05 Nov 2019, 11:46
ރައްޔިތުންގެ މަޖިލީހުގެ ނިޒާމު ގެއްލުވާލުމުން އެންމެފަހުން، އިދިކޮޅު ހަތަރު މެންބަރެއްގެ ނަން އިއްވަވައި ތަޅުމުން ބޭރުކޮށްފި އެވެ.
މިއަދުގެ ޖަލްސާގައި ނަން އިއްވަވާފައިވަނީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އާއި ނައިފަރު ދާއިރާ މެންބަރު އަހްމަދު ޝިޔާމްގެ އިތުރުން މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު، ޓޮމްގެ ނަމެވެ. އަދި އޭގެ އިތުރުން ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދުގެ ނަން ވެސް ވަނީ އިއްވާފަ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުނީއްސުރެން ނޮޅިވަރަމް ދާއިރާގެ މެންބަރު ނަޝީދު ދިޔައީ ދޭތެރެ ދޭތެރެއިން ތަޅުމުގައި 'ކަށިގަނޑު' ފުމެމުންނެވެ. އެކަމުގެ ސަބަބުން ބައެއް މެންބަރުންނަށް ބަހުސް ކުރުމަށް އުނދަގޫވެގެން ވަނީ އެކަން ވެސް ފާހަގަކޮށްފަ އެވެ.
މިއަދުގެ ޖަލްސާ ފެށުމާއި އެކު ވެސް ތަޅުން ވަނީ ހޫނު ވެފައެވެ. އެއީ މަޖިލީހުގެ ރައީސް ޖޭއެސްސީގެ ބައްދަލުވުމަށް ވަޑައިގަތުމުންނެވެ. އިދިކޮޅު މެންބަރުން އެކަން ސިފަކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް މިއަދު ތާވަލުކޮށްފައި ވަނިކޮށް އެ މައްސަލަ ބައްލަވާ ގާޒީއަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކުރާ ކަމެއްގެ ގޮތުގަ އެވެ.
އިދިކޮޅު މެންބަރުންގެ ނުތަނަވަސްކަން ބަހުސް މަރުހަލާގައި ފާޅުކުރެއްވުމުގެ އިތުރުން ނިޒާމީ ނުކުތާގައި ވެސް އެކަންކަން ދިޔައީ ފާހަގަ ކުރަމުންނެވެ. އަދި ރިޔާސަތުން ވެސް ވަނީ އެ ފުރުސަތު ދެއްވާފަ އެވެ. ނަމަވެސް މެންބަރު ނަޝީދު އާއި ޝިޔާމްގެ އިތުރުން ތޯރިގުގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފައިވަނީ ކޮއްޅަށް ތެދުވެވަޑައިގަތް އަޑުގަދަ ކުރައްވަން ފެއްޓުމުންންވެ. އަދި ރިޔާސަތުން ރައީސް ނަޝީދު ތަކުރާރުކޮށް އެދެމުން ވެސް އެ މެންބަރުން 'މައިތިރި' ނުވުމުން ނަން އިއްވައި ތަޅުމުން ވަނީ ބޭރުކޮށްފަ އެވެ.