20 Nov 2011, 19:23
ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އަމިއްލަ ނަފްސަށް މަޝްހޫރުކަން ހޯއްދަވަން ރާއްޖެ އަޑިއަށްދާ ކަމަށް ވިދާޅުވެ ދުނިޔޭގެ ގައުމުތަކުގައި ވާހަކަފުޅު ދައްކަވާތީ އެކަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ހީނަރުވެ އިގްތިސޯދު ފުނޑުފުނޑު ވެދާނެ ކަމަށް ބުނެ އެކަންކަން ހުއްޓަވައިލެއްވުމަށް ގޮވާލައި، ރައީސް ނަޝީދާއި ދެކޮޅަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
މިއީ ރައީސް މުހައްމަދު ނަޝީދާ ދެކޮޅަށް މަޖިލީހަށް ގަރާރެއް ވެއްދި ފުރަތަމަ ފަހަރެވެ.
މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު، އަދި ޕީޕީއެމްގެ ވަގުތީ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. އެ ގަރާރުގެ ފުރަތަމަ ކިޔުން އިއްވުން ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.
އަބްދުއްރަހީމް ހުށަހެޅުއްވި ގަރާރުގައި ވަނީ ތިމާވެށީގެ އިނާމް ހޯއްދެވުމަށާއި އަމިއްލަ ނަފްސަށް މަޝްހޫރުކަން ހޯއްދެވުމުގެ ބޭނުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖެ އަޑިއަށް ހިނގައިދާނެ ކަމަށް ވިދާޅުވެ އެކިފަހަރުމަތިން ރައީސް ނަޝީދު ވާހަކަފުޅު ދައްކަވާފައިވާ ކަމަށެވެ.
ރައީސް ނަޝީދު އެގޮތަށް ވާހަކަފުޅު ދެއްކުވުމުގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ހިތްތަކުގައި ބިރުވެރިކަން އުފެދި ޓޫރިޒަމް ހީނަރުވެ އިގްތިސާދު ފުނޑުފުނޑު ވެދާނެކަމަށް ވެސް ބުނެފައި ވެއެވެ.
އެ ގަރާރުގައިވާ ގޮތުގައި ރައީސްގެ ވާހަކަފުޅުތަކުގެ ސަބަބުން އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓް ކުރުމުގެ ޝައުގުވެރިކަން ކުޑަވެ، ފޮރިން އިންވެސްޓްމަންޓް ގެ ދޮރު ރާއްޖެއަށް ބަންދުވެދާނެ ކަމުގެ ނުރައްކާވެސް ބޮޑެވެ. އެފަދަގޮތަކަށް ވާހަކަފުޅު ދެއްކެވުމަކީ ރާއްޖެއަށާއި ރައްޔިތުންނަށް ގެއްލުންތަކެއް ލިބިދާނެ ކަމެއް ކަމަށް ވެސް ގަރާރުގައި ވެއެވެ.