05 Nov 2019, 09:22
ޖުޑީޝަލް ސާވިސް ކޮމިޝަނަށް، ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ހާޒިރު ކުރާ ޖަލްސާއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަޑައިގެންނެވުމުން އިދިކޮޅު މެންބަރުން އަޑު ގަދަކޮށް މަޖިލިސް ހުއްޓުމަކަށް އައިސްފި އެވެ.
މަޖިލިސް ތަޅުން ހޫނުވީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުން ކުރިއަށް ދަނިކޮށް، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ނިޒާމީ ނުގުތާއެއް ނަންގަވައި މަޖިލީހުގެ ރައީސް، ނަޝީދު ޖޭއެސްސީގެ ބައްދަލުވުމަށް ވަޑައިގެންނެވީ މިއަދު ރައީސް ޔާމީންގެ މައްޗަށް އިއްވާ ހުކުމަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަމަށް ވިދާޅުވުމުން އެވެ.
"މި ވީޑިއޯގައި ވަނީ މަޖިލީހުގެ ރައީސް ބޭން ޖަހާފައި ސުޕްރީމް ކޯޓަށް ވަޑައިގަންނަވާތަން. ސީދާ ސުޕްރީމް ކޯޓަށް މަޖިލީހުގެ ރައީސް އެ ދަނީ ރައީސް ޔާމީންގެ ހުކުމަށް ވަކިގޮތަކަށް ބާރުފޯރުވައި ނުފޫޒު ފޯރުވުމަށް. އެހެންވީމަ މަޖިލީހުގައި މިއަދު ނިޒާމް ނެތްކަން އަޅުގަނޑު ދަންނަވާލަން،" ކުރީގެ އިކޮނަމިކް މިނިސްޓަރުކަން ވެސް ކުރެއްވި ސައީދު ނިޒާމީ ނުގުތާ ނަންގަވައި ވިދާޅުވި އެވެ.
ސައީދު ނެންގެވީ ނިޒާމީ ނުކުތާއެއް ނޫން ކަން މަޖިލީހުގެ ނައިބް ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވުމާއި އެކު އިދިކޮޅު މެންބަރުން ވަނީ ކޮއްޅަށް ތެދުވެވަޑައިގަތް އަޑުގަދަ ކުރައްވަން ފައްޓަވާފަ އެވެ. އަދި ސަރުކާރަށް ނިސްބަތްވާ ބައެއް މެންބަރުން ވެސް ވަނީ އެ މެންބަރުންނަށް ރައްދު ދެއްވައި އަޑުގަދަ ކުރައްވަން ފައްޓަވާފަ އެވެ.
ޖޭއެސްސީގެ ބައްދަލުވުމަށް ނަޝީދު ވަޑައިގަނެފައިވާތީ އެކަމާ ދެކޮޅަށް އިދިކޮޅު މެންބަރުން ވާހަކަ ދައްކަވާތީ އެކަމަށް ރައްދު ދެއްވައި އީވާ ވިދާޅުވީ، މަޖިލީހުގެ ރައީސް ޖޭއެސްސީގެ ބައްދަލުވުމަށް ވަޑައިގަންނަވަނީ އެ ކޮމިޝަނުގެ މެންބަރެއްގެ ހައިސިއްޔަތުން ކަމަށާއި އެކަން ގާނޫނު އަސާސީގައި ވެސް ލިޔެފައި އޮންނަ ކަމަށެވެ.
މަޖިލީހުގެ ނައިބު ރައީސް އެހެން ވިދާޅުވި ނަމަވެސް މެންބަރުން މައިތިރިއެއް ނުވި އެވެ. އަދި ތަޅުމުގައި އަޑުގަދަކޮށް ކަށިގަނޑު ފުމޭ މަންޒަރު ވެސް ލައިވް ފީޑުން ފެނުނެވެ.
އެ މަންޒަރުތައް ނުދެއްކުމަށް ފެލިދޫ ދާއިރާގެ މެންބަރު ފަޒުލް ރަޝީދު ވިދާޅުވުން އީވާ ވިދާޅުވީ، މި މަޖިލީހުގައި އެއްވެސް ކަމެއް ރައްޔިތުންނަށް ސިއްރުން ނުކުރާނެ ކަމަށާއި ސެންސަރު ކުރައްވަން ބޭނުންފުޅުވާނަމަ އަމަލުތައް އިސްލާހު ކުރަން ޖެހޭ ކަމަށެވެ.
ޖަލްސާގެ ވަކި ހިސާބަކުން އިދިކޮޅު ބައެއް މެންބަރުން ވަނީ ތަޅުން ދޫކޮށް ނިކުމެވަޑައިގަތްފައެވެ. އަދި އެއާއި އެކު މަޖިލީހުގެ ޖަލްސާ ވަނީ އަލުން ކުރިއަށް ގެންދަވަން ވައްޓާފަ އެވެ.