05 Nov 2019, 17:46
ރަހުމުކުޑަ ގޮތަކަށް މަރާލި، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ މަރުގެ މައްސަލައިގެ މައުލޫމަތު ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު، ގެއްލުވާލާފައިވާ މީހުންނާއި މަރުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނާ ހިއްސާ ކުރައްވައިފިއެވެ.
ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ މީގެ ހަތް އަހަރު ކުރިން 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އޭނާ ދިރުއުޅުއްވި ހ. ފުންވިލުގެއަށް ވަދެވަޑައިގަންނަވަނިކޮށެވެ.
އޭރު ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި ރިޔާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޑރ. އަފްރާޝިމް މަރުގެ މައްސަލައިގައި އޭނާއަށް ލިބިފައި ހުރި ހުރިހާ މައުލޫމަތެއް މިއަދު ރިޔާސީ ކޮމިޝާނާ ހިއްސާ ކުރައްވާފައިވާ ކަމަށެވެ.
"އަދި ކޮމިޝަންގެ މެމްބަރުން ކުރެއްވި ހުރިހާ ސުވާލުތަކަށް ޖަވާބު ދީފައިވާނެ،" ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާ މެމްބަރު ރިޔާޒު ވިދާޅުވިއެވެ.
ފުލުހުންގެ ވަޒީފާއިން ވަކިވުމަށްފަހު ރިޔާޒު މީގެ ކުރިން ވިދާޅުވެފައި ވަނީ، އެ މައްސަލާގައި އޭނާއަށް އެނގިވަޑައިގަންނަވާ މައުލޫމާތުތައް "އެންމެ އެކަށީގެންވާ ޕްލެޓްފޯމެއްގައި ހާމަކުރާނެ" ކަމަށެވެ.
މިދިޔަ އެޕްރީލް މަހު "ސަން"އިން ގެނެސްދިން "50 މިނިޓު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރިޔާޒު އޭރު ވިދާޅުވީ، މަރުގެ މައްސަލަތައް ބަލާ ކޮމިޝަނުން އޭނާއާ އެހާތަނަށް ސުވާލު ނުކުރާ ކަމަށެވެ.
އޭނާ ވިދާޅުވީ، އަފްރާޝީމުގެ މަރުގެ މައްސަލައަކީ މިހާތަނަށް ފުލުހުންގެ އިދާރާއިން އެންމެ ގިނަ ވަސީލަތްތައް ބޭނުންކޮށްގެން ކުރިއަށް ގެންދިޔަ އެއް ތަހުގީގު ކަމަށެވެ. އަދި އެފްބީއައިގެ ވެސް އެހީގައި ހިންގި އެ ތަހުގީގުގައި ވަރަށް ބައިވަރު މައުލޫމާތު ލިބުނުކަމަށް ވިދާޅުވި އެވެ.
އަފްރާޝިމްގެ މަރާ ބެހޭ މައުލޫމަތު ރިޔާޒު މިއަދު ރިޔާސީ ކޮމިޝަނާ ހިއްސާ ކުރެއްވި އިރު، މަރާލި މީހުންނާއި އެކަން ރޭވި މީހުންގެ މައުލޫމަތު ވަރަށް އަވަހަށް ހާމަ ކުރައްވާނެ ކަމަށެވެ. އެފަހުން މަސްދުވަސް ވީއިރު، އަދި އެ މައުލޫމަތު އެ ކޮމިޝަނުން ހާމަ އެެއް ނުކުރެއެވެ.
އަފްރާޝިމްގެ މަރާ ގުޅިގެން ދެ މީހަކު ހޯދުމަށް މީގެ ކުރިން އެ ކޮމިޝަނުން ވަނީ ވީޑިއޯއެއްވެސް އާންމުކޮށްފައެވެ.
އަފްރާޝީމްގެ މަރާލިކަމަށް ހ. ލޮބީ ހުސައިން ހުމާމްގެ މައްޗަށް ސާބިތުވެ، އޭނާ މެރުމަށް ކަރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އަދި އެ ހުކުމް ހައިކޯޓާއި ސުޕްރީމްކޯޓުންވެސް ވަނީ ދަމަހައްޓައިފައެވެ.