މަޝްހޫރު ހަރުބީ ބޮޑުބެރު ގްރޫޕުން ރޭ ސްރީލަންކާގައި ބޭއްވި ޝޯގެ ތެރޭގައި ދިވެހިންނާއި ލަންކާ ބަޔަކާ ދެމެދު މާރާމާރީ ހިންގައި ދިވެހި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލައިފި އެވެ.

"ހަރުބީ ގޯ އިންޓަނޭޝަނަލް ވިތު މިހިން ލަންކާ"ގެ ނަމުގައި ލަންކާގައި ރޭ ބޭއްވި ޝޯ ކުރިއަށްދިޔަ ވަގުތު ލަންކާ މީހެއްގެ ގައިގައި އެ ވަގުތު ޝޯ ބަލަން ގޮސް ތިބި ދިވެހި ޒުވާނުންތަކެއް ތަޅައިގަނެ މާރާމާރީ ހިންގި ކަމަށް ޝޯ ބަލަން އިން މީހަކު ބުންޏެވެ. އަދި ފަހުން ޝޯ ނިމުނު ވަގުތު އެތަނަށް ދިޔަ ލަންކާ ބަޔަކު ވަނީ ދިވެހި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައި ކަމަށް ވެސް އޭނާ ބުންޏެވެ.

ސަން އަށް މައުލޫމާތު ދިންމީހާ ބުނީ މާރާމާރީ ހިނގަން ދިމާވި ސަބަބެއް ކަމަށް ބެލެވެނީ ދިވެހި ޒުވާނުންތަކަކާއި ލަންކާ މީހަކާ ދެމެދު ހިނގި ޒުވާބެއްގެ ތެރޭ ކަމަށެވެ.

ކޮލަމްބޯގެ ސައުތު އިންޓަނޭޝަނަލް ކޮލެޖްގައި ރޭ ބޭއްވި ޝޯ ނިމުނު ވަގުތު އެ ސަރަހައްދަށް ގިނަ އަދަދެއްގެ ފުލުހުން ޖަމާވި ކަމަށް ވެސް ޝޯ ބަލަން ދިޔަ ޒުވާނަކު ބުންޏެވެ.

ދެ ފަހަރަށް "ބޮޑުބެރު ޗެލެންޖް" ކާމިޔާ ކޮށްފައިވާ ހަރުބީ ބޮޑުބެރު ގްރޫޕާއި ދިވެހި ޑިޒައިން ގުޅިގެން ބޭއްވި ޝޯއަކީ ސްރީލަންކާގައި ތިބި ހަރުބީގެ ސަޕޯޓަރުންނަށް ހަރުބީގެ ހަރަކާތްތައް ދައްކާލުމަށް ބޭއްވި ޝޯ އެކެވެ.