05 Nov 2019, 14:25
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ސައިކަލްވިއްކާ ލިޓަސް ފިހާރައިން ސީއެސްއާރު ހަރަކާތެއްގެ ގޮތުން އަނެއްކާ ވެސް ހިލޭ 800 ހެލްމެޓް ބަހަން ނިންމައިފި އެވެ.
ލިޓަސްގެ ސީނިއާ މާކެޓިން މެނޭޖަރު އާސިފް ރަޝީދު "ސަން" އަށް މިއަދު ވިދާޅުވީ މިއީ މަގުމަތީގެ ރައްކާތެރިކަން އިތުރުކޮށް މީހުން ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށް ގެންދާ ހަރާކަތެއް ކަމަށެވެ.
އޭނާ ވިދާޅުވީ މިއީ ދާދި ފަހުން ލިޓަސް އިން ބަހަން ފެށި 3000 ހެލްމެޓްގެ ބާކީ ހުރި ހެލްމެޓްތައް ކަމަށެވެ.
"އަޅުގަނޑުމެން ކުރިން ފަހަރު 2000 ހެލްމެޓް ބެހިން ބަހާފަ ދެން ކޯަޕަރޭޓް އޮފީސްތަކަށް ފޮނުވާފަ ބާކީ އޮތް 800 ހެލްމެޓް މިފަހަރު މި ބަހަނީ،" އޭނާ ވިދާޅުވި އެވެ.
އާސިފް ވިދާޅުވީ ލިޓަސްއިން ބަހާ ހެލްމެޓްތަކުގެ އަގު 1.2 މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ.
އެ ހެލްމެޓްތައް ބަހަނީ މިމަހުގެ 15 ވަނަ ދުވަހު ލިޓަސްގެ ޖަނަވަރީމަގުގައި ހުންނަ ޝޯ ރޫމްއިން އެވެ.