21 Nov 2011, 07:45
މެޑްރިޑް (ނޮވެމްބަރ 21) : ސްޕޭންގެ އާންމު އިންތިޚާބުގައި، އެޤައުމުގައި ވެރިކަންކުރާ ސޯޝަލިސްޓް ޕާޓީ ބަލިވެ އިދިކޮޅު ޕާޓީތަކަށް ކާމިޔާބު ލިބިއްޖެވެ. ސްޕޭންގެ އިންތިޚާބާބެހޭ އިދާރާ ބުނިގޮތުގައި މިދިޔަ އާދީއްތަ ދުވަހު އެޤައުމުގައި ބޭއްވި އިންތިޚާބު ކާމިޔާބުކުރީ އިދިކޮޅު ޕޮޕިއުލަރ ޕާޓީއެވެ.
ކަނާތު ފިޔައިގެ ޕޮޕިއުލަރ ޕާޓީ އިންތިޚާބަށް ނުކުތީ އުމުރުން 56 އަހަރުގެ މަރިޔާނޫ ރަޚުވޭ ގެ ޒަޢާމަތުގެ ދަށުގައެވެ. ވެރިކަންކުރާ ވާތުފިޔައިގެ ސޯޝަލިސްޓް ޕާޓީ އިންތިޚާބަށް ނުކުތީ ބޮޑުވަޒީރު ޚޮސޭ ޒަބަޓީރޯގެ ބަދަލުގައި ކުރީގެ ދާޚިލީ ވަޒީރު ބީރީތް ރުބަލްކަބާގެ ޒާޢަމަތުގެ ދަށުގައެވެ. ބިރީތްގެ ޢުމުރަކީ 60 އަހަރެވެ. ބޮޑުވަޒީރު ޚޮސޭ ޒަބަޓީރޯ އިންތިޚާބުގައި ވާދަނުކުރެއްވުމަށް ނިންމެވީ އޭނާގެ ޕާޓީއަށް ރައްޔިތުންގެ ތާއީދު ކުޑަވެއްޖެކަން ޚިޔާލު ހޯދުމުގެ ސަރވޭތަކުން ހާމަވުމާއެކު އެކަން ޤަބޫލުކުރައްވައިގެންނެވެ.
ސްޕޭންގެ ޢާންމު އިންތިޚާބުގައި އިދިކޮޅު ޕޮޕިއުލަރ ޕާޓީގެ މައްޗަށް ކުރިހޯދޭވަރަށްވުރެ ބޮޑުވަޒީރު ޚޮސޭ ޒަބަޓީރޯގެ ސޯޝަލިސްޓް ޕާޓީގެ މަޤްބޫލުކަން ޢާންމުންގެ މެދުގައި ދަށަށްގޮސްފައިވާކަން ޚިޔާލު ހޯދުމުގެ ސަރވޭތަކުން އެނގުމާއެކު އިންތިޚާބުގައި ވާދަނުކުރެއްވުމަށް ބޮޑުވަޒީރު ޒަބަޓީރޯ ނިންމެވީ ކަމަށް ޚަބަރުތައް ބުނެއެވެ.
އާދީއްތަ ދުވަހު ބޭއްވި އާންމު އިންތިޚާބުގައި ސްޕޭންގެ 36 މިލިޔަން މީހުން ވޯޓު ދީފައިވާއިރު ޕާލަމެންޓް މަތިގެއަށް 350 މެންބަރުން ދަށުގެއަށް 264 މެންބަރުން އިންތިޚާބުކޮށްފައިވެއެވެ. މިއިންތިޚާބު، ވެރިކަންކުރާ ސޯޝަލިސްޓް ޕާޓީއަށް ކާމިޔާބު ނުކުރެވުނު މައިގަނޑު ސަބަބަކީ އެޕާޓީގެ ވެރިކަމުގައި ސްޕޭންގެ އިޤްތިސާދު ދަށަށް ގޮސް ވަޒީފާނެތް މީހުންގެ ނިސްބަތް 22 ޕަސެންޓް އަށް މައްޗަށް ދިޔުންކަމަށް ރިޕޯޓްތައް ބުނެއެވެ. މިއިންތިޚާބުގެ ވަގުތީ ނަތީޖާ އިޢްލާންކޮށްފައިވާއރު ރަސްމީ ނަތީޖާ ރޭގެ ވަގުތެއްގައި އިޢްލާން ކުރާނެކަމަށް އިންތިޚާބުތަޚާބެހޭ އިދާރާއިން ބުނެއެވެ.
ސްޕޭންގެ ޢާންމު އިންތިޚާބުގައި އދިކޮޅު ޕާޓީއަށް ލިބިފައިވަނީ އެހެން ޕާޓީތަކާ ގުޅިގެން ކޯލިޝަން ސަރުކާރެއް އުފައްދާ ވަރަށްވުރެ ތަނަވަސް އަޣަލަބިއްޔަތެއް ކަމަށް އިލެކްޝަނާބެހޭ އިދާރާއިން ބުނެއެވެ. ސްޕޭންގެ އިދިކޮޅު ޕާޓީ އިންތިޚާބަށް ނުކުތީ އިޤްތިސާދީ އިސްލާޙި އެޖެންޑާއަކާ އެކުގައެވެ. މިއެޖެންޑާ ބިނާވެފައިވަނީ ސަރުކާރާއި ދައުލަތުގެ ޚަރަދުތައް ކުޑަކުރުމާއި ވަޒީފާގެ ފުރްސަތުތައް އިތުރުކުރުމާއި ލޭބަރ މާކެޓާއި ޓެކްސްގެ ނިޒާމް އިސްލާހްކޮށް އުފެއްދުންތެރިކަން އިތުރުކުރުމުގެ މައްޗަށެވެ. -- އަލްޖަޒީރާ