ސްރީލަންކާގެ މާވަނެއްލައިގައި މިދިޔަ އަހަރު ބުދުތަކަކަށް ގެއްލުން ދިން ކަމުގެ ތުހުމަތުގައި ދިވެއްސަކު ހޯދަން އެގައުމުގެ ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެ އެވެ.

ފުލުހުން ވަނީ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާގެ ސިފަ އަންގައިދޭ ކުރެހުމެއް އާންމުކޮށްފަ އެވެ. ލަންކާ ފުލުހުން ބުނެފައި ވަނީ އެއީ 30 އަހަރާ 35 އަހަރާ ދެމެދުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ހޯދަން އިއުލާނުކުރި ދިވެހި މީހާއަކީ ބުދުތަކަށް ގެއްލުން ދިނުމުގައި އެންމެ އިސްކޮށް އުޅުނު މީހާއާ ގާތް ގުޅުމެއް އޮންނަ މީހެއް ކަމަށް ފުލުހުންނާ ހަވާލާދީ ލަންކާ ނޫސްތަކުން ބުނެފައިވެ އެވެ.

ބުދުތަކަށް ގެއްލުން ދީފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު އެވެ. އެކި ދުވަސް މަތިން، މާވަނެއްލައިގެ އެކި ހިސާބުތަކުގައި ހުރި ބުދުތަކަށް ގެއްލުން ދީފައިވެ އެވެ.

ލަންކާގެ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން މައްސަލަ ބަލަމުން އަންނަ އިރު، މައްސަލައިގެ ތުހުމަތުގައި މީގެ ކުރިން ލަންކާގެ 14 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.