05 Nov 2019, 19:43
ސީލައިފްގެ ގުލޯބަލް އިންކް ޕްރިއިވެޓް ލިމިޓެޑުން ފްލެޓު ގަތް މީހުންގެ ތެރެއިން ބަދަލު ހޯދުމަށް ކޯޓަށް މައްސަލަ ހުށަހެޅި ފަރާތްތަކަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބަދަލު ދޭން ފަށައިފިއެވެ.
ސީލައިފުން ފްލެޓު އަޅަން އިއުލާނުކުރި މަޝްރޫއާއެކު ފްލެޓު ގަތުމަށް 280 އަށްވުރެ ގިނަ މީހުން، ބުކިން ފީގެ ގޮތުގައި މީހަކު 50،000 ރުފިޔާގެ ރޭޓުން 14 މިލިއަން ރުފިޔާއަށްވުރެ ގިނައިން ސީލައިފަށް ވަނީ ދައްކައިފައެވެ.
ގިނަ އަދަދެއްގެ ފަރާތްތަކުން ސީލައިފްއިން ފްލެޓު ގަނެ، ފައިސާ ދެއްކިފަހުން އެ ކުންފުނިން ވަނީ އެ މަޝްރޫއު ކުރިއަށް ނުގެންގޮސް ހުއްޓާލައިފައެވެ. އެއާއެކު ފްލެޓު ގަތް 203 ފަރާތްތަކުން ބަދަލު ހޯދުމަށް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. ކޯޓުން ބޭރުން މައްސަލަ ނިމުނީ، އެޗްޑީސީއިން އެ ފަރާތްތަކަށް ބަދަލު ދިނުމަށެވެ. އެޗްޑީސީ ކުރިން ބުނެފައިވާ ގޮތުގައި ފުލެޓަށް ފައިސާ ދެއްކި ފަރާތްތަކަށް ދޭން ޖެހޭ ބަދަލުކަމަށެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް މުހައްމަދު މިރޭ "ސަން"އަށް ވިދާޅުވީ، ފްލެޓު ގަތް މީހުންގެ ތެރެއިން އެ މައްސަލަ ކޯޓަށް ހުށަހެޅި ފަރާތްތަކަށް މިއަދު ބަދަލުދޭން ފަށައިފައި ވާ ކަމަށެެވެ.
"މިއަދު ގާތްގަނޑަކަށް 50 އެއްހާ މީހުންނަށް ބަދަލު ދިނުމަށް މަސައްކަތް ކުރިން. ނަމަވެސް އެކި ބޭފުޅުން އެކި ސަބަބުތަކާ ހުރެ ވަޑައިނުގަނެވުނު،" ސުހައިލް ވިދާޅުވިއެވެ.
ކޯޓަށް ދިޔަ 203 މީހަކަށް ބަދަލު ދޭން ފެށި އިރު، މީގެ ކުރިން އެޗްޑީސީއިން ވަނީ ފްލެޓު ގަތް ފަރާތްތަކުގެ ތެރެއިން ކޯޓަށް ވަޑައިނުގަންނަވާ ފަރާތްތަކަށްވެސް ބަދަލު ދިނުމަށް ނިންމާފައެވެ. އެގޮތުން އެ ކުންފުނިން މީގެ ކުރިން ވަނީ ކޯޓަށް ނުދާ މީހުން ބަދަލު ހޯދުމަށްޓަކައި ބޭނުންވާ ހުރިހާ މައުލޫމާތެއް ހިއްސާ ކުރުމަށް އެދިފައެވެ. އަދި ދުވަހުގެ ކުރިން މައުލޫމަތު ހިއްސާ ކުރުމަށް އެދިފައެވެ.
ސުހައިލް ވިދާޅުވީ، މިހާތަނަށް ކޯޓަށް މައްސަލަ ހުށަނާޅާ 174 ފަރާތަކުން މައުލޫމަތު ހިއްސާކޮށްފައިވާ ކަމަށެވެ.
"ކޯޓަށް ނުދާ ފަރާތްތަކުގެ މައުލޫމާތު އަޅުގަނޑުމެން ވަރަށް ބޮޑަށް ވެރިފައި ކުރާނަން. ވެރިފައި ކުރުމަށްފަހު، އެ ފަރާތްތަކަށް ބަދަލު ދޭނީ،" ސުހައިލް ވިދާޅުވިއެވެ.
ކުރިން ބެލެވުނު ގޮތުގައި ސީލައިފުން ފްލެޓު ގަނެފައިވަނީ 280 ފަރާތަކުންނެވެ. ނަމަވެސް ކޯޓަށް މައްސަލަ ހުށަހެޅި ފަރާތްތަކާއި މިހާތަނަށް އެޗްޑީސީއާ މައުލޫމަތު ހިއްސާކުރި ކޯޓަށް މައްސަލަ ހުށަނާޅާ ފަރާތްތަކާއެކު އެ އަދަދު 381 އަރައެވެ.
ސުހައިލް ވިދާޅުވީ، އަދިވެސް ޖުމްލަ ފްލެޓު ގަތުމަށް ފައިސާ ދެއްކި ފަރާތްތަކުގެ ސީދާ އަދަދެއް ނޭނގޭ ކަމަށެވެ. އެ އަދަދު ކަށަވަރު ވާނީ މިހާރު މައުލޫމަތުތައް ޔަގީންކުރުމަށްފަހު ކަމަށެވެ. އަދި ދޭން ޖެހޭ ބަދަލުގެ ޖުމްލަވެސް އޭނގޭނީ އެ މަރުހަލާއަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ.
އެޗްޑިސީއިން މީގެ ކުރިން ބުނެފައިވާ ގޮތުގައި، ސީލައިފްއިން ފްލެޓު ގަތުމަށް ފައިސާ ދެއްކި ފަރާތްތަކުން ދައުވާ އުފުލާފައިވަނީ އެ ކުންފުނިވެސް ހިމެނޭ ގޮތަށް ކަމަށެވެ. އެގޮތުން ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް، އެ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރި ކަމަށް އެޗްޑީސީއިން ބުންޏެވެ.
ސީލައިފްގެ މައްސަލައަކީ އެޗްޑީސީ އަދި ސަރުކާރުގެވެސް އެއްވެސް އިހުމާލެއް ނެތް ކަމެއް ކަމަށާއި ނަމަވެސް އެ މައްސަލާގައި ގިނަ ބަޔަކަށް ގެއްލުން ލިބިފައިވާތީ، އެ ގެއްލުން ކުޑަކުރުމަށް އެ ފަރާތްތަކާއެކު އެއްބަސްވުމަކަށް އައީކަމަށް އެޗްޑީސީ ބުންޏެވެ.
މި އެއްބަސްވުމުގެ ދަށުން ސީލައިފުން އަޅަން ނިންމި ހައުސިން ޔުނިޓުތައް ގަތުމަށް އެ ކުންފުންޏަށް ފައިސާ ދެއްކި ފަރާތްތަކަށް، އެފަރާތްތަކުން ދެއްކި ފައިސާއާއި އެއްވަރުގެ އަދަދެއް އެޗްޑީސީއިން ދިނުމަށް ވަނީ ނިންމާފައެވެ. އަދި ގެއްލުން ލިބުނު ފަރާތްތަކަށް އެކަމުގެ ބަދަލެއްގެ ގޮތުން ސަރުކާރުން ކަނޑައަޅާ ހައުސިން ސްކީމެއްގެ ދަށުން ހައުސިން ޔުނިޓު ދޭންވެސް ވަނީ އެއްބަސްވެފައެވެ.