05 Nov 2019, 14:35
ބެންކޮކް (ނޮވެމްބަރު 5) : އޭޝިޔާގެ އިގްތިސާދީ ބާރުތަކުގެ މެދުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ވިޔަފާރީގެ މުއާހަދާގައި މުހާއަދާގައި އިންޑިއާ ސޮއިކުރަން އަމިއްލަ ޒަމީރު ތަންނުދޭ ކަމަށް އެގައުމުގެ ބޮޑުވަޒީރު ނަރަންދްރަ މޯދީ ވިދާޅުވެއްޖެއެވެ.
އޭޝިޔާގައި އިގްތިސާދީ ގޮތުން ކުރިއަރާފައިވާ ގައުމުތަކުގެ މެދުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ސަރަހައްދީ ވިޔަފާރީގެ މުއާހަދާ ކަމަށްވާ "ރީޖަނަލް ކޮމްޕްރިހެންސިވް އިކޮނޮމިކް ޕާޓްނަޝިޕް" (އާރްސީއީޕީ) އަށް ތައްޔާރުވުމުގެ ގޮތުން ބޭންކޮކްގައި އިއްޔެ ބޭއްވި އެގައުމުތަކުގެ އިސް ވެރިންގެ ބައްދަލުވުމުގައި މޯދީ ވިދާޅުވީ އެ މުއާހަދާގައި ސޮއިކުރަން އޭނާގެ ޒަމީރު ތަންނުދޭ ގިނަ މައްސަތަކެއް އެބަހުރި ކަމުގައެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ. މޯދީގެ މިނިންމެވުމާއެކު އަނެއް 15 ގައުމުން ނިންމާފައިވަނީ އެ މުއަހަދާއާއިގެން ކުރިއަށް ދިޔުމަށެވެ.
މި އެއްބަސްވުން ވުޖޫދަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު ދެކުނު އިރުމަތީ އޭޝިޔާގެ ގައުމުތަކާއި ޗައިނާގެ އިސްވެރިންވަނީ އެ މުއާހަދާއަށް ތާއީދު ކުރައްވައި ވަހަކަ ދައްކަވާފައެވެ. އިންޑިއާ ނުލައި އެ މުއާހަދާގައި ބައިވުމަށް ނިންމާފައިވާ ގައުމުތަކުގެ ތެރޭގައި "އާސިޔާން" ގެ ދިހަ ގައުމު ގެ އިތުރުން އޮސްޓްރޭލިޔާ، ޗައިނާ، ޖަޕާން، ނިއުޒީލޭންޑް އަދި ދެކުނު ކޮރެޔާއާ ހިމެނެއެވެ.
"އާރްސީއީޕީ" މުއާހަދާހައި ބައިވެރި ވުމަށް ނިންމި "އާސިޔާން" ގެ ދިހަ ގައުމަކީ ބުރުނާއީ، ކެމްބޯޑިޔާ، އިންޑޮނޭޝިޔާ، ލާއޯސް، މެލޭޝިޔާ، މިޔަންމާ، ފިލިޕީންސް، ސިންގަޕޫރު، ތައިލޭންޑް އަދި ވިއެޓްނާމް އެވެ. އިންޑިޔާއަކީ އޭޝިއާގައި ތިންވަނައަށް އެންމެ ބޮޑު އިގްތިސާދެވެ. އޭޝިއާގެ އެއްވަނަ އިގްތިސާދަކީ ޗައިނާއެވެ. ދެވަނަ އިގްތިސާދެކީ ޖަޕާން އެވެ.
"ރީޖަނަލް ކޮމްޕްރިހެންސިވް އިކޮނޮމިކް ޕާޓްނަޝިޕް" (އާރްސީއީޕީ) ގައި ބައިވެރިވާން އިންޑިޔާ ފަސްޖެހޭ ސަބަބުތަކުގެ ތެރޭގައި، ޗައިނާ، އޮސްޓްރޭލިއާ، ނިއުޒިލޭންޑް، ޖަޕާން، މެލޭޝިއާ އަދި ދެކުނު ކޮރެއާފަދަ އިގްތިސާދީ ގޮތުން އުފެއްދުންތެރި ގައުމުތަކުން އިންޑިޔާއަށް މުދާ އިންޕޯޓް ކުރަންޖެހުމުން އިންޑިއާގެ އަމިއްލަ އުފެއްދުންތަކަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެކަމުގެ ބިރު ހީވުން ހިމެނެއެވެ. ޚާއްސަކޮށް އޮސްޓްރޭލިޔާއާއި ނިއުޒީލޭންޑަކީ ކިރާއި ކިރުގެ ބަވަތްތައް ކޮލިޓީކޮށް ގިނަ އަދަދަކަށް އުފައްދާ ދެގައުމު ކަމަށްވެފައި "އާރްސީއީޕީ" މުއާހަދާގައި ގައި އިންޑިއާ ސޮއިކޮށްފިނަމަ އެދެގައުމުގެ ކިރުގެ އުފެއްދުންތައް އިންޑިޔާއަށް އެތެރެކުރަންޖެހޭތީ އެކަމުގެ ނޭދެވެ އަސަރު އިންޑިޔާގެ ދަނޑުވެރިންނަށް ކުރާނެކަމުގެ ބިރު ހީވުމަކީ އެ މުއާހަދާގައި ސޮއިކުރަން މޯދީ ފަސްޖެހިވަޑައިގެންނެވި މައިގަނޑު ސަބަބެއްކަމަށް ރިޕޯޓްތައް ބުނެއެވެ.
ނަމަވެސް "އާރްސީއީޕީ" ގައި ސޮއި ނުކޮށްފިނަމަ އިންޑިއާގެ އުފެއްދުންތައް "އާރްސީއީޕީ" ގައި ހިމެނޭ ގައުމުތަކުގެ ބާޒާރުތަކަށް ވިއްކުމުގައި ބޮޑެތި ދަތިތަކެއް އިންޑިއާއަށް ކުރިމަތިވާނެކަމަށް ވަނީ ބެލެވިފައެވެ.
"އާރްސީއީޕީ" މުއާހަދާގައި ސޮއިކުރުމާއެކު އިންޑިއާ އާ ނުލައި އެ މުއާހަދާގައި ހިމެނޭ 15 ގައުމަކީ ދުނިޔޭގެ އިގްތިސާދީ ބޮޑު ޖަމާއަތަކަށް ވެގެންދާނެއެވެ. އެއީ އެޖަމާއަތުގައި ދުނިޔޭގެ ދެވަނަ އިގްތިސާދު ކަމަށްވާ ޗައިނާއާއި ތިންވަނަ އިގްތިސާދު ކަމަށްވާ ޖަޕާން ހިމެނޭތީ އެޖަމާއަތަކީ ދުނިޔޭގެ އިގްތިސާދުގެ %32 ހިއްސާކުރާ އިގްތިސާދީ ޖަމާއަތަކަށް ވެގެންދާނެއެވެ. "އާރްސީއީޕީ" ގެ 15 ގައުމުގައި 3.6 ބިލިއަން މީހުންގެ އާބާދީއެއް އޮންނައިރު އެޖަމާއަތުގެ ޖުމްލަ ޖީޑީޕީ 38 ޓްރިލިއަން ޑޮލަރަށް އަރާނެކަމަށް ރިޕޯޓްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)