ޕްރީސްކޫލްކުދިން ކަނޑުގެ ދިރުންތަކަށް އަހުލުވެރިކުރުމުގެ ގޮތުން ކަނޑުގެ މާހައުލާއި، އެމާހައުލުގައި އުޅޭ ދިރުންތަކާއި ބެހޭ މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފިޝަރީޒް މިނިސްޓްރީން ކުރިޔަށް ގެންގޮސްފިއެވެ.

އެކްސެލް އިންޓަރނެޝަނަލް ސްކޫލާއި ގުޅިގެން މިއަދު ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި 200 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވެއެވެ.

އެ ޕްރޮގްރާމްގެ ދަށުން އެކްސެލް ސްކޫލްގެ އެސްކޭޖީގެ ކަރިކިއުލަމްގައި ހިމެނޭ "އަންޑަރ ދަ ސީ" މޮޑިއުލްގެ މައުލޫމާތު އެންމެ އެކަށޭނަ ގޮތެއްގައި މިދަރިވަރުންނަށް ދިނުމަށް އިންޓަރެކްޓިވް ސެޝަންތަކެއް ވަނީ ބާއްވައިފައެވެ. އޭގެ ތެރޭގައި ކަނޑުގެ މާހައުލީ ނިޒާމްތަކާއި، އެނިޒާމްތަކުގައިވާ ދިރުންތަކާއި، މެރިކަލްޗަރކުރުމުގެ މައުލޫމާތު އެކުވެރި މަޖާ މާހައުލެއްގެ ތެރެއިންވަނީ ފޯރުކޮށްދީފައެވެ.

މިއީ ސްކޫލް ކުދިންނަށް ޅައުމުރުގައި ކަނޑުގެ ދިރުންތަކުގެ މަޢުލޫމާތުދީ، އެދިރުންތަކަށް އަހުލުވެރިކޮށް އެކުދިންގެ ހިތްތަކުގައި ލޯބި ޖައްސައި ތިމާވެއްޓާއި ކަނޑުގެ ދިރުންތަކަށް ލޯބިކުރާ މުޖުތަމަޢުއެއް ބިނާކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

އަދި ކުރިޔަށް އޮތް ތަނުގައި މިފަދަ ޕްރޮގްރާމްތައް އެހެން ސްކޫލްތަކާވެސް ގުޅިގެން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފަިއވާކަމަށްވެސް މިނިސްޓްރީން ބުންޏެވެ.