ވޭތުވެދިޔަ 10 މަސް ދުވަހުގެތެރޭގައި ކުޑަކުދިންނާއި ގުޅޭ ގޮތުން ހާހަކަށްވުރެ ގިނަ މައްސަލަ ހުށަހަޅައިފި އެވެ.

ހެލްތު މިނިސްޓްރީން މިއަދު ބުނީ ވޭތުވެދިޔަ 10 މަސްދުވަހުގެ ތެރޭގައި ކުޑަކުދިންނާއި ގުޅޭ 1005 މައްސަލަ ހުށަހަޅާފައި ވަނީ އަތޮޅުތަކުގައި ހުންނަ ފެމެލީ އެންޑް ޗިލްޑްރަން ސެންޓަރުތަކަށާއި، ފެމިލީ ޕްރޮޓެކްޝަން ސާވިސް ސެންޓަރަށް ކަމަށެވެ.

މިނިސްޓްރީން މިއަދު ވަނީ މައްސަލަތަކާ ގުޅޭ ތަފާސްހިސާބުތަކެއް ވެސް ހާމަކޮށްފަ އެވެ.

މިނިސްޓްރީން ނެރުނު ހިސާބުތައް ދައްކާ ގޮތުން އެންމެ ގިނައިން ހުށައަޅާފައިވަނީ ކުޑަކުދިންނަށް ކުރާ ހާނިކައިގެ މައްސަލަތަކެވެ. ހާނީއްކައިގެ 56 ޕަސަންޓް މައްސަލަ ހުށައަޅާފައިވާއިރު 24 ޕަސަންޓް މައްސަލައަކީ ޖިންސީ ގޯނާތަކުގެ މައްސަލަތަކެވެ. ސަތާރަ ޕަސަންޓް މައްސަލައަކީ އިހުމާލުގެ މައްސަލަތަކެވެ. ދެން ހިމެނޭ 10 ޕަސެންޓް މައްސަލަތަކަކީ ޖިސްމާނީ އަނިޔާގެ މައްސަލަތަކެވެ.

ތަފާސްހިސާބުތަކުގައިވާ ގޮތުން ވޭތުވެދިޔަ 10 މަސް ދުވަހުގެ ތެރޭގައި 18 އަހަރުން މަތީގެ މީހުންނަށް އަނިޔާ ކުރިކަމުގެ 133 މައްސަލައެއް ވެސް ހުށަހެޅި އެވެ. އޭގެ ތެރޭގައި ހިމެނެނީ ޖިސްމާނީ އަނިޔާތަކުގެ މައްސަލަތަކެވެ.

މިނިސްޓްރީން ބުނީ ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒަށް 31 މީހަކު އެ މުއްދަތުގެ ތެރޭގައި ފޮނުވާފައިވާއިރު ނުކުޅެދުންތެރިކަންހުރި 22 މީހަކާއި، އުމުރުން ދުވަސްވުމުގެ ސަބަބުން އަޅައިލާނެ މީހަކުނެތް ނުވަ މީހުން ހިމެނޭ ކަމަށެވެ.