކަމަށް ބަލާނެ ޖާގަ އެބައޮތެވެ. އެއީ މެންބަރު ގިނަ ޑީއާރްޕީ ސައިޒަށް ކުޑަވެ ގަދަފަދަ އެމްޑީޕީއާ ވާދަކުރާ ޕާޓީއަކަށް މައުމޫންގެ ޕީޕީއެމް ވެދާނެ ކަމުގެ އަލާމާތެވެ.