06 Nov 2019, 18:25
މިހާރު ސަސްޕެންޑް ކޮށްފައިވާ ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމްއަށް ސިޔާސީ ބޭފުޅެއް ކަމަށްވާ، ކުރީގެ މެންބަރު އަލްހާން ފަހުމީ ފައިސާތަކެއް ދިން މައްސަލަ ތަހުގީގު ކުރަން ޖޭއެސްސީއިން މިއަދު ނިންމައިފި އެވެ.
ޖޭއެސްސީއިން މިއަދު ބޭއްވި ބައްދަލުވުމުގެ ނިންމުންތައް އާންމު ކުރަމުން ބުނެފައި ވަނީ، މިއަހަރުގެ މޭ 19 ވަނަ ދުވަހު އަލްހާން ފަހުމީ ގާޒީ ހައިލަމްއަށް 200،000 ރުފިޔާގެ ޓްރާންސެކްޝަނެއް ހިންގާފައިވާ ކަމަށް ބުނެ ފުލުހުން އެ ކޮމިޝަންގެ ސަމާލުކަމަށް އެކަން ގެނެސްފައިވާ ކަމަށެވެ.
އެހެން ކަމުން އެއީ ފަނޑިޔާރުގެ ސުލޫކާ ގުޅޭ ސީރިއަސް މައްސަލައަކަށް ވާތީ އެ މައްސަލަ ބަލަން ނިންމާފައިވާ ކަމަށް ވެސް ޖޭއެސްސީއިން ބުންޏެވެ.
އިއްޔެ ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ވެސް ވަނީ އަލްހާން ގާޒީ ހައިލަމްގެ އެކައުންޓަށް 200،000 ރުފިޔާ ޖަމާކުރި ކަމަށް އެމްއެމްއޭގެ ފަރާތުން ފުލުހުންނަށް ހުށަހެޅުމުން އެ މައްސަލަ ޖޭއެސްސީގެ ސަލާމުކަމަށް މިހާރު ގެނެސްފައިވާ ކަމަށް ވިދާޅުވެފަ އެވެ.
އެ ތުހުމަތުތަކާ ގުޅިގެން އަލްހާން ފަހުމީ އިއްޔެ ޓްވީޓް ކުރައްވާ ވިދާޅުވީ، މީހެއްގެ މައްޗަށް ވަކި ގޮތަކަށް ހުކުމެއް އިއްވަން ސަރުކާރުން ބޭނުންވިޔަސް އެއީ ބޮޑުވަރު ކަމަށާއި އެކަމުގެ ހަގީގަތް މީޑިއާއަށް ވަރަށް އަވަހަށް ސާފުކޮށްދެއްވާނެ ކަމަށެވެ.
ގާޒީ ހައިލަމް ސަސްޕެންޑް ކުރަން ޖޭއެސްސީއިން އިއްޔެ ނިންމާފައި ވަނީ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކަރުގައި ޗޭނު ޖަހައިގެން ދަމާތަން ފެންނަ ކާޓޫނެއް ވައިބާ ގުރޫޕަކަށް ފޮނުވައި ނަސްރުގެ ދުވަހުގެ ތަހުނިޔާ ކީ މައްސަލައިގަ އެވެ. މީގެ އިތުރުން، ހައިލަމް ހަވާލުވެފައިވާ ބައެއް މައްސަލަތައް ލަސްވާ މައްސަލަ ވެސް ޖޭއެސްސީއިން އަންނަނީ ބަލަމުން އެވެ.
އޭނާ ސަސްޕެންޑްކޮށް އަދި އެއަށް ފަހު، އަނެއްކާ ވެސް އިތުރު ސުލޫކީ މައްސަލައެއް ބަލަން ނިންމި އިރު އޭނާ ބައްލަވަމުން ގެންދެވި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑުރިންގެ ދައުވާގައި ހުކުމް އިއްވުން އޮތީ އިއްޔެ މެންދުރު 1:00 އަށް ތާވަލްކޮށްފަ އެވެ. އެހެން ނަމަވެސް ހައިލަމް ސަސްޕެންޑް ކުރުމުން މައްސަލަ ކެންސަލްކުރީ އެވެ.
ގާޒީ ހައިލަމް އަކީ މީގެ ކުރިން ޕީޖީ އޮފީހުގެ ސީނިއާ ވަކީލަކަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.