އަންނަ މަހުގެ ތިން ވަނަ ދުވަހު ނޭޕާލުގައި ފެށުމަށް ހަމަޖެހިފަވާ އޭސީސީ ޓުވެންޓީ ޓްވެންޓީ ކްރިކެޓް ކަޕްގައި ބައިވެރިވާ ރާއްޖޭގެ ކްރިކެޓް ޓީމް މުބާރާތައް ތައްޔާރުވުމުގެ ގޮތުން އަވަށްޓެރި ސްރީލަންކާގައި ފަސް ދުވަހުގެ ޓްރެއިނިން ކޭމްޕެއް ހެދުމަށް ހަމަޖެހިއްޖެ އެވެ.

ކްރިކެޓް ބޯޑުން ބުނީ، ރާއްޖޭގެ ކްރިކެޓް ޓީމް މުބާރާތަށް ތައްޔާރުވުމަށް ލަންކާއަށް ކުރާ ދަތުރު އަންނަ ހުކުރު ދުވަހު ފަށާނެ ކަމަށާއި މިތަމްރީން ދަތުރުގައި ލަންކާގެ ޓީމްތަކާއެކު ރާއްޖޭގެ ޓީމް ފަސް މެޗް ކުޅޭނެ ކަމަށެވެ.

މިފަހަރުގެ މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން ރާއްޖެ ޓީމުގެ ފަރިތަކުރުންތައް ފަށާފައި ވަނީ ހުސްވި އޮގަސްޓް މަހުގައެވެ. އެގޮތުން ޓީމާއެކު 18 ކުޅުންތެރިންގެ ސްކޮޑެއް ފަރިތަކުރުން ތަކުގައި ބައިވެރިވަމުން ދެއެވެ.

ކްރިކެޓް ބޯޑުގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ފައިޞަލް ވިދާޅުވީ، ސްރީލަންކާއަށް ކުރާ ދަތުރަށް 14 ކުޅުންތެރިންގެ ސްކޮޑެއް ނަގާއިރު، މުބާރާތަށް ދާނީ ލަންކާއަށް ކުރާދަތުރުގައި ބައިވެރިވާ ސްކޮޑު ކަމަށެވެ. އަދި ޓީމުގެ ދަތުރު ހަމަޖެހިފައިވާގޮތުން، ޕްރެކްޓިސް ޓުއާ ނިންމުމަށްފަހު ޓީމް ދާނީ ސީދާ ނޭޕާލަށް ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

މިފަހަރުގެ މުބާރާތުގައި ރާއްޖެ ހިމެނެނީ ގްރޫޕް އޭ ފަޅީގައެވެ. މި ގްރޫޕްގައި ހިމެނޭ ޓީމް ތަކަކީ އަފްޤާނިސްތާން، މެލޭޝިޔާ، އޯމާން އަދި ބޫޓާނެވެ. އަދި މުބާރާތުގެ ގްރޫޕް ބީ ފަޅީގައި ހިމެނޭ ޓީމް ތަކަކީ ނޭޕާލް، ހޮންކޮން، ޔޫއޭއީ، ކުވައިތު އަދި ސައުދީ އަރަބިއްޔާއެވެ.

އޭޝިޔާގއ ޓެސްޓް ކުރިކެޓް ކުޅޭ ގައުމުތައް ފިޔަވައި ދެން އެންމެ މޮޅު 10 ޤައުމު ވާދަކުރާ މިމުބާރާތުގައި ރާއްޖެއިން ބައިވެރިވާ މިއީ ފުރަތަމަ ފަހަރެވެ. މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ލިބުނީ މިދިޔަ އަހަރު ބޭއްވުނު އޭސީސީ ޓޮރޮފީ ޗެލެންގ ރާއްޖެ ކާމިޔާބު ކުރުމުންނެވެ.

މުބާރާތުގައި ރާއްޖޭގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވާ ދުވަސްތައް
4ޑިސެމްބަރު: ރާއްޖެ އާއި ބޫޓާން
5 ދިސެމްބަރު: ރާއްޖެ އާއި މެލޭޝިޔާ
7 ޑިސެމްބަރު: ރާއްޖެ އާއި އަފްޣާނިސްތާން
8 ޑިސެމްބަރު: ރާއްޖެ އާއި އޯމާން